ދިޔަވަތް ރަނގަޅު އޮޑި
ޅެންވެރިޔާ އެނގިފައިނެތް
ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ، ވިޔަކަސް ރުޅާބޮޑު ދީލާނުލާށޭ!
މިވަރަށް ދުވާ ނަމަ ނިވަލަށް ނުދެވެނީސް، ދިވަރަށް ދަމާ އޮޑި ކިޔަމަންކުރާށޭ!
------------------------------------------------------
ޖުންޖުލާ ގަދަ ކުރިމަތި ވަނިއްޔޭ، ދުއްވާނު އޮޑި މަޑު ކޮށްގެން ނުވާނޭ
ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ ޤުއްވަތުގާ ހުރިގޮތް ރަނގަޅަށް ބަލާށޭ!
ހަޑިވެ އުދަރެސް ނުފެނެވިދަނީއޭ، ބަނޑިލާ ނަގާ ބޯމަތިކޮށް ނިމިއްޖޭ
އަޑިވާ ނަގާ ދިޔަ ނަމައީ ކުދީންނޭ ދަނޑިވަޅު ބަލާފައި އެނގަކުރި ހިފާށޭ!
މުގުރިރާޅުގެ ފުއްޓަރުފަރާތޭ، ގުގުރާ ވިދުންތައް ގިނަވެސްވަނީއޭ،
ނުގުޑާނެހެން ކަނޑުގާ ހިތްވަރު ކުދީންނޭ މުގުލަށްވެ ތައްޔާރު ހަންޖާތިބޭށޭ!
ބަނޑުރިޔަލު ފެނުއެޅެމުންދަނީއޭ އަޑުފަށްކުރީންކުނބު އިވެމުންދަނީއޭ
ކަނޑުއޮޅި މިހާކައިރި ކުޑަތަންވަނީއޭ މަޑުމައިތިރިވެ މަތިކިބަޔަށް އަރާށޭ!
ބިރުތަކުން އުދަ ލިބިގެންދަނީއޭ ކިރުފެންކުލައިގައި ފަޅުމަތިފެނިއްޖޭ
އިރުއޮއްސިވާ އަނދިރި ކުޑަތަންވަނީއޭ ދިރުނބާކޮޅަށް ރަނގަޅުކުއްޖަކުއަރާށޭ!
ފަސްކަނީންފެންނަ ރަށްތައް އެހާގިނަ، ހައްތާ ވަމުން ބޮޑު އަސްތާދަނީއޭ
ގަސްކަރަމަތިން ރޯޅި އައުމުގެ ކުރީގާ ފަސްގަނޑުގެ ކައިރިން ބަނދަރެއްބަލާށޭ!
ދިލިމިލޯދާ ހިނދުގައި ކުދީންނޭ ގިލިތައް ނަގައި ކެނބު ގަދަޔަށް ޖަހާށޭ!
ވިލިގެންއަ ނުދަނީސްލި ފުރުމެއް ނުފެނެޔޭ ވިލަކުން މަގޭ އޮޑި ނުނަގަންބުނާށޭ!
-------------------------------
(ނިމުނީ)
މި ލިޔުން؛
ޓައިޕުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
އަލުންބެލުން:
ޝާއިޢުކުރުން: