ވައްޓަފާޅި
ތަމްސީލެއް
ޢަބްދުﷲ ޞާދިޤް
މަންޒަރު 1
ދެމީހަކު އަތޮޅު އިސްޓޯރަށް އެއްޗެއްގަންނަންދަނީ އެކަކު، މުހައްމަދު އަނެކަކީމޫސަ (އާދައިގެހެދުމެއްގައި މިހާރުގެ)
(މަގުފާރުގެ ލަނބާލާދިމާގައި – އިޝްތިހާރެއް ވަރަށް ފަލަކޮށް)
މޫސަ: މުހައްމަދާ ކަންމަތީ ގުންޒަރުގައި މިހިރީ ތަތްކޮށްފާ ކޮންޢިއުލާނެއް
މުހައްމަދު: ތިޔައީ ވާނީ އެއްކަލަ ތޮއްޑޫ ގްރޫޕް އަންނަން އުޅުނުއިރު ޓިކެޓް ވިއްކަން ބެހެއްޓި އިޝްތިހާރަށް
މޫސަ: ނޫނޭ- އެއަށްވުރެ ލިޔުންކޮޅުމާކުޑަ – އަޅެ ބަލާލާނަން (ބަލާލާފާ) ކަލޯ މުހައްމަދާ! މިއޮތީވާ އިޝްތިހާރެއް-މިކިޔާލަނީ.
މުއްސަނދި މުހައްމަދުކަލޭގެފާނު ގޭގާ ގެންގުޅޭނެ މީހަކު ބޭނުންވެގެން. މީގާ ބުނާ ސިފަތައްވެސް މަގައިގާ އެބަހުރި.
އުމުރަށްވެސް ފެތޭ.
މުހައްމަދު: އެހެންވީއިރު ތިޔަކަމާ އުޅެންވީނު.
މޫސަ: އާނ އުޅޭނަން. އުޅެންވާނެއެއްނު. ލާރި ނުލިބި އުޅެވެން އެބައޮތްތަ؟
(ދެމީހުން ފިހާރައަށްވަންނަނީ)
މަންޒަރު 2
މުހައްމަދު ކަލޭގެފާނުގެ ފެންޑާ.
ދިގުގޮނޑި / ގޮނޑި ބަހައްޓާފައިހުރި ބަޔަކު އިށީދެގެންތިބި ، އަނެއްބަޔަކު ވަންނަމުން އިށީންނަމުންދަނީ.
ފާރުގައި ބައެއްތަކެތި ހަރުކޮށްފައި ހުންނަންވާނެ.
ފަހަރަކު މީހަކު އެތެރެއަށް ވައްދަ ވައްދާފައި ނެރެންވާނެ. މީހުނަށް ގޮވާ މީހަކު ހުންނަންވާނެ. މޫސަ!
މޫސަވަދެފާ ނުކުންނަންވާނީ ތަންކޮޅެއްލަހުން. އޭރު ބައެއްމީހުން ހިނގައިދާނެ ދެންތިބި ބައެއްގާތުގައި ފޮނިވެލާފައި އޭނާ ބުނެލާނެ އަހަރެން ހޮވިއްޖެ. އަހަރެން ހޮވިއްޖެ. މާދަމާ ވަޒީފާއަށްއަނަންވީ.
މަންޒަރު 3
މޫސަ އުޅެނީ މުހައްމަދު ކަލޭގެފާނު ގޭގެ ބޮޑުކޮޓަރި ތެރެ ސާފުކުރުމައިގެންނެވެ. ގޮނޑިތަކާއި މޭޒުތައް ސާފުކުރަމުން ގެންދަނީ ކޮނޑުމަށްޗައް އެއްލާފައި އޮތް ބާ ފޮތިގަނޑަކުންނެވެ. ހުރީ ކުރު ސޯޓެއްލާފައި ބޮލުގައި ފޮތިގަނޑެއް އޮޅާލައިގެން. ބޮޑުމަތިމަހެހް ހުއްޓެވެ.
ކަލޭފާނު: (ގޭތެރެއިން) މޫސާ – މޫސާ !
މޫސަ: ތިއީ ކޮންބޭކަލެއްތޯ؟
ކަލޭފާނު: އަޖައިބު! މީ މިގޭ ވެރިމީހާ ކަލޭފާނު، އެނގިއްޖެތަ!
މޫސަ: އާނ . ލައްބަ. އާދެ! އެނގިއްޖެ.
