ކޮން މީހެއް؟ (7)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
(17 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
"ޔެސް ޕްލީޒް" ނީނާ ޖަވާބު ދިނެވެ. "ވަޓްކެނައި ޑު ފޮރޔޫ؟"
"ފިލްމަށް ގޮސް ނީނާ ގާތު އިން އިރު ވަރަށް މީރު ސެންޓެއްގެ ވަސް ދުވި. މިއަދު ގަތް ސެންޓެއްތަ؟"
"ނޫން. ސެންޓެއް ނުގަންނަން. ސެންޓެއް ނުވެސް ޖަހަން." ދާއޫދު މި ދައްކަނީ ކޮން ވާހަކައެއްކަން ނުވިސްނޭ ހާލުގައި ނީނާ ބުނެލިއެވެ. "ވޮޓް ހެޕަންޑް، ދާއޫދު؟"
"އިޓްސް ނަތިންގ." ދާއޫދު ބުނެލިއެވެ. "އުނގުޅައިފައި ހުރި ލޯޝަންގައި މީރުވަސް ދުވައިތޯ ބަލައިލިޔަސް އޯކޭތަ؟"
ނީނާއަށް ދާއޫދުގެ މަޤުޞަދު ވިސްނިއްޖެއެވެ. އަދި ފާޑަކަށް ރަކިވެފައި ނީނާއަށް ހުރެވުނީއެވެ.
ދާއޫދު މަޑުމަޑުން ނީނާގެ ކަރަށް އަތް ވައްޓައިލުމަށްފަހު ނީނާގެ ދެކޮލުގައި އުނގުޅައިގައި ހުރި ލޯޝަންގެ ވަސްބަލައިލައިފިއެވެ. ފަހަރަކު ފަރާޓަކުންނެވެ. ހަމަ ކުއްލިއަކަށެވެ. އަދި އަވަސް އަވަހަށް ދުރަށް ޖެހިލައިފައި ނުކުންނާން ހިނގައިގަތެވެ.
"ހާދަ އަވަހަކަށް" ނީނާ ބުނެލިއެވެ. "އައިމް ޕްލީޒްޑް ޓް އޮފަރ ޔޫ މޯރ."
"ހެހެހެ. ތޭންކްސް" ދާއޫދު ބުނެލިއެވެ. "އަދި ސުވާލެއް ކޮށްލަންތަ؟"
"ޔެސް، ޕްލީޒް" ނީނާ ވަރަށް އަވަހަށް ބުނެލިއެވެ. "ކޮންމެ ސުވާލެއްވެސް ކުރަންވީ ހަމަ."
"އަސްލު ތިޔަ އުނގުޅާ ކުލައިން ރަހައެއް ނުލައިތަ" ދާއޫދު ސުވާޅުކޮށްލިއެވެ. "މި ބުނީ ހިތިރަހަ ނުވަތަ ނުބައި ރަހައެއް؟"
"ދައްކާވާހަކަ! ރަހަބެލީމަތާ ދާއޫދަށް އެނގޭނ." މާނަވީ ޖަވާބެއް ނީނާދިނެވެ. "ދުވަހަކު ވެސް ނުބަލަންތަ"؟
"ތިޔަ ރަހައެއް ވެސް ބަލައިލާން ބޭނުން. ވަސް ބަލައިލެވުނު ގޮތަށް." ދާއޫދު ވެސް ލާނެއް ފާޑަކަށް ޖަވާބު ދިނެވެ." އެކަމަކު ...............".
ދާއޫދު މިހެން ބުނުމާއެކު އަވަސް އަވަހަށް ކޮޓަރީން ނުކުމެގެން ދަމުން ނީނާގެ ލަގެޖް ބޭރަށް ނެރެދީފައި ވަރަށް ބާރަށް ތިރިއަށް ހިނގައްޖެއެވެ. އޭރު ލަގެޖް ބަލައި ހޮޓަލުގެ އިސްޓާފެއް ކޮޓަރީގެ ބޭރުގައި ހުއްޓެވެ.
ފަސްގަޑި ތިރީހުގައި އިހައްދޫ ވައިގެ ބަނދަރަށް ޖެއްސި ކިޔޫ ޓޫ 701 ފްލައިޓުން ދާއޫދާއި ނީނާ އެނބުރި އަތުވެއްޖެއެވެ. ދާއޫދުގެ ރީތި ވިޓާރާގައި ބާރު އިސްޕީޑްގައި ގޮސް ކަންމަތީ ފިހާރަ ކައިރިއަށް ފޭބި އިރު ރަށުގެ އެއް ވެސް މީހަކަށް ނުފެނެއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ! ވަރަށް އުފާވެރި ޗުއްޓީއެއް މީ ހޭދަކޮށްލެވުނީ." ކާރުން ފައިގެން ގެޔާ ދިމާއަށް ހިނގައިގަންނަމުން ނީނާ ބުނެލިއެވެ. "އަޅުގަނޑު އެއްޗިހި ދާއޫދުގެ ފޮށީގައި ބަހައްޓަވާ! ފަހުން ގެންދާނީ! އަޅުގަނޑޫ ގެންދާނީ ހޭންޑް ބޭޣް އެކަނި."
