ނަތީޖާ ވެދާނޭ ފަހުން މާ ނުރައްކާ!
ޔޫސުފު މުޙަންމަދުފުޅު
ރެދަންކުލަ އަރާތީ ދުނިޔެ ރީތި ދައްކާ
ކުދިންހެން ކުޅެންވީހެ ސައިބޯނި ބޮތްކާ
ވަށައިގެން ކިޔާތީހެ ލަވަ ރީތި މޮޔައިން
ނަށައިގަންނަނީ ދަޅަތަކަށް ދުނިޔެ ދައްކާ
ޔަޤީންކަން ދެނީ ފެންނަ ހުވަފެންތަކަށްހޭ
ޙަޤީޤަތް ނުފިލިޔަސް އެއިން ވަހުމު ޝައްކާ
ޙަރާމެއް ހަލާލެއް ނެތަސް އެނގި އެ ކަމަކީ،
އަރާމެއް ލިބެންޏާ ކަމެއްހޭވި ފައްކާ
ވަނީނަމަ ލިބެން ތިޔަ ހިލޭ ކޮންމެ ބުއިމެއް
ދަނީ ފިލުވަމުންހޭ ހިކުން ކަރު އެ ހިއްކާ
އެ ދޭ އަގުލިބޭ ކޮންމެ ވިޔަފާރިއެއްގައި
ކުދީންނޭ ލަނީހޭ މުޅިން އަބުރު ވިއްކާ
ނުފުދިދާ ހިނދެއްގައި އެދޭ ކޮންމެ އެދުމެއް
އުފުލިގެން ދަނީ ނާރުހޭ ލޭ އެ ކައްކާ
ކަމުންނާ ނަމުން ގޮންޖަހާލަން ދަނީހޭ
ކަމެއްގާ ނެތަސް ތިޔަ ދަލީލާއި ހެއްކާ
މި ދުނިޔޭގެ ދަހިވެތިކަމަށް ހެއްލެމުން ގޮސް
ދެދުނިޔޭން އެކީ ގެއްލެނީހޭ އަނެއްކާ
ނެތިއްޔާ ތިމާ ވިސްނުމެއް އަމަލުތަކުގައި
ނަތީޖާ ވެދާނޭ ފަހުން މާ ނުރައްކާ
(ނިމުނީ)