ހާ، ށަވިޔަނި - ރައިވަރު
ފަންވަތުގެ ޚާއްޞަ ނޯޓު؛
މިއީ ފަންވަތަށް މިހާރު ލިޔުން ހަދިޔާ ކުރައްވާ ލިޔުންތެރީންގެ ތެރެއިން، އުމުރުން އެންމެ ދޮށީ ލިޔުންތެރިޔާ ކަމުގައިވާ، ށ. މިލަންދޫ، އަލްމުޙްތަރަމު މުޚްތާރު ޢަބްދުއްރަޙްމާނު (80އ) ހިޖުރައިން، 1403ވަނަ އަހަރު ހައްދަވައިފައިވާ ޅެންތަކަކާއި ރައިވަރު ތަކެއް ހިމެނޭ ފޮތަކުން (ޝާއިޢުވެފައިނެތް ފޮތެއް) ނަކަލު ކޮށްފައިވާ ރައިވަރުތަކެކެވެ. ފޮތުގެ ބޭރުގަނޑުގައި އޭނާ ލިޔުއްވާފައި އޮތީ ތިރީގައި އެ އޮތް، ތިންބަސް ރައިވަރެވެ.
މުޚްތާރު ޢަބްދުއްރަޙްމާނު، ނޫރާނީގެ- ށ. މިލަންދޫ
ދަނޑަށް ވަދެ ޝާޢިރީ އުޅެ،
ގަނޑަށް އަޅު ވަރު މިހައިވާނީ
ބަނޑަށް ޖަހާށަ ކުޅު ވާނީ
ހާ، ށަވިޔަނި - ރައިވަރު
ހ- ޙަޔާތޭމީ ފެނީ ހުވަ
މަޔާ ދަރި، ވަކިވެގެން ދާމީ
ވަޔާ ބުރާށަ، ކުނޑި ދާމީ
ށ- ށީހަ ހުއްޓާ، ރޭނެ ނުކެ،
މީހަކަށް ޅެންބަހުން ކުރަން
ދީ ހަމަލާ މަ، ބަލިކުރަން
ނ- ނަގުލަށް ފައެއް ޅޭނެ ނުއެ،
މަގުއޮތް ތެދަށް ހިނގައިދަންޏާ
އަގުމީހާގެ ދަންނަންޏާ
ރ- ރަޙްމާނުކަން ވަންތަ ބޮޑެ،
ބަހުގައި ޞަޙީޙު ހުރިވަރަށް،
އަހުގައި ދުވެލި ހުންނަވަރަށް،
ބ- ބަހުން ޅެންކީ، އަދަބު ލަދު،
ގަހުން އުނިމާ ފޮޅޭ ފަދައޭ
ވަހުން ތަފާތު ނުވި ފަދައޭ
ޅ- ޅެންވެރިކަމުގެ މީރުކަން،
ދެންނެވެން ނެތް ވަލެއް، ވީމާ
އެންމެން މީގަ ނުހިފީމާ
ކ- ކުރާކަން ފޫ ބެދެންޏާ
މުރާދުގެ މާ ފޮޅޭ ވާނޭ
ތުރާތަކެއްވި ދިނިދާނޭ
އ- އަނދާ އަލިފާން ދައިން ހަސަ،
ކަނދާ މަސް ހައިވަރަކު ވަރަށް،
ތަދާ ރިހުން އެއްވަރަށް،
ވ- ވަގުތު ފާއިތު އުމުރުވީ،
އަގު ނެތް ގޮތުން ވިޔަސް ވާނޭ
މަގުގައި ޤަޟާ އެ، ނުމެވާނޭ
މ- މަތިފުށުން އައި ތިމާ މޮޅު،
ކަތި ބަސް ޢަމަލު ވުމުންދާނޭ
ފަތިފުށް ހާމަ، ފެނިދާނޭ
ފ- ފުނޑިކަމަކު ހަވާދެއް މީރު،
ގޮނޑިރާ ކޮލީން ކައްކަން ރިހަ
ބޮނޑި ލިބިވާނެ ލައްކައިން ވިހަ
ދ- ދިމާކުރުމީ ކަމެއް ދެރަ،
ޙިމާޔަތް ގަދަ ނެތީ ވިއްޔާ
ތިމާގެ މީހު ރުޅި ވިއްޔާ
ތ- ތުރާލުން މިންޖު ވާނީ،
ދުރާލާ ވިސްނެވީ ވިއްޔާ
މުރާލިވާން އެނގުނިއްޔާ
ލ- ލަގަނާ ދިޔައި، އަރާރުޅި،
އަނގަގަދަ މިތުރު ފުޅާވީމާ
ބަނގަލާ ބާވެ ރަނގަވީމާ
މ- ގަހުން ފުރަ މާ ފޮޅެންޏާ،
ބަހުން ހިލިޔަސް މެޓާ، ތާއޭ
ވަހުން ތަފާތު ނުވިތާއޭ
ޏ- ޏަމްޏަމުގަހަށް އަރާ ހަމަ،
ޙަމްދުކޮށް ކަމެ، ބިންނަމުން އާ
ލަމް ރައްބީގެ ކިބަޔަށް ޢާ
ސ- ސަމާސާތައް ކުރަނި މަދު،
ނަމައިގައި ރިހަ ނުކެއްކޭތީ
ކަމާއި ބަހާ، ވިހަ ވާތީ
ޑ- ޑަބިޔާ އަލުން ޖަހަންވީ،
އަނބިގޮއްޔެ ވަރި މަގޭވީމާ
''ފަބިއައްޔީގަ ޖެހުނީމާ''
ޔ- ޔަންމާގެ ހެން ޖީނުއިން،
މަންމަ އަނގަ ވެސް ތެޅޭ ވަރަށް،
ކަންނެތް ދީންކު، ގިނަ ވަރަށް
ޕ- ޕާނާ ބަޓަރު ނުދިން ތިޔަ،
ވާނާދީ ވެ ނިދޭ ކުދިން
ނާނާ ކީމަ ކުޑަ ކުދިން
ޒ- ޒުވާބުން މިންޖު ވާށޭ
ރުވާފަހަ ލެވި ގަޔަށް ދާނޭ
ދުވާވަހުން އެފަދަ ވާނޭ
ޓ- ޓޮރުޕިޓޯ ފިޔެ އަޑިންލާ،
ތޮރުފާ ހިތުގެ ސިއްރު ވަރަށް،
ފޮރުވާ މީހު ހިތްވަރަށް
ޖ- ޖިހާދު ކުރޭ ގަލަމާ ދޫ!
ނިހާއީ ލަޝްކަރުން ވާނޭ
އިހާއި ފަހާއި ބަލިވާނޭ
ޗ- ޗާލު ހަނދަކުން ކުރާ އަލި،
ފާލު ސީދާ ނިކަން ވާނޭ
މާލުން ޖާހު ބޮޑުވާނޭ
(ނިމުނީ)
ފޮތް ހަދިޔާ ކުރެއްވި، އެ ފޮތުގެ މުއައްލިފަށް، ފަށްފަށުން ޝުކުރުވެރިވަމެވެ. އިރާދަކުރެއްވިއްޔާ، ކުރިޔަށް އޮތްތާނގައި މި ފޮތުގެ އިތުރު ލިޔުންތައް ކިޔުންތެރިންނާ ހަމަޔަށް ގެނެސް ދެވޭނެ އެވެ.
-ފަންވަތް-
-ފަންވަތް-