ކަލޭފާނު: އަހަރެން ގޮވާލީމާ ތިޔައީ ކޮންބޭކަލެއްތޯ ތިޔައެހީ ކީއްވެގެން؟
މޫސަ: އެއީ، ފޯނުން ވާހަކަދައްކާއިރުވެސް އެގޮތަށްއޮޅުން ނުފިލުވާ ވާހަކަ ދެއްކޭ ބައެއްފަހަރު ދެރަގޮތްގޮތް މެދުވެރިވާތީ.
ކަލޭފާނު: މީ ފޯނެއްނޫނެއްނުން – މިހިރީ އަހަރެން ފެންނާކަށްނު؟
މޫސަ: ލައްބަ. ލައްބަ! އާދެ، ދެން މިފަހަރު އެއްފަހަރެއްކަމަށް މާފުކުރައްވާ!
ކަލޭފާނު: އާނ، އެންމެ ރަނގަޅު ހާދަކުރިންތިޔަ މަސަތްކަތް ފަށައިގަތީ.
މޫސަ: އެއީ، ކަލޭފާނު އަންހެނުން ބުނުއްވީމާ.
ކަލޭފާނު: ބަލަ! އަހަރެން މީކާކުކަން ނޭނގިފާ. އަހަރެންގެ އަންހެނުން ތިޔަ އެނގުނީ ކިހިނެއްވެގެން.
މޫސަ: (މޮޔައަކު ހޭނ ގޮތައް ހީނލާފައި) އެއީ އޭނާ ކަލޭފާނުގެ ކޮޓަރިން ނުކުންނާތީ ފެނުނީމާ.
ކަލޭފާނު: ބަލަ! މިކޮޓަރިން ނުކުމެދާނެއެއްނުން. އަންހެނުން ގެންގުޅޭ ކުދިންވެސް.
މޫސަ: އެހެންތޯ! – ހަމަތެދެއްތޯ – ނަންގަންނަންތޯ - އެއީ، އަންހެނުންކަން އެނގުނީ އަޅުގަނޑާ ދިމާއަށް ބަލާލިގޮތުން.
ކަލޭފާނު: ކީކޭ؟
މޫސަ: މި މި އެ އެ އެނގުނީނޫން ހީވީ.
ކަލޭފާނު: އޭން، މޫސާ! މިކޮޅަށް އައިސްބަލާ!
(މޫސަ ކުރު ދުވެއްޔެއްގައި ދުވެލާފައި އައިސް ކައިރީގައި މަޑުކޮށްލިއެވެ."މިހިރީ އައިސް! ދެއަތް ކުރިމައްޗައްނެރެ- އެއްއަތުން އަނެއްއަތުގައި ހިފަހައްޓައިގެން ހުރެ ކީކޭތޯ؟")
މަންޒަރު 4
(މަސައްކަތު ދެއަންހެންކުދިން ރީތިހެދުމެއްގައި އައިސް ކަލޭފާނަށް ގޮނޑިއެއް މޫސައަށް ގޮނޑިއެއް ބަހައްޓާފައި ފަރިގޮތަކަށް ހިނގާލާފައި ހިނގައްޖެއެވެ.) މޫސަ އެތަނަށް ކަޅި ހުއްޓިފާ
ކަލޭފާނު: މޫސާ! ކުރިންއެއްވެސް ގެއެއްގައި އެއްވެސް ތަނެއްގައި މަސައްކަތު އުޅުނިންތަ؟
މޫސަ: (ވަރަށް އަވަސް އަވަހަށް) އަޅުގަނޑު ކޮޅުނބުގައި – ކޯޒީ ކޯނަރުގާ ފެހިގޭގާ ތިންބިރިގަސިޔާގައި ސޯސަންވިލާގައި ޕާމަންކަޑާގައި، ގޯލްފޭސްގައި ގާލީގައި.
ކަލޭފާނު: ހެޔޮ ހެޔޮ! ބަލަ، މޫސަ ރާއްޖެއިން ބޭރުގާ މަސަތްކަތް ކުރިއިރު ރާއްޖޭގައި ތިޔަހެން މަސަތްކަތް ކޮށް އުޅުނިންތަ.
މޫސަ: (އަވަސްއަވަހަށް) މާލޭގައި އަތިރީގޭގައި އެއްގަމުގޭގައި މެދުގޭގައި އުސްގޭގައި ތިރިގޭގައި ހުޅަނގުގޭގައި ދެކުނުގޭގައި އުތުރުގޭގައި އިރުމަތީގޭގައި.