"މީ ޓޫ." ދާއޫދު ބުނެލިއެވެ. "ތޭންކްސް ފޮރ ދަ.................."
ދެ މީހުންގެ ހިނިތުންވުމާއެކު ދެ މީހުން ދެ މީހުންނަށް އަތްހޫރައިލައި ސަލާމްކޮށްލިއެވެ. "ބާއި." ނީނާ މިހެން ބުނެލައި އަނގަމަތީގައި އަތުގެ ހަތަރު އިނގިލި ޖައްސައިލައި އަނގަ އޫކޮށް ދާއޫދާ ދިމާއަށް ދިއްކޮށްލިއެވެ. މީގެ ރައްދުގައި ދާއޫދު ވެސް އެ އިޝާރާތްކޮށްލިކަމަށް ވެއެވެ.
(6)
ނިހާންޓޭ
މުންޑޫގެ ޢާއްމު ޙާލަތު ދުވަހުން ދުވަހަށް އަންނަނީ ކުރިއަރަމުންނެވެ. މުންޑުއަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ރަށެވެ. ރަށުން ބޭރުގައި އުޅުނު ކިތަންމެ ޢާއިލާއެއް އެނބުރި މުންޑުއަށް އަތުވެއްޖެއެވެ.
ކަންމަތީ ފިހާރަ ވެސް އާދައިގެ މަތީން ހިންގަމުން އާދެއެވެ. ކަންމަތީ ފިހާރައިގެ ޖެނެރަލް މެނޭޖަރަކީ މިހާރު ނީނާއެވެ. ނީނާއަކީ މުޅި އަތޮޅުގައި ވެސް ވަރަށް މަޝްހޫރު އަދު މަޤުބޫލުކަން ލިބިފައިވާ ޝަޚުޞިއްޔަތެވެ. އާދަކާދައިގެ މަތީން ނީނާ އިނީ ކަންމަތީ ފިހާރައިގެ ޝޯރޫމްގައެވެ. ކަސްޓަމަރުންނަށް ބިލްތައް ދޫކުރުމަށްފަހު ހުސްވަގުތުކޮޅެއް ލިބުނީމާ މީސްމީޑިއާއަށް ވަދެ ޚަބަރުތައް ކިޔައިލިއެވެ.
ނީނާއަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. އާދަޔާ ޚިލާފު ޚަބަރެއް ވަގުތު ނޫހުން ފެނިއްޖެއެވެ. "ނާއިބު ރައީސަކަށް ޒިހުނީ އަޙުމަދު ޢައްޔަންކުރައްވައިފި: މިނިސްޓަރ އޮފް ހޯމްއެފެއަރޒް އެންޑް ރޫރަލް ޑިވެލޮޕްމެންޓްގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޒިހުނީ އަޙުމަދު ދާދި ދެންމެއަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވުމާ ގުޅިގެން މަޤާމުގެ ހުވާ ކުރައްވައިފިއެވެ. އެ މަނިކުފާނު މަޤާމުގެ ހުވާޙުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަވީދުގެ ކުރިފުޅުމަތީގައެވެ. ޒިހުނީ އަޙުމަދު އެ މަޤާމަށް އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމުގައި ކުރީން ހުންނެވި ޒައިޝާން އަކުބަރު، މަތީންދާބޯޓު އެކްސިޑެންޓެއްގައި މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވުމާ ގުޅިގެނެވެ. ޒިހުނީ އަޙުމަދަކީ ކޮމިޔުނިޓީ ޑިވެލޮޕމެންޓްގެ ދާއިރާއިންނާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ."
މި ޚަބަރު ދެފަހަރަކު ނީނާއަށް ކިޔައިލެވުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރީން ޒިހުނީ އަޙުމަދަކާ ބައްދަލުވެފައިވާތީއެވެ. އަދި އަދި އެއީ މިނިސްޓަރެކެވެ. މިއީ ހަމަ އެ ޒިހުނީތޯ ކަށަވަރު ކުރާން ބޭނުންވީއެވެ. ޚަބަރުގެ ފޮޓޯތައް ބަލައިލުމުން އެކަން ޔަގީން ވެއްޖެއެވެ.
ނީނާ ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ. ޒިހުނީ އެހާ ކުއްލި ގޮތަކަށް ދާއޫދާ ބައްދަލުކުރީ ކީއްކުރަންބާވައެވެ. އޭރު ކުރީގެ ނާއިބު ރައީސް ޒައިޝަން އަޙުމަދު އަވަހާރައެއް ނުވެއެވެ. ޒިހުނީއާއި ދާއޫދާ އޮންނަނީ ކޮން ގުޅުމެއްބާވައެވެ؟........ އޭނާގެ އަތުގައި އޮތް އަގުބޮޑު ގަޑި ދާއޫދަށް ދިނީ ކީއްވެބާވައެވެ............. ޒިހުނީ ގެނައި ބްރީފުކޭހުގައި ހުންނާނީ ކޮން އެއްޗެއް ބާވައެވެ.......... އެ ބްރީފްކޭސް ދާއޫދުގެ ގާތުގައި ބަހައްޓައިފައި ދިޔައީ ކީއްވެބާވައެވެ!........... އަދި ޒިނުނީ އައި ވާހަކަ އެއްވެސް މީހެއް ގާތު އެއްވެސް މިންވަރަކަށް ނުދައްކާން ވަޢުދުކުރުވީ ކީއްވެބާވައެވެ.!................... މި ކަހަލަ އެތައް ސުވާލުތަކެއް ނީނާގެ ސިކުނޑީގައި އެނބުރެމުންދެއެވެ. ނަމަވެސް މި ވާހަކަ އެއްވެސް މީހަކާ ޙިއްޞާކުރެވޭކަށް ނެތެވެ. ނީނާ ވަނީ ޒިހުނީ އަރިހު އެކަމަށް ވަޢުދުވެފައެވެ.
