ފިޔަވަޅު
ނަސީމާ މުޙަންމަދު
މެންދަމުގެ ސަނދުވާ، މަތީގައި ފެތުރިފައި ވެއެވެ.
އޭގެ އެތަން މިތާނގައި ވަނީ ތަރީގެ ޖަރީތަކެވެ.
ޚިޔާލުގެ ދުންފިނީގެ ތެރެއަށް އިންސާނާ ގެއްލިފައި ވެއެވެ.
ޒަމާންވީ ހިޔަނިތައް ހަނދާނުން ދައުރުވާން ފަށައިފިއެވެ.
އަނދިރި ހޮހަޅައިގައި އަންދަމުންދާ ހޫނު އަލިފާނެވެ.
ޖަނަވާރު ހަމުން ހަށިތައް ނިވާކުރި ބަޔެކެވެ.
ހޮހަޅައިގެ ބިތުގައިވާ ކުޅަދާނަ ސިއްތަރަތަކެވެ.
ސިންގާގެ ނާމާން އަޑު ޖަންގަލިން އިވެމުންދެއެވެ.
ވެސްނޫ ކުލައިންވާ މެދުތެރޭ ކަނޑުގެ އައްސޭރިއެވެ.
މަރުމަރީ ހިލައިން އުފައްދާ ފުރިހަމަ ބިނާތަކެވެ.
އަކުރިސްގެ އެހީގައި ދޫނިހެން، ކަނޑުގައި އުދުހިދާ ނައުތަކެވެ.
އިންސާނުން ދުނިޔޭގެ މައްޗަށް ވެރިވާން ފެށި ތަނެވެ.
އުދަރެސް ހުރަސްކޮށް ދަތުރުކުރާ އަލަތޭރި ވާހަނަތަކެވެ.
ވިލާތަކު ތެރޭގައި ނިވާވާ އުސްހައި ބިނާތަކެވެ.
ހޯދަމުންދާ ޢިލްމާއި އެންމެހައި ވަބާގެ ފަރުވާތަކެވެ.
ސިއްރަކަށް ފަހު ސިއްރެއް އޮޅުންފިލަމުން ދާ ތަނެވެ.
ދެން ދަހަދޭހަޔަށް އިންސާނާ ބަލައިލިއެވެ.
ފަތަޙަކުރާނީ ދެން ފަހެ ކޮންކަމެއް ބާވައެވެ؟
މެންދަމުގެ ތަރިތައް ޖަވާބު ދިނެވެ. އިންސާނާއެވެ!
ނޭނގޭހެއްޔެވެ؟ ކަލޭ ދެން ހިނގާނީ ތަރިތަކުގެ ތެރޭގައެވެ.
-----------
(ނިމުނީ)
(ނިމުނީ)
މި ލިޔުން:
ފޮނުވުން: އަލްފާޟިލާ ނަސީމާ މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''