ބިރު ހުރި، ރަޙްމަތްތެރިޔާ
އާ ޅެން؛
އާދަމް ނަޞީރު އިބްރާހީމް (2009)
ތިޔައީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެވެ.
ދުނިޔެއަށްލީ ފުރަތަމަ ނޭވަޔާއެކު ގުޅުން ޤާއިމު ކުރި އެކުވެރިޔާ އެވެ.
އުފަލާ ހިތާމަތަކުގެ މަދަދުވެރި ބައިވެރިޔާ އެވެ.
އެކަމަކު ވެސް އަހަރެން ތިބާދެކެ އިންތިހާޔަށް ބިރުގަންނަމެވެ.
ފުރަތަމަ ބައްދަލުވުމުގެ ވާހަކަ ނުދައްކަމާ ހިނގާށެވެ.
އެ ޒިކުރާ ހަމަ އެކަނި ހަނދާނެއްގެ ގޮތުގައި ރައްކާކޮށްލަމާ ހިނގާށެވެ
އެއާ ޚިލާފަށް ތިޔަ ޢިނާޔަތްތެރިކަމަށް އެދޭ މިންވަރު އަޑު އަހާލަދޭށެވެ!
އެކަމަކު ވެސް އަހަރެން ތިބާދެކެ އިންތިހާޔަށް ބިރުގަންނަމެވެ.
ޢުމުރުން ހަ އަހަރުގައި އެއް ދުވަހަކު، ދިރިމެޓައެއް ކާހިތްވި އެވެ.
ބައްޕަ އެ މެޓާ ބައްލަވައިގެން ދެއްވުމަށް އިންކާރު ކުރެއްވި އެވެ.
އެ ވަގުތު ތިބާ އަހަރެންގެ ދެ ލޮލުގެ ރަވަކައިރީގައި ބަބުޅައިގަތީމު އެވެ.
ވިދުވަރެއްހެން ބައްޕަގެ ހިތުގެ އެންމެ ފުނަށް އެކަމުގެ އަސަރު ފޯރުވީމު އެވެ.
ފިނިފެންމަލެއްގެ ކަރުގަނޑު ފަދައިން، ބައްޕަގެ ހިތް އެ ދުހު މަޑު ކޮށްލީމު އެވެ.
ތިބާގެ މިންނަތުން އަހަރެންގެ އުންމީދު އެ ދުވަހު ވެސް ހާޞިލްކޮށްދިނީމު އެވެ.
އެކަމަކު ވެސް އަހަރެން ތިބާދެކެ އިންތިހާޔަށް ބިރުގަންނަމެވެ.
ފުރާވަރުގެ ޝާއްބަ މޫނުތަކާއި، ޅަނދޮޅު ޙޫރުންތައް ދުށީމެވެ.
މާމެލާމެލީގެ ބަގީޗާތަކާއި، ލަވަކިޔަމުން އުދުހޭ ދޫނިތައް ދުށީމެވެ.
ދުނިޔޭގެ ފެހިކަމާއި އާރޯކަން، ހަނަފަސްކަމާއި، ދަނަކަން ދުށީމެވެ.
ވާރޭއާއި ނޫކަނޑާއި ތަރިރުހަނދުގެ ހިތްގައިމު ތަސްވީރުތައް ބެލީމެވެ.
ތިބާގެ ފުރިހަމަ ޢިނާޔަތްތެރިކަމުގެ ވާސިޠާ އިންނެވެ.
އެކަމަކު ވެސް އަހަރެން ތިބާދެކެ އިންތިހާޔަށް ބިރުގަންނަމެވެ.
މި އަދު އަހަރެންގެ އުމުރުން އަށްޑިހަ އަހަރު ވެއްޖެ އެވެ.
މި އަދަކު ދިރިމެޓައެއް، މަލެއް، ތަރިއެއް، ހަނދެއް ހަނދުވަރެއްގެ ބޭނުމެއް ނެތެވެ.
މިއަދުގެ އެދުންތައް މުޅީން ތަފާތެވެ.
އަހަރެން ނިކަމެތިކަމާއެކު ސަޖިދަޔަށް ދާ ހިނދު،
ފާފަތަކާ މެދު ގިސްލެވޭ ހިނދު،
ކައުޘަރުގެ އެދުމުގައި ކަރުހިއްކަވައިގެންފައިވީ ހިނދު،
ޒައްޤޫމުގެ ބިރަށްޓަކައި، ހިތްފަޅައިގެންދާ ހިނދު،
ނިކަން މި ދެ ލޮލުން ހޯސްލައިފައި އޮހޮރިގެންދީ ބަލާށެވެ!
އަދައިދެންނެވުމުގެ މިޙުރާބުގައި އަހަރެންގެ މުޅި ޟަމީރު ނިކަން ރަނގަޅަށް ޣަރަޤުކޮށްލައިދީބަލާށެވެ!
ތިޔަ އޮއިވަރުގައި މި ނަފުސާއި ފުރާނަ، ސުވަރުގެއަށް ފޮނުވާލައި ދެވޭނެ ކަމާ މެދަކު ކުޑަވެސް ޝައްކެއް ނުކުރަމެވެ.
އެކަމަކު ވެސް އަހަރެން ތިބާދެކެ އިންތިހާޔަށް ބިރުގަންނަމެވެ.
މަދަދުވެރި އެކުވެރިޔާ އެވެ!
ވަފާތެރި ރަޙްމަތެރިޔާ އެވެ!
މި ޚިދުމަތަށްޓަކައި ކޮޅުނެތްކޮޅަށް ޝުކުރިއްޔާ އެވެ!
އެކަމަކު ވެސް އަހަރެން ތިބާދެކެ އިންތިހާޔަށް ބިރުގަންނަމެވެ.
ކީއްވެގެން ހެއްޔެވެ؟
އޭ މި ދެލޮލުގެ އަގުހުރި ކަރުނަޔާ އެވެ!
ތިބާއަކީ، އަހަރެންގެ ދެ ދުނިޔޭގެ ރަޙްމަތްތެރިޔަކު ކަމުގައި ވެދާނެތީ އެވެ!