ދިވެހިންނަށް ވީތީ ފަޚުރުވެރިވަމާ!
ރިވެތިކޮށް ފިކުރާއި ވިސްނުން ހެޔޮމަގުން ހިންގާލަމާ،
ދިވެހި ޢިއްޒަތްތެރި ވަޠަން، ޙާލާއި، މާޒީން ދެކިލަމާ،
މިވެށި ދައްކައިދޭ ޙަޤީޤަތްތައް ބަލައި، ހޯދައިލަމާ،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ޖަންނަތެއްކަމުގައި ދުނިޔެއިން ނަންހިނގައި މަޝްހޫރުވީ،
ދަންނަ އެންމެންނާ ނުދަންނަ އެތައް ލޮލެއް މިސްރާބުވީ،
ރަން އަބާރަނައެއް ފަދައިން، މި ވަޠަން ވިދާތީ ޖާދުވީ،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ތިބެ އިލާހީ ދީނުގައި އެކަލާނގެޔަށް ކުއްތަންވަނީ،
ލިބެވިދާ ރޫޙީ ޣިޒާއިން ފިކުރުގައި އެއްގޮތްވަނީ،
ނުބެހި އޮއިވަރުގައި ޒަމާނީ މިގޮތުގައި ސާބިތުވަނީ،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
އެންމެ މޫރިތި އެއްބަހަށް ވާނޭ ޔަޤީނޭ ދިވެހި ބަސް،
އެންމެ ލޮބުވެތި ފަޚުރުމީ ކާކުތަ ވަނީ މިކަމާ ދެބަސް،
އެންމެހާ އަހުލުންގެ ބަހަކީ ދިވެހި ދީބުގެ ހަމަ މިބަސް،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ހަމައެކަނި މިފަދައިން، އަމިއްލަ ބަހެއްމެ ނޫން ލިބިފައި އޮތީ،
ހަމަތަކަށް ޢިލްމީ ފެތޭ އަކުރެއް އަމިއްލަވެފައި އޮތީ،
ރަމަލަކުންނޫން ''މައިކްރޯ ސޮފްޓަށް'' މި ބަސްވަދެފައިއޮތީ،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
މާ އިހުއްސުރެ ދިވެހި ކާބަފައިންގެ ނިޔަނެތި ދިރިއުޅުން،
ފާއިތުވި ތާރީޚު ލިޔުނޭ އެކުލަވާ އެކުވެރި ގުޅުން،
ދާއިމަށް އަގުހުރި މި ޝަރަފުގެ ވާރިސުން ކަމުގައިވުމުން،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ހަރުދަނާ ފިކުރާ މަސައްކަތްތެރިކަމާއި މުރާލިކަން،
ފަރުދުނަށް ލިބިފައި އުފެއްދުންތެރިކަމާއި ތިޔާގިކަން،
ފުރިހަމައެ، ޤައުމުގެ ސަގާފަތް އެންމެހާ ރޮނގަކުން ނިކަން،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ތޮޅެލުމަށް ދިވެހިންގެ ޤައުމާ އައި ފުށެތިކާލުން، ހޮޅިން،
ކޮޅިގަނޑެއްގައިޖެހި ބުރައިގެންނޭ ދިޔައި ބޭރަށް އޮޅިން،
މޮޅިޔަކަށްފަހު ދިވެހި އުންމަތް އަތްފިރާލިޔެ ދަތްދޮޅިން،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
އަހުރަވެތި އަލިރަސްގެފާނާ އަދި މުޙަންމަދު ތަކުރުފާނު،
އަހުރެމެން ޒިކުރާކުރަންވީ، ދޮން ޙަސަން މާތް މަނިކުފާނު،
ފަހުގެ ތާރީޚުން ޙުސައިން އާދަމްގެ ޖޯޝާ އެ ވިޖުދާން،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
މާކުރިން ދެކިފައިވިޔަސް އަޅުވެތިކަމެއް މާޒީތެރޭން،
ކާކުހޭ ރުހުނީ އެކަން ދާއިމްވުމަށް، ދިވެހީންތެރޭން،
އާކުރީ މިނިވަންކަމޭ ޤާބިލްވެތިބެ ދުނިޔޭތެރޭން،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ހަމަ ހިމޭން މާހައުލަކަށް ނޭވާލުމަށް ފުރުޞަތުލިބޭ
ޢަމަލުތައް ޞުލްޙައިގެ ފާގަތި ހިޔަލުގައި ކޮށްކޮށްތިބޭ
ހަމަކަމާ ހެޔޮ ޚުއްޤުތައް އާންމުވެ ނަފާ މިވެށިންލިބޭ
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
ދިވެހިވަންތަކަމާ، ދިވެހި އުންމަތުގެ މާތް ޝަރަފަށްޓަކާ،
ދިވެހި ތާރީޚާ ދިވެހި ޤައުމުގެ ނަމާ އަބުރަށްޓަކާ،
ދިވެހި ކީރިތި ފަސްގަނޑަށް ނިސްބަތްވެފައިވިކަމަށްޓަކާ،
ރިވެތިކޮށް ދިވެހިންކަމަށް ވީތީ ފަޚުރުވެރި ދެންވަމާ!