ދާއޫދާއެކީ އެރޭ ބްރީފިންގ ނިންމައިލުމަށް ފަހު ޒިހުނީގެ ވާހަކަ އަހާލާން ގަސްތުކޮށް ވަރަށް ޖެހިލުންވެ އިނދެ އަހައިލައިފިއެވެ.
"ޒިހުނީއަށް ނާއިބުރައީސްކަން ލިބިވަޑައިގެންފިކަން އެނގޭތަ؟" ނީނާ ސުވާލުކުރިއެވެ. މާލެ ދަތުރަށް ފަހު ނީނާ ދާއޫދާ ވާހަކަދައްކަނީ ވަރަށް އާދައިގެ ބަހުންނެވެ. "ޒިހުނީއަކީ ދާއޫދުގެ ރައްޓެއްސެއްނު؟"
"އެހެންތަ؟" ފަރުވާ ކުޑަ ގޮތަކަށް ދާއޫދު ވެސް ކޮށްލީ ސުވާލެކެވެ. "ޒިހުނީއަކީ މަގޭ ރައްޓެއްސެއް ނޫން. އެއީ ކަސްޓަމަރެއް."
"ނަސީބު ގަދަ ބޭފުޅެއް." ނީނާގެ ޚިޔާލު ހާމަކޮށްލިއެވެ. "މިހާރު އެ ލިބިވަޑައިގަތީ ނާއިބު ރައީސްކަން."
ދާއޫދު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ގުޓްނައިޓް އޭ ބުނެލަމުން އޭނާގެ ޖަގަހައަށް ހިނގައްޖެއެވެ. ނީނާ ވެސް ފިކުރުގެ ކަނޑަކަށް ޣަރަޤުވެގެން އިރުކޮޅަކު އިނުމަށްފަހު ނުކުމެގެން އައީ އެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރު ކަންމަތީ ފިހާރައިގެ ޝޯރޫމްގައި ނީނާ އިންދައި ޒުވާން ފިރިހެނަކު އަތުވެއްޖެއެވެ. އޭނާގެ ކޮނޑުގައި ބެކްޕެކެއް އަޅުވައިފައި އޮތެވެ. އެއް ކަންފަތުގައި ކަންފަތު މުންޖެއް ލައިފައިވެއެވެ. އަދި އެއް އަތުގައި ބައިވަރު ޕެކިންގތަކެއް އަޅައިފައި، އެއް ފައިގައި ގަތައިފައިވާ ނަނުކޮޅެއް އައްސައިފައި ވެސް އޮތެވެ. ލައިގެން ހުރީ ފިނި މޫސުމުގައިލާ ފާޑުގެ، ބޮލުގައި އަޅުވާ ކަހަލަ އަތްދިގު ސްވީޓަރު ފާޑުގެ ލިބާހެކެވެ. ތިރީން ލައިފައި ހުރީ އެކި ތަންތަނުން ބާހެދި ކުލަވެއްޓިފައިވާ ޖީންސެކެވެ. އަރައިގެންހުރީ ފެންފައިވާނަކަށެވެ. ބޮލުގައި ނުއަތަށް ތޮތްޕެއް އަޅައިފައި ހުރިއިރު ހުރީ އަވި އައިނެއް ވެސް އަޅައިގެންނެވެ. އޭނާ ހާސްވެފައި ހުރި ވަރުން ކަމެއް ބޮޑުވެގެން އުޅޭ ވައްތަރު ޖަހައެވެ. އެހެންވެ ނީނާ ހިސާބަހަށް ޖެހިލުންވިއެވެ. ނަމަވެސް އާދަކާދައިގެ މަތީން ނީނާ އެނާއާ ސަލާމް ކޮށްލިއެވެ.
"އައްސަލާމު ޢަލައިކުމް." ނީނާ ސަލާމްގޮވައިލިއެވެ. " ކޮން ކަމަކުތޯ، ކޯއްޗެއްތޯ ތިޔަ ހޯއްދަވަނީ؟ ވިދާޅުވޭ!"
"މިއައީ ދާއޫދާ ބައްދަލުކުރަން." ސަލާމަށް ޖަވާބު ދިނުމެއް ނެތި އެ މީހަކު ވާހަކަ ފަށައިގަތެވެ. "ކޮބާ ދާއޫދު؟"
(ނުނިމޭ)