ހިކިފަހުގައި ބަކަ ތެޅުން....(1)
''ހިތުގެ ޤަދަރެއް ނުވާ ލޯތްބަކީ ފިތުނަޔޭ
ފިތުނަވެރިކަމުގެ އަލިފާނަކީ ކަރުނަޔޭ''
އިސްމާޢީލު މުބާރީކްފިތުނަޔަކީ ލޯތްބާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. ހިތުގައި އެއްވެސް ޤަދަރެއް އެއަށް ދެވިފައި ނުވަނީ އެހެންވެގެންނެވެ. އެހެންނަމަވެސް އިންސާނުންނަށް މި އުޅެނީ އެޔާ ދުރު ނުވެވިގެންނެވެ. ކޮންމެ ފިތުނައެއްގެ ނަތީޖާޔަކަށް ވެގެން މި ދަނީ ކަރުނަ އެވެ. ޢަރަބި ބަހުގައި ފިތުނައިގެ މާނަ، ހަމަނުޖެހުމާއި ފަސާދައިގެ މާނައިގައި ވެސް ބޭނުންކުރެވެ އެވެ. އެހެންވެ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 190 ވަނަ އާޔަތުގައި މީހުންމެރުމަށްވުރެ ވެސް ފިތުނަވެރިކަމުގެ ނުބައިކަން ބޮޑުކަމަށް އިޝާރާތްކުރައްވާފައިވެ އެވެ. ހަމަ އެ ސޫރަތުގައި ފިތުނައިގެ މާނަ އިމްތިޙާންކުރެއްވުމުގެ މާނައިގައި ވެސް އައިސްފައިވެ އެވެ.
ހާރޫތާއި މާރޫތު މި ދެ މަލާއިކަތުން، ބާބިލަށް ފޮނުއްވެވި އެވެ.
މާތް ﷲ އަށް ނު އުރެދުމަށް އެ ބޭކަލުން މީސްތަކުންނަށް އެންގެވި އެވެ. އެބޭކަލުން ދަސްކޮށްދެއްވި އެއްޗެއް ދަސްކޮށްދެއްވީ މި ނަސޭހަތަށްފަހުގަ އެވެ. އެ ބޭކަލުން މީސްތަކުންނަށް ސިޙްރު އުގަންނަވައިދެއްވި އެވެ. ވަރިތޮޅި، ނުވަތަ ދެމަފިރިން ދުރުކުރާނެގޮތް އުނގަންނަވައިދެއްވި އެވެ. އެހެންނަމަވެސް އެއްވެސްމީހަކަށް އެއްވެސް ގޯނާއެއް ﷲ ގެ ވާގިފުޅާއެކުމެނުވީ ނުފޯރުވޭނެކަން މި ވާހަކަތައް ބަޔާންކުރެއްވި އާޔަތްތަކުގައި ވަޙީ ކުރައްވާފައި ވެ އެވެ.
ބަޤަރާ ސޫރަތުގެ އެ އާޔަތުގައި "ފިތުނަ" އައިސްފައި ވަނީ އިމްތިޙާނުގެ މާނައިގަ އެވެ. ދިވެހި ޅެންވެރިޔާ އެ ވިދާޅުވާ ފިތުނަޔަކީ ހިތުތެރޭގައި އުފެދޭ ހަމަނުޖެހުމާއި ފަސާދަކަމުގައި ބެލެވެ އެވެ. އެހެނީ "ފިތުނަ ތަކަކުން މަސްތުވާވަރު ހިތުގެ ގިނަ ސަކަރާތުގާ" މިހެން ވެސް ޅެމެއްގައި އައިއްސަވެ އެވެ.