======================
ނޯޓު:
މި ޅެމުގެ ޝާޢިރަކީ ކާކުތޯ ވަރަށް ގިނަ ބޭފުޅުން ސުވާލު ކުރައްވާފައި ވެއެވެ. އެބޭފުޅުން މި ޅެން ވިދާޅުވެ ފަންވަތަށް ދެއްވި ބައިވެރިވެވަޑައިގަތުމަށް ޓަކާ ޝުކުރު ދަންނަވަމެވެ. އަދި ޅެމާމެދު ދެއްވި ޝައުޤުވެރިކަން އުފަލާއެކު ފާހަގަ ކުރަމެވެ. ދިވެހި އަދަބިއްޔާތަށް ލޯބިހުރި ފަރާތްތައް މި ގައުމުގައި ތިބި މިންވަރު މި ފަދަ ކަންކަމުން ސާބިތުވެއެވެ.
މި ޅެމުގެ ޝާޢިރު ޅެމުގައި ހިމަނާ ނުލެވުނީ ސަބަބެއް އޮވެގެންނެވެ. އެއީ ތަންކޮޅެއް ދިގުވާހަކަޔަކަށްވާތީއެވެ. އެހެންނަމަވެސް ވަރަށް ގިނަ ކިޔުންތެރިންގެ ޝައުޤުވެރިކަން އެ ނުކުތާއާމެދު ފާޅު ކުރައްވަމުން ގެންދަވާތީ، ވަގުތު ހޯދައިގެން އެ ''ދިގުވާހަކަ'' ލިޔެލާނަމެވެ.
ޚިޔާލު ގޮޅީގައި ކުރިންވެސް އަޅުގަނޑު ދަންނަވާލާފައި ވާ ފަދައިން މި ޅެން މިހާރު ޝާއިޢުވެފައި މި އޮތް ގޮތަށް އެކުލަވައިލުމުގައި އެތައް ދަރިވަރުންނެއްގެ މަސައްކަތް ހިމެނިގެންވެއެވެ. މިއީ އެންމެ ދަރިވަރެއްގެ މަސައްކަތެއް ނޫނެވެ.
2000 ވަނަ އަހަރުން ފެށިގެން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ދިވެހި އަދަބީ ކިލާސްތަކެއް އަޅުގަނޑު ހިންގަމެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކުވެސް ޅެންކޯހެއް ހިންގަމުން ގެންދަމެވެ. މި ކޯހަކީ ހަމަ އެކަނި ކުއްލިއްޔާގެ ޔުނީފޯމު ދަރިވަރުން ތަމްރީނުކުރުށް ހިންގޭ ކިލާހެކެވެ.
''ދިވެއްސަކަށްވީތީ، ފަޚުރުވެރިވަމާ'' މިއީ އެއް އަހަރެއްގެ ގައުމީ ޝިޢާރެވެ. ކޮން އަހަރެއްކަމެއް މިހާރު އަޅުގަނޑު ހަނދާނެއް ނެތެވެ. 2006ކަމަށް ހީވެއެވެ. ހަނދާން ނެތް ކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.
މި ކިލާހުގައި މި ދެންނެވި އަހަރު، ތަފާތު މައުޟޫޢުތަކަށް ދަރިވަރުން ލައްވައި ޅެން ހެއްދުނެވެ. ''ދިވެއްސަކަށް ވީތީ، ފަޚްރުވެރިވަމާ'' މިއީ އޭގެ ތެރެއިން އެއް މައުޟޫޢެވެ.
