އަދުގެ ޚާއްސަ

Print

ކުދީންނަށް ވިސްނުމަށް އެހީތެރިވެ ދަސްކޮށްދޭނީ ކިހިނެއް؟

ޝާޢިއުކުރީ ޝާފިޢާ މުޙައްމަދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



އާމިނަތު ޝާފިޔާ އާދަމް

ކަންކަމާ މެދު ވިސްނާ ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ކުދިންގެ އެންމެ ޅަފަތުގައިވެސް މާތްﷲ އެމީހުންގެ ކިބައިގައި ލައްވާފައިވެއެވެ. އެންމެ ޅައިރު ކަންތައްތައް ވިސްނާ ގޮތާ ދަސްކުރާގޮތް ތަފާތު ނަމަވެސް ކަންތައްތައް ދެނެގަތުމަކީ އެކުދިންގެ ޒާތުގައި ލައްވާފައިވާ ޣަރީޒާއެކެވެ. ކަންކަމާ  މެދު ވިސްނާގޮތް ކުދިންގެ ޢުމުރުގެ ތަފާތު މަރުހަލާތަކުގައި ބަދަލުވަމުންދެއެވެ.


ކުދިންގެ ވިސްނުމާ ކަންތައްތައް ހޯދާ ބެލުމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ތިއަރީއެއް ނެރެފައިވާ ޖޭން ޕިއާޖޭ ފާހަގަ ކުރައްވާ ގޮތުގައި އެންމެ ޅަފަތުގެ ކުދިން (ވިހެއިއްސުރެ 2 އަހަރުވުމަށް ދާންދެން)  ވިސްނަނީ ނުވަތަ ކަންތައް ތައް ދެނެގަންނަން ފަށަނީ އެކުދިންގެ ހިއްސުތައް މެދުވެރިކޮށެވެ. މިޢުމުރުގައި އެކުދިންނަށް ފެންނަ ފެނުންތަކާ، އިވޭ އަޑުތަކާ، އިހުސާސް ކުރެވޭ އިހުސާސްތަކާ، ދުވާ ވަސްތަކުން އަދި ލާ ރަހަތަކުން ކަންކަމަށް ވިސްނާ ހަދަން ދަސްވެއެވެ. މިގޮތުން ކުދިންގެ ވިސްނުން ގުޅިފައިވަނީ އެކުދިންގެ 5 ހިއްސާއެވެ. އެންމެ ޅަފަތުގައި އެކުދިންގެ ކިބައިގައިވާ ޠަބީޢީ ބާރުތައް ނުވަތަ ރިފްލެކްސަސް ގެ ތެރެއިން ކުދިން އާތަޖުރިބާތައް ކުރަންފަށައެވެ. މިފާހަގަ ކޮށްލެވުނީ އެންމެ ޅަފަތުގައި ކުދިންގެ ވިސްނުން އަމާޒު ކުރެވިފައިވާ ގޮތެވެ. މައިންބަފައިންނަށް މިޢުމުރުގެ ކުދިންނަށް ވިސްނަން ދަސްކޮށްދިނުމުގެ ގޮތުން ނުވަތަ އެހީތެރިވެދިނުމުގެ ގޮތުން ތަފާތު އިހުސާސްތަކާ، ތަފާތު ތަކެތީގެ ވަސްވަހާ ތަފާތު ދިރޭތަކެތީގެ އަޑުއަޑާ އަދި އެކި ބާވަތުގެ ކާނާގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުޞަތު ދެވިދާނެއެވެ. އަދި މީގެއިތުރުން ތަފާތު ކުލަތަކާއި ތަފާތު ބައްޓަންތަކުގެ ތަކެތީގައި އަތްލާ ބަލާ ހެދުމަށް ފުރުޞަތު ދިނުމަކީ ވެސް ކުދިންގެ ވިސްނުން ތަރައްޤީވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިޢުމުރުގެ ކުދިންގެ ފާހަގަ ކުރެވެނީ ކަންތައްތައް ހޯދާ ތަޖުރިބާ ކުރުމަށް ބޭނުންވާ ކުދިބައަކަށްވާކަމެވެ. އަދި އަތުގައި ޖެހޭ ކޮންމެ އެއްޗެއް އަނގައަށް ލާބަލާ އަތްއުގުޅާ ހެދުމަކީ މިކުދިންގެ އާދައަކަށް ވެފައިވަނީ އެއީ ކޮންއެއްޗެއްތޯ ހޯދާ ބެލުމަށެވެ. މިހެން ކަމުން ޕިއާޖޭ މިޢުމުރު ކުދިންނަށް ދީފައިވާ ނަމަކީ އެކްސްޕްލޯރާ ނުވަތަ "ހޯދާ ބަލާ ކުއްޖާ" މިނަމުންނެވެ.

