ތިންކް ގްލޯބަލީ....
"ތިންކް ގްލޯބަލީ، އެކްޓް ލޯކަލީ" Think Globally, Act Locally
އިބްރާހީމް ނަޢީމު
އަޅުގަނޑުމެން ވަރަށްގިނައިން އަޑުއަހާ ނަމަވެސް އެއާމެދު ފުންކޮށް ވިސްނާލެވިފައި ނެތް އިބާރާތް ކޮޅެކެވެ. އަޅުގަނޑުމެންގެ ޢަމަލު ތަކުންވެސް އަޅުގަނޑު މި ދެންނެވި އެއްޗަކަށް ބާރު ލިބެ އެވެ. މިސާލުތައް ބައިވަރެވެ. ބުނެވި ދިޔަ އިބާރާތުގެ މާނައާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާނުލައި ލިޔުމައިގެން ކުރިޔަށް ދާކަށް އަޅުގަނޑުގެ ހިތެއް ނުރުހުނެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުގައި Think Globally, Act Locally މި އިބާރާތުގައި މި ބުނަނީ، ކަންކަމާމެދު ޤައުމީފެންވަރުގައި ނުވަތަ އެ އަށްވުރެ ވެސް ފުޅާކޮށް މުޅިދުނިޔޭގެ ފެންވަރުގައި ވިސްނާށެވެ. އަދި ފަރުދީ ފެންވަރުގައި އަމަލު ކުރާށެވެ. މިހެންނެވެ. ސުވާލަކީ އަޅުގަނޑުމެންގެ ތެރޭގައި މި ކަން މި ގޮތަށް ހިނގާތޯ ކުރެވޭ ސުވާލެވެ.
މި ސާލަކުން ފަށަމާހިނގާށެވެ. އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ގޮތުން ތިމާވެށީގެ ރެފިއުޖީނަށް އަޅުގަޑުމެން ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެ ކަމާ އަޅުގަނޑުމެން އަޑު ވެސް އުފުލަމު އެވެ. ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ސަމާލުކަމަށް ގެނައުމުގައި އަޅުގަޑުމެން އަދާކުރި އަދި އަދާކުރަމުންދާ ރޯލު ވަރަށް ފުރިހަމަ އެވެ. މޫސުމަށް އަންނަ ބަދަލަކުން ދުނިޔެއަށް، ޚާއްޞަކޮށް ރާއްޖެއަށް ކުރިމަތިވެދާނެ އެކި އެކި ގެއްލުންތައް ދުނިޔޭގެ އިސް ޒަޢީމުންނަށް އަންގައި ދިނުމުގައި ކާމިޔާބީތަކެއް ހޯދައިފީމު އެވެ. މި ކަމުގައި އަޅުގަނޑުމެން ދިވެހިން ވެސް ވިސްނަނީ ދުނިޔޭގެ ފެންވަރުގަ އެވެ. ނަމަވެސް "އެކްޓް ލޯކަލީ" އޭ އެ ބުނާ ބައިގައި އަޅުގަނޑުމެންގެ ހަރަކާތްތެރިކަން ކުޑަކަން ފާހަގަކުރެވެ އެވެ. އެންމެނާޒުކު ތިމާވެށްޓެއް އޮތީ އަޅުގަނޑުމެންގެ ޤައުމުގަ އެވެ. އެކަން އެހެން މީހުނަށް އަންގައި ވެސް އެބަ ދެވެ އެވެ. ނަމަވެސް އަޅުގަނޑުމެން އެ ކަން ދެނެގެންފީމު ހެއްޔެވެ؟ ދެނެގަތް ނަމަ، ހޭޅިފަށާއި، ގޮނޑުދޮށާއި މޫދުން މި ފެންނަ ކުނިބުނީގެ މުއްސަނދިކަން އެ ގޮތައް ފެންނާނެ ހެއްޔެވެ؟
ޤައުމީ އެހެނިހެން މައްސަލަތަކުގައި ވެސް ފަރުދީ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ދިވެހި މުޖްތަމަޢުގެ ގިނަ ފަރުދުންނަށް އޮންނަނީ އިހުމާލުވެވިފަ އެވެ. އެހެން މިސާލަކަށް ދަމާތޯ އެވެ. މަގުހިނގާ މީހުނަށް ބަލައިނުލައި ވެހިކަލު ދުއްވާމީހުން ވަރަށް ގިނަކަން އެންމެން ވެސް ގަބޫލުކުރަމު ދޯ އެވެ! ޓްރެފިކް ގެ ގަވައިދުތަކާ ވެސް ގިނަމީހުން ވަރަށް ބީރައްޓެހިކަން ޔަގީން ނޫންތޯ އެވެ؟ އެކަން އިސްލާހުކުރަން ވާހަކަ ވެސް ދައްކަމު ދޯ އެވެ! ނަމަވެސް ސައިކަލަށް އެރުމަށްފަހު އެކަން ހަނދާން ހުންނަމީހުން ވަރަށް މަދެވެ. އާދެ! އެކްޓް ލޯކަލީއޭ މި ބުނާބައިން އެކަށީގެންވާވަރަށް މާކުސް ނުހޯދެނީ އެވެ.
ކަންކަން އިޞްލާޙު ކުރުމުގެ ވާހަކަ އަޑުހަރުކޮށް ދައްކާ އެހެން މީހުންގެ ކަންފަތްތައް އެ އަޑުތަކަށް ހާނުވަން އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމު އެވެ. ނަމަވެސް ތިމާގެ ކަންފަތަށް އެ އަޑުތަކެއް ނުވަދެ އެވެ. ފަރުދީ ފެންވަރުގައި ތިމާކުރަން ޖެހޭކަންތައްތައް ނުކޮށް އަނެކުން އިޞްލާޙު ކުރަން ކުރާ މަސައްކަތުގެ ފައިދާއެއް ފެނުން އޮންނާނީ ވަރަށް ދުރުގަ އެވެ. އެންމެ ފުރަތަމަކުރަންވީ ކަމަކީ މުޖްތަމަޢުގައި ހުރި ނޭދެވޭ ސިފަތައް ދެނެގަތުމެވެ. އޭގެފަހުގައި އެކަންތައްތައް އިޞްލާޙު ކުރުމަށް ފަރުދީފެންވަރުގައި ކުރެވިދާނެ ކަންތައްތައް ބަލައި އެކަން ކުރާށެވެ.
---------------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން؛
ފޮނުވުން: އަލްފާޟިލް އިބްރާހީމް ނަޢީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''