ކޮންމެ މައުޟޫޢެއް ކަމަށް ވިޔަސް އެ މަޢުޟޫޢަކަށް، ޅެން ހަދަން ފެށުމުގެ ތެރޭގައި ގުރޫޕުކޮށް މަޝްވަރާކުރުން އޮންނާނެއެވެ. މި މަޝްވަރާގައި އެ މައުޟޫޢުގައި ހިމެނޭ ބައިތަކުގެ އޮނިގަނޑެއް (ކޮންސެޕްޓުމެޕެއް) އެކުލަވައިލާނެއެވެ.
މި ސާލަކަށް ދިވެއްސަކަށްވީތީ ފަޚުރުވެރިވަނީ ކީއްވެ؟ މި ސުވާލު އުފައްދައި އެކުއްޖަކަށް ފެންނަ ބައިތަކެއް ހުށަހަޅާނެއެވެ.
އޭގެތެރޭން ގައުމިއްޔަތުގެ ރުކުންތައް ކަމުގައިވާ، ދިވެހި ބަސް، ތާރީޚް، ދީން، މިނިވަންކަން، މި ފަދަ މިފަދަ ބަހާތައް އެކި ކުދިންގެ ޚިޔާލުގެ ތެރޭން ލައިފައި އެ އޮނިގަނޑުގެ ތެރެއަށް އިތުރުވެގެން އަތުވެއްޖެއެވެ. ކޮންމެ މައުޟޫޢެއް ކަމަށް ވިޔަސް، މި ހެން އޮނިގަނޑު ރާވާލެވުމުން، ދެން ކަނޑަ އަޅަނީ ޅެމުގެ ނާރެހެވެ. އެ ނާރެސް ފާސް ކުރަނީ ދަރިވަރުންނާއި އަޅުގަނޑާ މަޝްވަރާކޮށް، ހުރިހާ ޚިޔާލެއް އެކުލެވި، ތަފާތު ގޮތްތައް ހުށަހެޅިގެންނެވެ.
ނާރެސް ކަނޑަ އެޅުމަށްފަހު، އޮނިގަނޑުން ކޮންމެ ކުއްޖަކު ބަހާ އެއް ނަގަނީއެވެ. ކޮންމެ ބަހާ އަކަށް ކޮންމެ ކުއްޖަކު ބައިތެއް ހަދަނީ އެވެ. އަވަހަށް ހެދޭ މޮޅު ކުދިން އެއް ބަހާ އަށްވުރެ ގިނަ ބަހާ ނަގައި އެއްބައިތަށްވުރެ ގިނަ ބައިތު އެކުލަވައި ލާނެއެވެ. އެ ބައިތުތަކުގެ މާނަވީ ގުޅުމާއި، ލަފުޒީގުޅުންތައް ތަރުތީބުކޮށް އެކަށަ އެޅުމަކީ ފަހުގެ މަރުޙަލާއެކެވެ.
ފަންވަތުގެ ކޮންމެޓުބައިގައި މިއަށްވުރެ ކުރުކޮށް މި ވާހަކަ ދަންނަވާލި ދަންނަވާލުމުގައި، އަޙްމަދު ޝަމީން ކިޔާ ކުއްޖަކު ގިނަ ބައިތުތައް ހެދިވާހަކަ ދަންނަވާލެވިފައި އޮންނާނެއެވެ. ޝަމީން ފިޔަވައި އާދަމް ފަޒީލް ފާޠިމަތު މޫނިފާ، ހަނދާންވާގޮތުން، އެނޫން ބައެއް ކުދިންގެ މަސައްކަތް ވެސް މި ޅެމުގައި ހިމެނިފައި ވެއެވެ. މުދައްރިސެއްގެ ހައިސިއްޔަތުން އެކުދިންގެ މަސައްކަތް ކޮށާ މަށާ ހެދުމުގައި އަޅުގަނޑުގެ އެހީތެރިކަމެއް ފޯރުކޮށް ދެވިފައި ނެތެކޭ ނުދަންނަވަމެވެ. އެކަމަކު އެކަމުގެ ''ނަން'' ލިބިގަތުމަކީ އަޅުގަނޑުގެ ހިތް ރުހޭ ކަމެއް ނޫނެވެ. ނުވަތަ މި ޒަމާނުގެ ޢީބާރާތަކުން ދަންނަވާނަމަ، އެކުދިން އެހާ ބުރަކޮށް މަސައްކަތްކޮށް މޮޅު ޅެމެއް ހެދީމާ، އެ އޮރި ފިލުވައިލައި އޮމާންކޮށްލަ ދިންކަމަށްޓަކައި، އޭގެ ''ކްރެޑިޓް ކަލާ މީހަކަށް'' އަޅުގަނޑު ވާކަށް ބޭނުމެއް ނުވެއެވެ.