ޕިއާޖޭ ފާހަގަ ކުރައްވާފައިވާ ދެވަނަ މަރުހަލާ އަކީ އަޅުގަޑުމެންގެ ކުދިންގެ ޕްރީސްކޫލުގެ ޢުމުރު ނުވަތަ 2-6 އަހަރާ ދެމެދުގެ ކުދިން ވިސްނާ ހަދާ ގޮތެވެ. މިކުދިންނަކީ މާހައުލުން ފެންނަ ކަންކަމާއި އާތަޖުރިބާތައް ކޮށް ހަދާ ހިތްވާ ކުދިބައެކެވެ. މިޢުމުރުގައި ކުދިންގެ ވިސްނުންގުޅިފައިވާނީ އޭނާގެ ބޭނުންތަކާ އެނާ ގަޔާވާ ކަންކަމާއެވެ. އެބޭނުންވާ ކަންކަމަކީ އެހެންމީހުންނަށް އެއިން މާބޮޑޫ މާނައެއް ނުވަތަ ފައިދާއެއް ހުރިކަމެއް ނޫން ކަމުގައިވިއަސް އެޢުމުރުގެ ކުއްޖަކަށް އެކަންތައް މުހިއްމު ވެދާނެއެވެ. ކަންކަމުގެ ޙަޤީޤަތް ދެނެގަނެ ވެދާނެ ގެއްލުން ނުވަތަ ފައިދާ އަށް ވިސްނައިގެން ކަންކުރުމަށް ވުރެ މިޢުމުރުގައި ކުދިންގެ ވިސްނުން އަމާޒު ކުރެވިފައިވާނީ އޭނާއަށް މުހިއްމު ކަންކަމާއެވެ. އޭނާއަށް ރަގަޅު ހުރިހާ ކަމެއް ނުވަތަ ވާ ކަންކަން އެހެންމީހުންނަށް ވެސް ރަގަޅުވާނޭ ނުވަތަ ވާނޭ ހީވުމަކީ މިޢުމުރުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ސިފައެކެވެ. މައިންބަފައިންނަށް މިޢުމުރުގެ ކުދިންނަށް ވިސްނުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމަކީ، ތަފާތު ކުޅިވަރުތައް ކުޅޭއިރު ޚިޔާލީ ވާހަކަ ދެއްކުމަށް ފުރުޞަތުދީ އެއްޢުމުރުގެ ކުދިންނާ ގިނައިން ވާހަކަ ދެއްކުމަށް މަގުފަހިކޮށްދީ ހެދުމެވެ. މިޢުމުރުގައި ކުދިންގެ ގެންގުޅޭ ކުޅާއެއްޗެހި އެއީ އަސްލުތަކެތި ކަމަށް ހަދައިގެން އެގޮތަށް ޚިޔާލީ ވާހަކަ ދައްކާ ހަދާ ކުޅުމަށް ފުރުޞަތު ދިނުމަކީވެސް ކުދިން ވިސްނުން ތަރައްޤީވުމަށް އެހީތެރިވެދެވޭ ގޮތެކެވެ.

