އަލްއަމީރު ޙަސަން ފަރީދު ގެއްލިވަޑައިގަތުން
މި ޚަބަރު ލިބުމާއެކު، މުޅި މާލެއަށާއި ރާއްޖެއަށް ޢާއްމު ވެގެން ދިޔައީ ބަޔާން ނުކުރެވޭފަދަ ފުން ހިތާމައެކެވެ.
![](images/stories/87_photo/hassan_farid_didi.jpg)
އަލްއަމީރު ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގެންނެވި ޚަބަރު މާލެއަށް ލިބުނީ، އެ ހާދިސާ ހިނގުމުގެ ހަތަރު ދުވަސް ފަހުންނެވެ. މި ޚަބަރު ލިބިވަޑައިގަތީ ކޮޅުނބުގައި ހުންނެވި އިނގިރޭސީންގެ ޗީފް ސެކްރެޓަރީ، އަންނަބީލް މުޙައްމަދު އަމީނަށް ފޮނުއްވި، ތިރީގައި މިދަންނަވާ ވައިރުލެސް މެސެޖުންނެވެ:
"ޗީފް ސެކެޓްރީގެ ކިބައިން އަމީން ދީދީއަށް. އަލްއަމީރު ޙަސަން ފަރީދުދީދީ ދަތުރުކުރެއްވި މަނަވަރު ދުޝްމިނުންގެ ހަރަކާތުން ފެތިއްޖެކަމުގައި ޤަބޫލުކުރެވިއްޖެ ވާހަކަ، ވަރަށް ބޮޑު ހިތާމައާއި އެކުގައި އަންގަމެވެ. ސިޓީއެއް މީގެ ފަހަތުން އެބަ ފޮނުވަމެވެ" މިދެންނެވީ ހިޖުރީ ސަނަތުން 1363 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 6 ވީ ހުކުރު ދުވަހު (31 މާޗް 1944) ވައިރުލެހުން މާލެއަށް ލިބުނު ހިތާމަވެރި ޚަބަރެވެ.
އަލްއަމީރު ޙަސަން ފަރީދުދީދީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ގެއްލިވަޑައިގަތުމަކީ، އެދުވަސްވަރު ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އެއާއެކުގައި، އެމަނިކުފާނަށް ވީ ގޮތެއް ނޭނގުމަކީ ދިވެހީންނަށް އެކަން ޤަބޫލުކުރަންވެސް ދަތިވީ ކަމެކެވެ. އެހެންކަމާއެކު، ނުވެނުދާނޭ ފަދައިން، މިކަމާ ގުޅިގެން ވަރަށް ގިނަ ވާހަކަތަކެއް އެއިރުއްސުރެން ރާއްޖޭގައި ދެކެވެމުން އައިސްފައިވެއެވެ. ނަމަވެސް، މިހާރު މި ހާދިސާއާ ބެހޭ މަޢުލޫމާތުތައް ލިބެން އެބަހުއްޓެވެ. އަދި އެކަން ހިނގައިދިޔަ ގޮތް އެނގެން އޮތުމާއެކު، މި ކަމާބެހޭ ގޮތުން އުފެދިފައިވާ އޮޅުންތައް ފިލުވާލުމުގެ ގޮތުން، މި ހާދިސާއާ ބެހޭގޮތުން ހޯދިފައިވާ މަޢުލޫމާތު ޢާއްމުކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.
އަލްއަމީރު ޙަސަން ފަރީދުދީދީ އަކީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ގެ ދެވަނަ ދަރިކަލުންނެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ދަރިކަނބަލުން ކާށިދޫގޭ ދޮންގޮމައެވެ. އެއްބަނޑު އެއްބައްޕާ ބޭބޭފުޅަކީ، އަލްއަމީރު މުޙައްމަދު ފަރީދުދީދީއެވެ. އެއްބައްޕާ ބޭފުޅަކީ އަންނަބީލު އިބްރާހީމް ފަރީދު ދީދީއެވެ. ޙަސަން ފަރީދު ދީދީ ރާއްޖެއިން ބޭރުން ކިޔަވައިވިދާޅުވެގެން އެނބުރި މާލެ ވަޑައިގަތީއްސުރެ، އެމަނިކުފާނު އުޅުއްވައިފައިވަނީ، ޤައުމަށް ޚިދުމަތް ކުރެއްވުމުގައެވެ.
