ޙިކުމަތްތެރި ބައްޕައާއި ރުޅިގަދަ ކުއްޖާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ވަރަށް ރުޅިގަދަ، ދޫނުބައި ކުއްޖަކު އިޞްލާޙު ކުރެއްވުމަށްޓަކައި، ޙިކުމަތްތެރިކަމާއެކު ޢަމަލުކުރެއްވުމަށް އެކުއްޖާގެ ބައްޕަ ގަސްތުކުރެއްވި އެވެ. ދެން އޭނާގެ ދަރިފުޅު އަތަށް މޮހޮރު ކޮތަޅެއް ދެއްވާފައި ބުނުއްވި އެވެ.
"ދަރިފުޅާއެވެ! ދަރިފުޅަށް ރުޅި މަތަނުކުރެވޭ ކޮންމެ ފަހަރަކު، މި ގޯތިތެރޭގައިވާ ބަގީޗާގެ ފާރަށް މޮހޮރު ޖަހާށެވެ!"
އެއަށްފަހު އެކުއްޖާގެ ގާތަށް ފުރަތަމަ ރުޅިއައި ދުވަހު، ފާރަށް ތިރީސް ހަތް މޮހޮރު ޖެއްސެވެ. ނަމަވެސް އެއާވިދިގެން ރުޅިއައި ދުވަހު މޮހޮރު ޖެހީ އެއަށްވުރެ މަދުންނެވެ. ރުޅި މަތަނުވާ ކޮންމެފަހަރަކު، އޭނާ ފާރަށް މޮހޮރު ޖަހާ ވަރު، ދުވަސްތަކާއެކު ދިޔައީ މަދުވަމުންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި، ހަރު ހިލައިން ރާނާފައިވާ ފާރަކަށް މޮހޮރު ޖެހުމަށްވުރެ، ރުޅި މަތަކުރުން މާ ފަސޭހަ އެވެ.
ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު، މޮހޮރު ކޮތަޅު ހުސްވެއްޖެ އެވެ. އޭގައިވާ ހުރިހައި މޮހޮރެއް ފާރަށް ޖަހައި ނިމިއްޖެ އެވެ. ދެން އެވާހަކަ އޭނާގެ ބައްޕަ އަށް ނަންގަތުމުން، ބައްޕަ ބުނުއްވި އެވެ.
"ދަރިފުޅާއެވެ! ދަރިފުޅަށް ރުޅި މަތަކުރެވޭ ކޮންމެ ފަހަރަކު، ފާރުން މޮހޮރު އުފުރާށެވެ!"
ދެން އެކުއްޖާ މި މަސައްކަތް ފެށި އެވެ. މިކަން ކުރުމުގައި ދުވަސްތަކެއް ހޭދަވިއިރު، ފާރުގައިވާ ހުރިހައި މޮހޮރެއް އުފުރައި ނިމިއްޖެ އެވެ. ދެން އޭނާގެ ބައްޕައަށް މިވާހަކަ ނަންގަތެވެ. ބައްޕަ އެދިލެއްވި ގޮތަށް ދަރިފުޅު ކަންކުރީތީ، އުފާކުރައްވާކަން ބައްޕަ ހާމަކުރެއްވި އެވެ. އަދި ދަރިފުޅުގެ އަތުގައި ހިފައިގެން ފާރު ކައިރިއަށް ދުރުވެ، ބައްޕަ ބުނުއްވި އެވެ.
"ދަރިފުޅާ އެވެ! ދަރިފުޅު ތިޔަ ކުރީ އަގުވަޒަންކުރަންޖެހޭ ވަރުގެ ބޮޑު ކަމެކެވެ. ނަމަވެސް މިފާރަށް ވެފައިވާ ގޮތް ނިކަން ދެކިބަލާށެވެ! ތިބާ މޮހޮރު ޖެހުމުގެ ސަބަބުން މިވަނީ ވިދުއެޅި މިފާރު ހަލާކުވެފަ އެވެ. ތިބާ ރުޅިއަންނަ ހިނދު، މީހުންނާ ދިމާއަށް ބުނާ ނޭދެވޭ ބަސްތަކުން، އެ މީހުންގެ ހިތްތަކަށް ކުރާ އަސަރުގެ މިސާލަކީ މި ފާރުގެ މިސާލެވެ. މިފާރަށް މޮހޮރު ޖެހުމުން، މި ފާރުގައި ވިދުއެޅުނު ފަދައިން، އެމީހުންނާ ދިމާއަށް ބުނާ ނޭދެވޭ ބަސްތަކުން އެމީހުންގެ ހިތްތައް ޒަޚަމްވަމުން ދާނެ އެވެ. އެކަމަށްޓަކައި ފަހުން މާފަށް އެދުނަސް އެ ޒަޚަމެއް ނުފިލާނެ އެވެ!"
ޙިކުމަތްތެރިކަމާއެކު ބައްޕަ ދެއްވި މި ފިލާވަޅުން ދަރިފުޅަށް ޢިބްރަތެއް ޙާޞިލުވި އެވެ. އަދި އެއަށްފަހު ދުވަހަކުވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ނުބުނުމަށް އޭނާ ޢަޒުމްކަނޑައެޅި އެވެ.
މަޞްދަރު:
www.bagdady.com