އެޅުނު ކަތި ފިޔަވަޅުން
މަސްތުވެ ވަބާގައި ޖެހެވިގެން، މަގުއޮޅި ދެދުނިޔޭން ގެއްލިގެން،
އަސްތާ! މަގޭ ނިކަމެތިވެގެން، މިދަނީ އެޅުނު ކަތި ފިޔަވަޅުން
ހެއްލެވި ޒަމާނުގެ ދަޅަތަކަށް، ލެނބި ހިތް އެމަސްތީ ލައްޒަތަށް
ގެއްލުނު ޢަބުރު ފުން ކަނޑުތެރަށް، އެދުވަހު އެޅުނު ކަތި ފިޔަވަަޅުން
އޭރުގަ މަގޭ ގާތް އެކުވެރިން، ދިންހާ ނަޞޭޙަތް އަނބި ދަރީން
އޭރުގަ އެއަޑު ނާހާ ރުޅީން، ދެވުނީ އެޅުނު ކަތި ފިޔަވަޅުން
އަތްމަތި މުޅިން ގޮސް ހުސްވެގެން ، ފައިސާ ތަކެއް ގޮސް ހުލިވެގެން
ހިތް ދަތިވެ މީހާ ބިކަވެގެން، މިދަނީ އެޅުނު ކަތި ފިޔަވަޅުން
ހަށިގަނޑު މަގޭ ވަރުދެރަވެގެން، ސިފަޔާއި ގައިކުލަ ގެއްލިގެން
ކަށިތައް މުޅިން އަދު ފީވެގެން، މިދަނީ އެޅުނު ކަތި ފިޔަވަޅުން
އަނިޔާތަކެއް ކުރެވުނު މަށަށް، އެދުވަހު މަގޭ އަނބި ގޮއްޔެއަށް
އަނިޔާ ލިބެވި ޚުދު އަދު މަށަށް، މިދަނީ އެޅުނު ކަތި ފިޔަވަޅުން
އެކުއުޅުނު ގާތް އެކުވެރި އަޚުން، ބީވެއްޖެއޭ އަހަރެން އަތުން
އެކަނިވެ މިހެން ބާކީ ސަފުން، ވެވިދިޔަ އެޅުނު ކަތި ފިޔަވަޅުން
ރުހުމުގެ ބަހެއް ބުނެލާ ދުލެއް، މަދަދެއް މަށަށް ދޭނޭ އަތެއް
ރުހުމުގެ ލޮލުން ދެކިލާ ކަތެއް، ނުވެޔޭ އެޅުނު ކަތި ފިޔަވަޅުން