ނަފީކުރުމުގެ މައިގަނޑު އުޞޫލުތައް
ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
ނަފީކުރުމަކީ ވެސް ދިވެހިބަހުގައި އޮންނަ، ވަރަށް މުހިއްމު ހަމައެކެވެ. ބޭނުންތެރި ހަމައެކެވެ. ބަހުގެ ހަމަތަކާ އެއް ގޮތަށް ނަފީކުރުމުގެ އުޞޫލުތަކަށް ސަމާލުކަން ނުދޭނަމަ ގެއްލުންތަކެއް ލިބޭނެ ހަމައެކެވެ. ނަމަވެސް މިއީވެސް ވަރަށް ގިނަ ބަޔަކަށް ނޭނގޭ އަދި އިހުމާލުކޮށްލެވިފައިވާ ހަމައެކެވެ. ފަހެ ނަފީކުރުމަކީ ކޮބައިތޯއެވެ؟
ނަފީ ކުރުމަކީ، ނުވެޔޭ، ނެތޭ، ނުވަތަ ނޫނޭ ބުނުމަށް ޓަކައި ނުވާކަން، ނުވަތަ ނެތްކަން، ނުވަތަ ނޫންކަން އަންގައިދިނުމަށް ބުނާ ބުނުންތަކެވެ.
މިސާލު: ކޮޓަރީގައި އެކައްޗެއް ވެސް ނުވެއެވެ.
އަހަރެންގެ އަތުގައި އަދި ފައިސާއެއް ނެތެވެ.
އެއީ އެ މުހައްމަދެއް ނޫނެވެ.
މި ގޮތުން ނަފީގެ މާނަ ދޭހަވާ އަކުރުތަކަކީ ނަފީގެ އަކުރުތަކެވެ. ނަފީގެ މާނަ ދޭހަވާ ގޮތަށް ބުނެވޭ ޖުމުލަތަކަކީ ނަފީގެ ޖުމުލައެވެ. މި ނޫން ހުރިހާ ޖުމުލަ އަކީ ސާބިތު ޖުމުލަ އެވެ.
ދިވެހިބަހުގެ އަށް ބައިގެ ތެރެއިން ނަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެނަން، އަކުރު، މިއިން ބައެއް ނަފީކުރާ ނަމަ އޭގެ ފަހަތަށް ޢާއްމުކުރުމުގެ އަކުރު އިތުރުކުރުމާއެކު [ނޫން] މި އަކުރު އިތުރުކުރެވެއެވެ.
ދިވެހި ބަހުގައި ލަފުޒު ހިމެނޭ ބައި |
ނަފީނުކުރާއިރު އޮންނަ ގޮތް |
ނަފީކުރާ ގޮތް |
ޚާއްޞަ ނަން |
ޢައިޝާ |
ޢައިޝާއެއް ނުކުޅޭނެ |
ޢާއްމު ނަން |
ގޮނޑި |
ގޮނޑިއެއް ނެތް |
ނަންއިތުރު |
ފިނޑި |
ފިނޑިއެއް ނޫން |
ކަންއިތުރު |
ރީތިކޮށް |
ރީތިކޮށެއް ނޫން |
ނަންއިތުރުގެނަން |
ކުޅަދާނަކަން |
ކުޅަދާނަކަމެއް ނޫން |
އަކުރު |
އަށް (އޭނާ އަށް) |
އޭނާ އަކަށް ނުދޭނަން |
ޢާއްމު ގޮތެއްގައި ކަންއިތުރާއި ނަންއިތުރު ނަފީކުރާ އިރު ނަފީގެ އަކުރު ގެނެވިފައި ހުންނަނީ ކަންއިތުރާއި ނަންއިތުރުގެ ފަހަތަށް ކަމަށް ވިޔަސް ނަފީގެ އަކުރު [ނު] ކުރިޔަށް ގެނެވޭ ޙާލަތްތަކެއް ވެސް ހުރެއެވެ. މި ދެ ޙާލަތުގައި މާނައިގައި ތަފާތު ހުންނާނެ އެވެ. އެއީ ބަސްބުނާ ޙާލަތާއި މަޤްޞަދާ ގުޅޭ ގޮތުން ގެންނަ ބަދަލުތަކެވެ.
މިސާލު:
ނުގަވާއިދުން - ވާއިދަކުން ނޫން
ނުރައްކާތެރި - ރައްކާތެރިއެއް ނޫން
ނުކިޔާ! - ކިޔަނީއެއް ނޫން
ނިމުނުކަމެއް ނުވަތަ ނިމިނިމުނުކަމެއް ނަފީކުރާ ނަމަ ވާކަމުގެ ސިފައަށް ކަން ބަދަލުކޮށްގެން ނަފީގެ ނޫނު ކުރިޔަށް އިތުރުކުރެވެއެވެ.
މިސާލު:
ހިނގައްޖެ/ ދިޔަ ނުދޭ
ބުނެފި/ ބުނި - ނުބުނޭ
ބޮއިފި/ ބުއި - ނުބޮއި
ނިދައިފި/ ނިދި - ނުނިދާ
ހިނގައިފި/ހިނގި - ނުހިނގާ
ދެ ލަފުޒު އެކުވެގެން ހެދިފައި ހުންނަ ކަމާއި، ކަމުގެނަން (މަސްދަރު) ނަފީކުރުމުގައި ނަފީގެ އަކުރު ގެނެވެނީ ދެ ލަފުޒުގެ މެދަށެވެ. މި ބާވަތުގެ ކަން ނަފީކުރާއިރު ކުރިޔަށް އޮތް ބަހުގެ ފަހަތަށް ޢާއްމު ކުރުމުގެ އަކުރު އިތުރުކުރެވެ އެވެ.
މިސާލު: ފޯނުކުރުން (މަސްދަރު) ފޯނުނުކުރުން
ފޯނުކުރި (ނިނިނިމުނުކަން) ފޯނެއްނުކުރޭ
ރުޅިއަތުވެއްޖެ (ނިމުނުކަން) ރުޅިއެއްނާދޭ (އަޞްލަކީ "ނު އާދޭ")
ނަފީކުރުމުގައި ޢާއްމު ގޮތެއްގައި [ހ] އާއި [އ] ފިޔަވައި އެހެން ހުރިހާ އަކުރަކުން ފެށޭ މަސްދަރާއި ކަމުގެ ކުރިޔަށް އިތުރުކުރެވޭ ނަފީގެ [ނ] ގައި ޖަހައި އުޅެނީ އުބުފިއްޔެވެ. ނަމަވެސް [އ] އާއި [ހ] އިން ފެށޭ ލަފުޒުތަކުގެ ކުރިޔަށް އަންނަ ނަފީގެ ނޫނުގެ ފިލި، އެ ލަފުޒުތަކުގެ ފެށޭ ފިއްޔަށް އަންނަ ބަދަލާ ގުޅިގެން ބަދަލު އާދެއެވެ. އަންނަނިވި ތާވަލުގައިވާ ފަދައިންނެވެ.
[ހ] ގެ ތާވަލު
ފެށޭ ފިލި |
ނަފީގެ ނޫނު |
މިސާލު |
އަބަފިލި ނުވަތަ އާބާފިލި |
ނު، ނަ |
ނުހަދާނެ، ނަހަދާނެ ނުހާވާނެ، ނަހާވާނެ |
އިބިފިލި ނުވަތަ އީބީފިލި |
ނު، ނި |
ނުހިއްލުން، ނިހިއްލުން ނުހީނ! ، ނިހީނ! (ނުހުނުން) |
އުބުފިލި ނުވަތަ އޫބޫފިލި |
ނު |
ނުހުރުން، ނުހުންނާނެ! ނުހޫރުން، ނުހޫރާނެ! |
އޮބޮފިލި ނުވަތަ އޯބޯފިލި |
ނު، ނޮ |
ނުހޮވުން، ނޮހޮވާނެ ނުހޯދުން، ނޮހޯދުން |
އެބެފިލި ނުވަތަ އޭބޭފިލި |
ނު، ނެ |
ނުހެރުން، ނެހެރުން ނުހޭވުން، ނެހޭވުން |
[އ] ގެ ތާވަލު
ފެށޭ ފިލި |
ނަފީގެ ނޫނު |
މިސާލު |
އަބަފިލި |
ނު، ނަ، ނާ |
ނުއަދާނެ، ނައަނދާނެ، ނާނދާނެ |
އިބިފިލި |
ނު، ނި، ނީ |
ނުއިންނާނެ، ނިއިންނާނެ، ނީންނާނެ |