ކަލޭފާނު: އާނ ހެޔޮ ހެޔޮ ! ބަލަ މޫސާ ހާދަ ތާކުއުޅެފައޭ ތިހިރީ ދޯ ! އެކަމަކު ބުނަން ! މިގޭ އުޅެންޖެހޭގޮތް ތިޔަތަންތަނާ
ވަރަށް ތަފާތުވާނެ. މިގޭގައި އުޅެވޭނީ އަދި ކަންތައް ކުރަންވާނީ ވައްޓަފާޅިހުރެގެން.
މޫސަ: (ކަންބޮޑުވެފައި ހުރެގެން) ކީކޭތޯ ވައްޓަފާޅިއޭތޯ؟ އެއީ ކޮންއެއްޗެއްތޯ؟ ފިޔަފާޅި ފެންފިޔަ ފާޅި ތިންބާއި ދާޅި ވައްޓަފާޅި އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނޭނގުނު. އަޅުގަނޑު މިއޮއް އުޅުނުހާ ގޭގޭގެއިން އުޅުނުހާ ތަންތަނުން ދުވަހަކު މީހަކު ބުނާތީއެއްވެސް ނާހަން ތިޔަ އަޑެއް.
ކަލޭފާނު: އާނ ! އަޑުއަހާ ! ވައްޓަފާޅިއަކީ އެއްކަމެއްގެ ވާހަކަ ބުނީމާ އެކަމަކާ ޖެހިގެން ދެންކުރަންވީ ކޮންކަމެއްކަން އެނގުން.
އެއީ ވައްޓަފާޅިއަކީ. އެނގިއްޖެތަ! މިސާލަކަށް އަހަރެންބުނެފާނަން. މި އުޅެނީ ފެންވަރާށޭ! ބުނެފި ނަމަ މޫސައަށް
އެނގެންވާނެ ސައިބޯނި ، ޝޭމްޕޫ ، ލޯޝަން ، ތުވާލި ، ގައި އުނގުޅާ އެއްޗެހި މިހުރިހާ އެއްޗެއް ފާހަނައަށް
ގެންދަން. އަދި ނިމުނީއެއްނޫން – ނިމިގެން ނުކުންނައިރަށް ހުންނަންވާނީ ، ބޭރަށްދާ ފައިވާން ، ބޫޓު ޕޮލިސް
ކުރެވިފާ. ތަންމަތި އެޅިފާ އަދި ދުން އަންނަގޮތަށް ދުންގަނޑެއްވެސް އެޅިފައި .
މޫސަ: ދެން އަންހެނުން؟!
ކަލޭފާނު: މޫސާ ކީކޭ ކިޔަން ތިޔަ އުޅެނީ؟ މަގޭ އަންހެނުންނަކީ، މަގޭ އަނބިމީހާ އޭނާ ކުރަންވާނެކަންތައް އޭނާއަށް
އެނގޭނެއެއްނުން. ތިޔައީ މަސަތްކަތުމީހާ ، މިހާރު ތަފާތު އެނގިއްޖެތަ؟
މޫސަ: އާދެ ، ލައްބަ! އަޅުގަނޑު މިގޭގައި ކަންތައްކުރާނީ، ވައްޓަފާޅި އާ އެއްގޮތަށް . ފިޔަފާޅި ! ފެން ފިޔަފާޅި، ތިންބާއި ދާޅި ، ވައްޓަފާޅި ! މިހެން ކިޔަމުން ކިޔަމުން މޫސަ ހިނގައްޖެއެވެ.
މަންޒަރު 5
އެއްރެއަކު ދަންވަރު ކަލޭފާނު ތެދުވަންނަވައި މޫސާއަށް ގޮވާލެއްވިއެވެ.
ކަލޭފާނު: މޫސާ! މޫސާ! މިއުޅެނީ ބޮލުގައި ރިއްސާވަރުން ނުނިދިގެން މޫސާ!!
މޫސަ: ލައްބަ ! ލައްބަ އާދެ ބޮލުގާ ރިއްސަނީތޯއޭ.
ކަލޭފާނު: ކިހިނެއްތިހަދަނީ (ދޮރުހުޅުވާ ބޭރުބަލާލާފައި) – ކޮބައިތަ މޫސަ އާނއެކޭ ބުނިއަޑު އިވުނު . އެދިޔައީ ދެންކީކޭ ބުނާނީ !