ޕިއާޖޭގެ ތިއަރީގައި ފާހަގަ ކުރެވިފައި ވިސްނުމުގެ ތަފާތު ބަދަލުތަކެއް އަންނަ ތިންވަނަ ޢުމުރަކީ، 6 ނުވަތަ 7 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންގެ ވިސްނުމުގެ ހުންނަ ގޮތްތަކެވެ. މިޢުމުރުގެ ކުދިންގެ ވިސްނުން ގުޅިގެންދަނީ ކުރިން އެކުދިންގެ ހުރި ޚިޔާލީ ވިސްނުންތަކާއި އެކުދިންގެ ވަށައިގެންވާ މާހައުލާ ގުޅިފައިވާ ޙަޤީޤަތްތަކާއެކު ވިސްނުމެވެ. މިޢުމުރުގައި ޚިޔާލީ ކަންތައްތަކާއި ދުރުވެ ކޮންމެ ކަމެއްގައިވެސް ރޭޝަނަލްކޮށް(ބުއްދި) ނުވަތަ ފެންނަ ފެނުމުގައި އެކުލެވޭ ޙަޤީޤަތްތަކާއި މެދު ވިސްނައެވެ. މިޢުމުރުގެ ކުދިން ވަރަށް ގިނައިން ސުވާލުކޮށް ކަންކަމުގެ ޙަޤީޤަތް ހޯދަން އުޅޭނެއެވެ. މިހެންކަމުން މިދުވަސްވަރު މައިންބަފައިން އެންމެ އިސްކަމެއް ދޭންޖެހޭނީ އެކުދިންގެ ސުވާލުތަކުގެ އެކަށީގެންވާ ޖަވާބުތައް ހޯދާދީ ގިނައިން ކަންކަމާބެހޭގޮތުން ކިޔުމަށް ފުރުޞަތުދީ ހެދުމެވެ. ކުދިންގެ ހިތުގައި ކިޔުމަށް ޝައުޤުވެރި ކުރުވުމަކީ މިޢުމުރުގެ ކުދިންގެ ވިސްނުން އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތެކެވެ. އަދި އޭގެ އިތުރުން ތަފާތު ކުޅިވަރުތަކުގައި ބައިވެރިކުރުވާ ދިރިއުޅުމުގެ ކަންކަން ހޯދާ ބެލުމަށް މަގުފަހިވާ ގޮތަށް އެކުދިންގެ ސުވާލުތަކަށް އިޖާބަ ދިނުމަކީ ވެސް މިޢުމުރުގައި ވިސްނުމަށް އެހީތެރިވެވިދާނެ ގޮތެކެވެ.
 
ކިޔަވައިދޭ އިރު އަޅުގަޑުމެން މުދައްރިސުން މިޢުމުރުގެ ކުދިންނަށް ވިސްނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ފިލާވަޅުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް އަނގައިން އަނގައަށް އަޅާ ދިނުމުގެ ބަދަލުގައި ދަރިވަރުން މަޢުލޫމާތު ހޯދާ ބަލާ ހެދުމަށް ފުރުޞަތު ދިނުން ރަގަޅުވާނެއެވެ. މިބީދައިން މިޢުމުރުގެ ކުދިންނަށް އިގިރޭސި ނުވަތަ ދިވެހި ތަފާތު ލިޔުމުގެ ހުނަރު ތައް ކިޔަވައިދޭއިރު ޚިޔާލީ ކަމެއް ސިފަ ކުރުމަށް ވުރެ ޙަޤީޤީ ކަންކަމާ ގުޅުވައިގެން ލިޔުމުގެ ހުނަރު ތައް ކުރިއަރުވަން މަސައްކަތް ކޮށް ދިނުމަކީ މުހިއްމު ކަމެއް. މީގެއިތުރުން ހިސާބު ފަދަ ފިލާވަޅުތައް ކިޔަވައިދޭއިރު ސީދާ އެކުދިންނަށް ޖަވާބު ބުނެދިނުމަށް ވުރެ އެކުދިން އަމިއްލައަށް ޖަވާބު ހޯދުމަށް ނުވަތަ މައްސަލަ ޙައްލުކުރުމަށް ފުރުޞަތު ދިނުން ރަގަޅުވާނެއެވެ.  