އުބުފިލި |
ނު، ނޫ |
ނުއުޅުން، ނޫޅުން، ނުއުޅޭނެ، ނޫޅޭނެ |
އެބެފިލި |
ނު، ނެ، ނޭ |
ނުއެރުން، ނެއެރުން، ނޭރުން، ނުއެރޭނެ، ނެއެރޭނެ، ނޭރޭނެ |
އޮ |
ނު، ނޮ، ނޯ |
ނުއޮޅުން، ނޮއޮޅުން، ނޯޅުން، ނުއޮޅޭނެ، ނޮއޮޅޭނެ، ނޯޅޭނެ |
ކުރިންވެސް ބަޔާންކުރި ފަދައިން [ހ] އާއި [އ] ފިޔަވައި އެހެން އަކުރުތަކުން ފެށޭ މަސްދަރާއި ކަމުގެ ކުރިޔަށް ގެނެވޭ ނަފީގެ [ނ] ގައި ޖެހޭނީ އުބުފިއްޔެވެ.
މިސާލު: ނުކޯޅުން، ނުދެމުން، ނުބުއިން، ނުލިޔުން،
ނަފީކުރުމުގެ ހަމަތަކާއި އުޞޫލުތައް އަޅުގަނޑު ނަގައިފައި މިވަނީ "މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ގެ މުވައްޒިފުންނަށް ހިންގި "ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަންދަސްކޮށްދޭ ކޯހުގެ އަތްމަތީ ކަރުދާހުންނާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު"ގެ ފަރާތުން 2004 ގައި ޝާއިޢުކުރައްވައިފައިވާ "ދިވެހިބަސް، 1،2،3،4" މި ފޮތުންނެވެ. އިބްރާހީމް ރުޝްދީ ބިން މުޙައްމަދުލް ކެލާވީ (1355) ލިޔުއްވި 'ސުއްލަމުލްއަރީބު ފީ ޤަވާޢިދި ލުޣަތިލްމަޙަލްދީބު' ގައި ވެސް ނަފީކުރުމުގެ ހަމަތައް ބަޔާންކުރައްވައިފައި އޮތީ ހަމަ މި ގޮތަށެވެ. ޢިބާރާތްތައް ހިސާބަކަށް ތަފާތީ އެވެ.
ނަފީކުރުމުގެ ހަމަތައް ބަޔާންކޮށްފައި ހުރި ހުރިހައި ލިޔުމަކުން ވެސް އެނގި ސާބިތުވީ ނަފީގެ އަކުރު ލަފުޒުގެ ފަހަތަށް ގެންނަ ނަމަ، ޢާއްމު ކުރުމުގެ އަކުރު ގެންނަންވާނެކަމާއި އެ ނޫން ގޮތަކަށް ބޭނުންކުރުމަކީ ކުށެއް ކަމެވެ. އެހެނީ އެ އަކުރު ގެނައުމުން ދޭހަކޮށްގަންނަން ފަސޭހަވެއެވެ. އެ އަކުރު އައުމާއެކު އެއީ ނަފީގެ ޖުމުލައެއްކަން އެހާހިސާބުން ދެނެގަނެވެއެވެ. މިސާލަކަށް މީހަކު "މުޚުތާރު އަންނާނެހޭ" ސުވާލުކުރުމުން ޖަވާބުގައި "ނޫން. އޭނާއެއް.." މިހައި ހިސާބަށް ބުނާއިރަށް ފަހުބައި އެނގިދެއެވެ. އެ ބުނަން އުޅެނީ "ނާންނާނޭ" ކަން ދެނެގަނެވެއެވެ. އެހެންވީމާ ނަފީކުރުމުގެ ހަމަތަކަކީވެސް ބޭނުންނުކޮށް ދޫކޮށްލެވިއްޖެ ނަމަ ބަހަށް ގެއްލުންތަކެއް ލިބޭނެ މުހިއްމު ހަމަތަކެކެވެ.