ގޭގައި އެންމެންތިބީ ނިދާ އަވަދި ވެފާ. ހަމަހިމޭންވެފާ
ކުއްލިއަކަށް އެގެއަށް ވަންނަތަން ފެނުނީ އެރަށުގައި ހުންނަ ޑަކްޓަރެވެ. ފެންޑާމައްޗަށް އަރާފައި ދެކޮޅު ހޯދާލާފައި އެތަނުން ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ދެން އެނގެއަށް ވަންތަންފެނުނީވެސް ރާއްޖެއިން ބޭރު މީހެކެވެ. ބޮޑު ތަޅުދަނޑިފައްޗެއް ހިފައިގެންނެވެ. ނިދާފައިއޮއްވާ ގޮވީމާ ކުއްލިއަކަށް ތެދުވެގެންއައިއިރު ނުބައިކޮށް ގޮށް އެޅުވުނީމާ ގަމީސް ހުރީ އެއްފަރާތަށް ކުރުވެފައެވެ. އިރުކޮޅަކުން އާފުރެއެވެ. ޑަކްޓަރު ނޫން މީހަކު ފެންނަންނެތީމާ އެތަނުން ގޮނޑިއެއްގައި އިށީނދެނިދިއްޖެއެވެ. ޑަކްޓަރުވެސް އިނީ ނިދާފައެވެ.
ދެންއައީ ނަރުހެކެވެ. އޭނާ ވަންއަޑަށް މިމިހުން ސިއްސައިގެން ދިޔައެވެ. ނަރުސް އަތުގެ ހަރަކާތުން މީކޮންކަމެއްތޯ އަހާލީމާ ޑަކްޓަރު ދެކޮނޑު އަރުވާލިއެވެ. ދެންއޭނާވެސް ޖެހިގެން ހުރި ގޮނޑީގާ އިށީނދެއްޖެއެވެ. ދެމީހުންނަށް ނިދިއްޖެއެވެ. އިރު އިރު ކޮޅުން ދެބޯ އައިސް ޖެހެނީ . މިކަމާ ރުޅިއަރައިގަނެގެން ނަރުސް އަނެއްގޮނޑިއަށް ހިނގައްޖެއެވެ.
އިރުކޮޅަކުން މީހުންވަޅުލާ ޕާޓީގެ (ޖަމާއަތްތެރިންގެ) އިސްމީހާ ބޮޑު ސަންދޯކެއް ހިފައިގެން އައިސް މިތަނަށް ވަދެއްޖެއްވޭ ސަންދޯއް އުފުލާނެ މީހުންނާ، ވަޅުކޮންނާނެ މީހުންނާ، އުދައްޔާ، އަތްދާންޏާ މިކަހަލަ ހުރިހާ ތަކެއްޗެއް ގެނައެވެ. އެމީހުން ސަންދޯއް ބަހައްޓާފައި ހިންދެމިލިތަނާ މޫސަ އަތުވެއްޖެ.
މޫސަ: (ކަލޭފާނު ކޮޓަރިބޭރުގާ ހުރެގެން ގޮވަނީއެވެ.) ކަލޭފާނު! ކަލޭފާނު!
ކަލޭފާނު: (އެތެރެން) މޫސަތަ! އަހަރެން ބޮލުގާ ރިއްސާތީ ގޮވާލީމާ އަދިކިރިޔާ ތިޔަ އާދެވުނީ ކޮންތާކު ތެޅިތެޅިފާ ތިޔައައީ؟
މޫސަ: ވައްޓަފާޅި ހުރެގެން ކަންތައްކުރާގޮތަށް ކަންތައްކުރަން އުޅެންހަދައިގެން ލަސްވީ.