މިވާހަކަ އަދި މި ހިސާބަށް ވެސް ނުނި މެއެވެ.
މި ދެންނެވި ގޮތަށް ޅެމެއް އެކުލަވައި ލެވިފައި އޮތްވައި، އެ އަހަރުގެ މަތީމަޖީލީހުގެ މުބާރާތަކަށް ހަމަ މި މައުޟޫޢަށް ޅެމެއް ހެދުމަށް އާދަމް ފަޒީލަށް ފުރުޞަތު ލިބުމުން، އޭނާ އަލުން މި ޅެން އިޞްލާޙުކޮށް، މުބާރާތުގެ މައުޟޫޢާ ގުޅޭގޮތަށް ބަދަލުތައް ގެނެސް، އޭނާގެ ވިސްނުމަށް އެހައިތަނަށް ފެންނަ ބަދަލުތައް ގެނެސް ހުށަހެޅިއެވެ. ފަޟީލް ގެނައި ބަދަލުތަކާއެކީ ފަޟީލުގެ ހުށަހެޅުމަށް ވަނަ ވެސް ލިބުނެވެ.
އެހެން ކަމުން ފަންވަތާ ހަމަޔަށް އައިސްފައިވާ ޅެމަކީ، މި ދެންނެވި ހުރިހާ ފުރޮޅުންތަކެއްގެ ތެރޭގައި ޒަމާންތަކެއް ކަޑައްތުކޮށްފައިވާ ޅެމަކަށްވާތީ، ޅެންހެދީ ވަކި މިވެނި ފަރާތަކުންނޭ ބުނެ ކަނޑައެޅުމަށްވުރެ އެކަން އެހެން ނުކުރުން އިންސާފުވެރިކަމަށް ވިސްނުނީއެވެ. މި ވެނި އެވެނި ކުދީންގެ މަސައްކަތް ހިމެނޭ ޅެމެކޭ ދަންނަވާލެވުނީ އެވެ.
މި ދެންނެވި ޅެންކިލާހުގައި ބައިވެރިވި ދަރިވަރުންގެ އަތުގައި އަދި މި ނޫން ގޮތްތޮތަށް (ބައެއް ބައިތުތައް ތަފާތު ބަދަލުތަކާއެކު) މި ޅެން އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މުޅި ޅެމުގެ މަސައްކަތުގެ ރީތި ނަން އެއިން ކޮންމެ ކުއްޖަކަށްވެސް ޙައްޤުވާކަމަށް ގަބޫލުރަމެވެ. އިރާދަ ކުރެއްވިއްޔާ އެކުދީންނަކީ އުންމީދީ ޒުވާން ޅެންވެރިންނެވެ.
މި ޅެން ނޫނަސް އޭގެ ތޭރޭން ބައެއް ކުދީންގެ އެދުމުގެ މަތީން، ހަމަ ރީތި ބައެއް ޅެން، ޅެންހެދި ފަރާތުގެ އަސްލުނަން ޝާއިޢު ނުކޮށް، ފަންވަތުގައި ޝާއިޢުވެފައި ވެއްޖެ އެވެ. އެހެން ނަމަވެސް ރަމްޒީ ނަމެއް ޖަހާލެވިފައި ވާނެއެވެ. އެކުދީން ރާއްޖޭން ބޭރުގައި މަތީތަޢުލީމު ޙާޞިލްކުރަމުން ދަމުންވެސް، ފަންވަތަށް ޅެން ފޮނުވާކަމަށްޓަކައި ޝުކުރު އަދާކޮށް އުފާ ކުރަމެވެ.
ސުވާލު ކުރެއްވި އަޅުގަނޑުމެންގެ ފަންވަތުގެ ރަޙްމަތްތެރީންނަށް ޖަވާބު ދަންނަވާލެވިއްޖެ ކަމަށް ހީކުރަމެވެ. ހުރިހާ ބޭފުޅުންނަށްވެސް ހެޔޮ އެދުމެވެ. ދިވެހި އަދަބިއްޔާތަށް ފަހިކަމާއި ފާގަތިކަމެވެ. ކުރިއެރުމެވެ.
= އާދަމް ނަޞީރު އިބްރާހީމް=