މިގޮތުން ކުލާސްރޫމެއްގައި މިފަދަ މާހައުލެއް ޤާއިމު ކުރުމަށް ކުރެވިދާނެ ތަފާތު ކަންކަން ބައެއް ދިރާސާތަކުގައި ހިމަނާފައިވެއެވެ. މިކަމަށް އިޝާރާތް ކޮށް ސިލްބެއި 1990 ފާހަގަ ކުރާގޮތުގައި ކުލާސްރޫމަކީ އެހީތެރިކަން ބޭނުންވާ ހިނދު އެހީތެރިކަން ލިބޭ މާހައުލަކަށް ހެދުން މުހިއްމެވެ. ކުދިންގެ އަމިއްލަ މިނިވަންކަމުގައި މައްސަލަ ހައްލުކުރުމަށް ފުރުޞަތު ދީ މިނިވަންކަމާއެކު ކުލާހުގައި މައްސަލަ ޙައްލުކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފުރުޞަތު ދޭން ޖެހޭނެއެވެ. މައްސަލަ ޙައްލު ކުރުމަށް ދައްކާވާހަކަ ވީވަރަކުން ސްޕެސްފިކްކޮށް ވަކިކަމަށް އަމާޒުކުރުވައިގެން ވާހަކަ ގެންދިއުމަށް މުދައްރިސަށް އެހީތެރިވެވިދާނެއެވެ.

ކުދިންގެ ވިސްނުމާއި އުނގެނުމާއި ބެހޭގޮތުން ލިއުއްވާފައި އެހެން ޢިލުމު ވެރިއެއް ކަމަށްވާ ވައިގޮޓްސްކީގެ ތިއަރީގައި ފާހަގަ ކުރާގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރެވޭނީ އޭނާގެ ކުރީގެ ވިސްނުން ނުވަތަ ކުރިންއެގިފައިވާ މިންވަރު ދެނެގަނެވިގެންނެވެ. މިކަން ދެނެގަތުމަށް ފަހު ދަރިވަރަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވޭނެ ކޮންކަމެއްތޯ ކޮންގޮތަކަށްތޯ ކިހާމިންވަރަކަށްތޯ ހޯދައިގަތުމަށް ފަސޭހަވެއެވެ. އޭނާވެސް ފާހަގަ ކުރާގޮތުގައި ސީދާ ސީދާލަށް މައްސަލައިގެ ޙައްލު ބުނެދިނުމުގެ ކުރިން ދަރިވަރުންނަށް ކުރިން އެނގިފައިވާ ކަންތަކާ މަޢުލޫމާތާއި މިހާރު ކުރަންވާ މަސައްކަތާ ގުޅުވާ އެއްޢުމުރުގެ ކުލާސް ކުދިން ނުވަތަ އެއަށްވުރެ ޢުމުރުން ދޮށީ މީހެއްގެ އެހީތެރިކަމާއެކު އިތުރަށް ވިސްނަން ފުރުޞަތު ދިނުން މުހިއްމެވެ.

މިގޮތުން ކުލާސްރޫމެއްގައި ކުދިންގެ ވިސްނުން ވަކިދިމާލަކަށް، ވަކިގޮތަކަށް އަމާޒު ކުރުވުމަށް މުދައްރިސަށް ކުރެވިދާނެ ކަންކަމަކީ، ފުރަތަމަ އިރުކޮޅަކު މަޑުމައިތިރިކަމާ ހަނު ހިމޭންކަމާއެކު ވިސްނާލުމަށް ހިތްވަރުދޭށެވެ. ދެން އެވިސްނިކަންތައް ނުވަތަ މައްސަލަ ޙައްލުވާނެ ގޮތާއިބެހޭގޮތުން އައި ޚިޔާލު ނޯޓްކޮށްލަން ބުނާށެވެ. ތިންވަނަކަމަކަށް އެގޮތް ނުވަތަ އައި ޚިޔާލު ރަގަޅުވީ ނުވަތަ ނުރަނގަޅުވީ ކީއްވެގެންކަން ވަޒަން ކޮށްލަން ބުނާށެވެ. މިގޮތުން މައްސަލަ ޙައްލުކުރުމަށް އެހީތެރިވެދެވޭ ފަދަ މިސާލުތައް ހުށަހެޅުމުގައި މުދައްރިސުގެ ފުރިހަމަ އެހީތެރިކަން ލިބެންވާނެއެވެ.


އިދާރާ

އެނގޭތަ؟

ވާހަކަ