![](images/stories/82_photo/1%20hms%20maaloyefoto.jpg)
![](images/stories/83_photo/dhonthakuru.jpg)
އަލްއަމީރު ޙަސަން ފަރީދު ދީދީ ގެއްލިވަޑައިގަތް ޚަބަރު މާލެއަށް ލިބިވަޑައިގަތީ މެންދުރު ދޭއްޖަހާ އެހައިކަށްހާ އިރުއެވެ. ދެން އެއިރު އޮތް ވަލީ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު، ރަޢިއްޔަތުންގެ ޚާއްޞަ މަޖިލީހުގެ ބައްދަލުވުމެއް އަވަހަށް ބޭއްވުނެވެ. އެއަށްފަހު މިޚަބަރުގެ އިޢުލާނެއް ހަތަރު އަވަށުގެ މައިޒާންދޮށުގައި ބެހެއްޓެވިއެވެ. އެރޭގެ ޢިޝާނަމާދަށް ފަހު، އަލްއަމީރު ޙަސަން ފަރީދުދީދީއަށް ރަޙްމަތްލެއްވުން އެދި، ހުކުރު މިސްކިތުގައި ދުޢާކުރެވުނެވެ.
![](images/stories/82_photo/2hms%20maaloye%20chart.jpg)
ޖަރުމަން ސަބްމެރީނަކުން ފައްތާލި މަނަވަރު އެޗް. އެމް. އެސް. މާލޮއީ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަލާކުވެގެންދިޔަ ކުޑަކުޑަ މަނަވަރެކެވެ. އެ މަނަވަރަކީ ކިތަންމެ ކުޑަ އުޅަނދެއް ނަމަވެސް، އެމަނަވަރު ހަލާކުވެ ދިޔުމުން ދިވެހިރާއްޖެއަށް ގެއްލުނީ އޭގައި އެވަގުތު ހުންނެވި ނުހަނު އަގުހުރި ދިވެހި ދަރިއެކެވެ. އަލްއަމީރު ޙަސަން ފަރީދު ދީދީއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި ދަތި ދުވަސްވަރުގައި، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އޭނާ ކޮށްދެއްވި ޚިދުމަތްތަކަކީ، ދިވެހި ތާރީޚުގައި ބިންވަޅުނެގިފައިވާ ޚިދުމަތްތަކެކެވެ. ސުމުއްވުލް އަމީރު މުޙައްމަދު އަމީން ލިޔުއްވައިފައިވާ ގޮތުގައި، "އޭނާ ކުރެއްވި ޚިދުމަތްތަކުގެ ދިގުމިން ބަލާނެ ފީތާއެއް، ފުންމިން ބަލާނެ މުޑުތެއް، ބަރުމިން ބަލާނޭ ތިލަފަތެއް ނުވެއެވެ."
ކީރިތިވަންތަ މާތް ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށިއެވެ. އާމީން!
-----------------
(ނިމުނީ)
(ނިމުނީ)
ފޮޓޯތަކުގެ ތަޢާރުފު:
1- އެޗް. އެމް. އެސް. މާލޮއީ.
2- ކެޕްޓަން ލެފްޓަނަންޓް އަލްފްރަޑް އައިކް
3- އެޗް. އެމް. އެސް. މާލޮއީ ޓޮރުޕިޓޯކޮށް، ފައްތައިލިތަން ފާހަގަ ކޮށްދޭ ޗާޓު
ނޯޓު: މި ލިޔުމުގައި ހިމަނައިފައިވާ މަޢުލޫމާތު މައިގަނޑުގޮތެއްގައި ނަގައިފައިވަނީ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވައިފައިވާ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މިފޮތުންނާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އަރުޝީފުގައިވާ "ކަންކަން ހިނގާ" ރެކޯޑުތައް ލިޔެފައިވާ އެއް ނަންބަރު ފޮތުންނާއި، އިންޓަނެޓްގެ www.wrecksite.eu މި ސައިޓާއި، އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ފެތުނު ބޯޓުފަހަރުގެ މަޢުލޫމާތު ދީފައިވާ ބައެއް އެހެން ވެބްސައިޓުންނާއި، އިނގިރޭސި ވިލާތުގެ ކިޔޫގައި ހުންނަ ޕަބްލިކް ރެކޯޑްސް އޮފީހުގެ ބައެއް ލިޔުންތަކުންނާއި، އަދި އެމަނިކުފާނުގެ ޢާއިލާގެ ބައެއް ބޭފުޅުން ދެއްވި މަޢުލޫމާތުންނެވެ.
މަތީގައި ލިޔެފައިވާ މައިގަނޑު މަޒުމޫނަކީ 18.12.2010މ މި ދުވަހުގެ ހަވީރު ނޫހުގައި ޝާއިޢުކުރެވިފައިވާ މަޒުމޫނެކެވެ. މަޒުމޫނު ލިޔުނީ ނަސީމާ މުޙައްމަދެވެ. ފަންވަތުގައި މި ލިޔުން ޝާއިޢު ކުރެވިފައި މި ވަނީ، އިތުރު ބައެއް އިޞްލާޙާއެކުގައެވެ. ޚާއްޞަކޮށް ބައެއް ފޮޓޯއާއި ކުރެހުން ހިމެނޭ ގޮތަށެވެ.
މި ލިޔުން؛
ފޮނުވުން: އަލްފާޟިލާ ނަސީމާ މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''