ކަލޭފާނު: އެއީ ކިހިނެއް؟
މޫސަ: ކަލޭފާނު ގޮވާލައްވާފާ ފުރަތަމަ ބުނުއްވީ މިއުޅެނީ، ބޮލުގާ ރިއްސާތީއޭ އެހެންވެ، އަޅުގަނޑު ހިތަށްއެރީ ބޮލުގާ ރިއްސަންޏާ ޖެހޭނީ ޑަކްޓަރަށް ދައްކަންތާއޭ. އެހެންވެ ފުރަތަމަ ގެނައީ ޑަކްޓަރު. ދެން ޑަކްޓަރު ބޭސް ނަގަން ބުނެފާނެއޭ އެހެންވީމާ ބޭސްފިހާރާގެ ބޮޑުމީހާ ގެންނަންޖެހޭނެތައޭ އެހެންވީމާ އޭނާވެސް އެއިނީ ގެނަސްފައި. ދެން ހިތަށް އަރައިފި ބޭސްދޭއިރު އިންޖެކްޝަނެއްވެސް އޮވެދާނޭ އެހެންވީމާ އިންޖެކްޝަން ޖެހޭނެގޮތެއްވެސް ހަދަންވާނެއޭ. އެހެންހީކޮށް ދެންގެނައީ ނަރުހެއް. ދެންހިތަށް އަރައިފި، ޑަކްޓަރުދޭ ބޭސްތައް ކައިގެން އިންޖެކްޝަން ޖަހައިގެން ގަދަނުވެ، ފަހަރުގާ މަރުވެސް ވެދާނެއޭ. އެހެންވެއްޖިއްޔާ ވަޅުލެވޭނެ ގޮތެއްވެސް ވާނީހަދާށޭ. އެހެންހީކޮށް އެތިބީ ވަޅުލާމީހުންނާ ތަކެއްޗާ މުދިންބެއާ ސަންދޯކަށް ދަންދެން ގެނެސްފާ
ކަލޭފާނު: (ރުޅިއައިސްފާ) އަހަރެން މަރުވެއްޖެއްޔާއޭ؟ ބަލަ އަހަރެން މަރުވެއްޖެއްޔާ، ކަލެއަށް ވާނެގޮތް އެނގޭތަ މިގޭ ވަޒީފާއިން ވަކިވާނީ. ތިހިރީ ވަކިވެފާ. ދޭ. ނުކުމެގެންދޭ. ރައްކާވޭ! މިތާނުހުރޭ.
މޫސަ: (އެހެން ހަމަ ބުނުއްވާއިރަށް) ވަކިވެގެން ދެވޭކަށް ނޯންނާނެ. އަޅުގަނޑުގާތުގާ ފުރަތަމަ ދުވަހު ބުނުއްވީ ކީކޭތޯ؟ މިގޭގާ ކަންތައްކުރަންވާނީ ވައްޓަފާޅިހުރެގެންނޭ. އެހެންވީމާ ވައްޓަފާޅިހުރެގެން ކަންތައް ކުރަންވާގޮތަށް ކުރަން އުޅެންހަދައިގެން ގެނެވުނުހާ މީހުން އެތިބީ. ގެނެވުނުހާ ތަކެތި އެހެރީ، އެއާ ކަލޭފާނު ހަވާލުވެލައްވާ! (އަތްއެއްލާފާ) ނަންގަންނަތޯ. މީހާ ކިތައްމެ މޮޅަސް، ކިތައްމެ ފޯރިޔަސް ކިތައްމެ ވަރަކަށް ރޭވިޔަސް މަސައްކަތް ކުރިޔަސް އާދަމުގެ ދަރިންވާނީ އާދަމުގެ ދަރިންނަށް. މެޝިނަކަށް ނުވާނެ! އަޅުގަނޑު މިދަނީ، އެމީހުނާ ހަވާލުވެލައްވާ!
(އެންމެން ކަލޭފާނު ގާތަށް ބޮޑިވެގަންނަނީ)
ޑަކްޓަރު: އަޅުގަނޑު ނިދާފާ އޮއްވާ މިގެއަށް މިގެނެވުނީ ކީއްވެތަ؟
ބޭރުމީހާ: އާރެންވެސް ބޮސް ގާތު މިވާހަކަ ބުނަނީ. ކަލޭފާނު ޖޫރިމަނާ ކުރަނީ.
ނަރުސް: އަޅުގަނޑު މިވާހަކަ މިނިސްޓްރީގާ ދަންނަވާނަން.
ވަޅުލާމީހުންގެ ބޮޑުމީހާ: ކަލޭފާނު އަހަރެމެންނަކީވެސް މިނި އިސްތިރިއެއްގެދަށުން މަސައްކަތްކުރާބައެއް މިވާހަކަ މާދަމާ ރިޕޯރޓްކުރާނަން.
ދެން އެންމެން ހަޅޭއްލަވަލަވާ ތިއްބާ.
މީހުންނުވާނޭ މެޝިނަކަށް މީހުންވަނީ މީހުންނަށޭ
މެޝިނަށް ހަދަން އުޅުނަސް ތިހެން މީހުންވަނީ މީހުންނަށޭ
(ފަރުދާ)