ކޮންމެއަކަސް އަޅުގަނޑުމެން އެންމެންވެސް މި ދިރިއުޅުމުގައި ބޭނުންވެގެން މި އުޅެނީ އެއް ވައްތަރެއްގެ އެއްޗެހިތަކެކެވެ. ކޮންމެވެސް އެއްބަޔަކަށް ކޮންމެވެސް އެއް ވަގުތެއްގައި ހިތް އެދޭގޮތަށް ކަންތައްތައްވެފައި އަނެއްބަޔަކަށް އެދޭއެދުމެއް ޙާސިލް ނުވާގޮތްވެ އެވެ. ކަން މިހެން ދިމާވުމުން އެކަމާ ވާ ދެރައިން ހަމަ ހޭ ފިލާގޮސް ވަޖިދުވުމެއްގެ ތެރެއަށް ވަދެވި ތިމާޔަކީ ޙަޤީގަތުގައި ދެރަވާންވީ މީހެއް ނޫންކަން ހަނދާންނެތި އުޅެވެން ފަށާގޮތާ އެއްގަމުގައި ހުރެމެ ކަނޑުވީ ކަމަށް ހީކޮށް ބިންމައްޗަށް ވެއްޓި ބަކަތަޅަން ފެށުމާ މީ އެއްގޮތް ދެކަންތަކެވެ. ދިވެހީންގެ ތެރޭގައި، ހިކިފަސްތާ ބަކަ ނާޅާށޭ ބުނަނީ މުޅިން އެހެން މާނަ އެއްގަ އެވެ. އާދެ! މާނައެއް ނެތްކަމެއްގައި ނުވަތަ ނަތީޖާއެއް ފެންނަންނެތްކަމެއްގައި، އެކަން ހާޞިލްކުރަން ބުރަ ނޫފުލާށޭ ބުނުމުގެ މާނައިގަ އެވެ. ނުވާވަރު ކަންތައްތަކާ ނޫޅޭށޭ ބުނުމުގެ މާނައިގަ އެވެ. ނަމަވެސް މި ލިޔުމުގައި އަޅުގަނޑު މި ބަސް ބޭނުން ކުރާނީ މީގެ އިދިކޮޅު މާނައިގަ އެވެ. އާދެ! ކަންކަން ކުރެވޭނެ މަގުތައް ފެނި އޮއްވައި، އެއްވެސްކަމެއް ކުރެވޭނެ ގޮތް ނެތްކަމަށް ހީކޮށް ގޮތްހުސްވި ކަމުގެ އިޙްސާސްކުރުމަކީ އެއްގަމުގައި ހުރެމެ ކަނޑުވީކަމަށް ބެލުމެވެ. އަޅުގަނޑު މި ލިޔުމުގައި މި ބަސް ބޭނުން ކުރާނީ އެ މާނައިގަ އެވެ. "ހިކިފަހުގައި ބަކަ ނާޅާށެވެ!''
ކޮންމެ ދުވަހެއްގެ އިރު އެރުމާއެކު އަޑުއިވެމުން ފެންނަމުން ދާ ކަންތައްތަކާމެދު ވިސްނާވަޑައިގެން އަޅުގަނޑު މި ލިއުނު ލިއުމަށް ކޮންމެހެން އިތުބާރު ނުކުރައްވާ އަމިއްލަފުޅަށް ގޮތެއް ނިންމަވާށެވެ. އަޅުގަނޑު މި އާޓިކަލް މި ލިއުނީ އަޅުގަނޑުގެ އުފަލަކަށް ކަމުގަވެސް ވެދާނެ އެވެ.
މާތް ﷲ އާދަމްގެ ފާނަށް ގަހަކުން ފަރިއްނުކުޅުއްވުމަށް އަންގަވާފައިވާކަމަށް ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގައި އ އަންގަވާފައިވޭ ނޫންތޯ އެވެ. ކީރިތި ޤުރްއާނުގައިވާ އެ ޙާދިސާ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ވިސްނާ ފިކުރު ކުރާ ބަޔަކު އޭން ޢިބްރަތްތަކެއް ޙާޞިލް ކުރުމަށް ކަން ކަށަވަރެވެ. އާދެ ޝައިޠާނާގެ ވަސްވާހުގެ ސަބަބުން އެ ގަހުން ފަރިއްކުޅުއްވުމާއެކު އެދެކަނބަލުންގެ އައުރަ ކަޝްފުވި އެވެ.
ވިސްނާ ވަޑައިގަންނަވާށެވެ. ތަފްސީރު ޢިލްމުވެރިން އަޅުގަނޑުމެންނަށް މި އާޔަތުގެ މާނަ އެކި ގޮތްގޮތަށް ގެނެސްދެއްވާފަވެ އެވެ. އެހެން ނަމަވެސް މުރާދު ހަމަ އެކައްޗެކެވެ. ފަރިއް ނުކުޅުއްވުމަށް އަމުރުކުރެއްވުމުން ފަރިއްކުޅުއްވި ކަމެކެވެ.
ކީރިތި ޤުރްއާނުގެ މިފަދަ އާޔަތްތަކުން ޢިބްރަތް ޙާޞިލް ކުރުމަށް ﷲ އަޅުގަނޑުމެންނަށް އަންގަވާފަ އެވެ. "އޭ ބުއްދީގެ އަހުލުވެރިންނޭ ތިޔަބައިމީހުން ޢިބްރަތް ޙާޞިލްކުރާށެވެ.." މި މާނަ ދޭހަވާ ގޮތަށް ކީރިތި ޤުރްއާނުގެ ކިތައްމެ އާޔަތެއްގާ އިލާހީ ހަނދުމަ ކޮށްދެއްވުން އައިސްފައިވެ އެވެ.
އާދެ ! ފުރިހަމަ ޢަރަބިބަހުން މާތް ﷲ ކީރިތި ޤުރްއާން ބާވާލެއްވީ ވެސް އެ ފޮތުގައި އަންގަވާފައިވާ ކަންކަމާމެދު އަޅުގަނޑުމެން ވިސްނާ ފިކުރުކުރުމަށްޓަކަ އެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޢަރަބި ބަހަކީ އެންމެ ފިއްޔަކުން މާނަޔާ ޙާލަތު އަދި ޒަމާން ބަދަލު ވެގެންދާ ވަރަށްވެސް ފުރިހަމަ ބަހެކެވެ. ޢަރަބިން އާއްމުކޮށް ބޭނުންކުރާ ލިއުންތަކާއި ނޫސް މަޖައްލާތަކުގައި ފިލިނުޖަހާ ވެސް އެބަސް ފަހުމުވާކަމީ އެ ބަހުގެ ފުރިހަމަކަމުގެ ހެއްކެކެވެ.
މިހެންކަމުން ސަޙާބީންގެ ޒަމާނުން ތާބިޢީންގެ ޒަމާނަށް އައި އިރު ކީރިތި ޤުރްއާނުން އިތުރު ޙިކްމަތްތަކެއް ހާމަވި އެވެ. އަދި އޭގެ ފަހުން ތަބަޢަ ތާބިޢީންގެ ޒަމާނަށް އައި އިރު އެއަށްވުރެ ތަނަވަސްވި އެވެ. އަދި މި ޒަމާނަށް އައި އިރު އޭރުގެ ޢިލްމުވެރިންނަށް އެނގިވަޑައިގެންފައިނެތް އެތައްކަމެއް މި ޒަމާނުގެ ޢިލްމުވެރިންނަށް ހާމަވެއްޖެ އެވެ. އަދިވެސް މިކަން ދަނީ ކުރިއަށެވެ. ދާނީ ވެސް ކުރިޔަށެވެ. ނިމުމެއްނެތި އެވެ. ފިއްޔަކަށް އަދި އަކުރަކަށް ވެސް ބަދަލެއް ނައިސް މިކަން މިގޮތަށް ހިނގަމުން ދާކަމީ ވެސް ކީރިތި ޤުރްއާނަކީ މާތް ﷲ މިއުއްމަތަށް ދެއްވި މުޢުޖިޒާތެއްކަމުގެ ސާބިތު ހެއްކަކަށް ފުދެއެވެ.
ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އިންސާނުން ބަސްމޮށިއުޅޭ ކޮންމެ ބަހުރުވައެއްގައި ވެސް އެއްބަހެއްގައި އެތައް މާނައެއް އެކުލެވޭ ބަސްބަސްހުރެ އެވެ. މީގެ މިސާލަކީ (ފެހި ސިގްނަލް ދިނުން) މީގެ މާނަޔަކީ ރުހުން ނުވަތަ ހުއްދަ ލިބުނީ ކަމުގައި ވެސް ވެދާނެ އެވެ. މީގެމާނަޔަކީ ފެހިކުލައިގެ ސިގްނަލެއް މީހަކަށް ދިނުން ކަމުގައި ވެސް ވެދާނެއެވެ. މީގެ މާނަޔަކީ ޓްރެފިކްލައިޓުން ކުރިއަށް ދިއުމަށް އެންގީ ކަމުގަ ވެސް ވެދާނެއެވެ. އާދެ މަޤްޞަދު އެކައްޗެކެވެ، "ދިނުމެވެ." އަތުލުމެއް ނޫނެވެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން މި އުޅެނީ އާދައިގެ ބަހެއް ނޫނެވެ. ކީރިތި ޤުރްއާނުގެ މާތް ވެގެންވާ އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުތަކަކުން (އަޅުގަނޑަށް) ދޭހަވާ ޢިބްރަތްތެރި މާނަ އެވެ. އެއްގޮތަކަށް ވެސް މީ މި އާޔަތުގެ ތަފްސީރުގައި ވާ މާނައެއް ނޫނެވެ. އަދި ބަހުގެ މާނައެއް ވެސް ނޫނެވެ. އެ އާޔަތުން ލިބިދޭ ޢިބްރަތެކެވެ.
ކޮންމެއަކަސް ބަޤަރާ ސޫރަތުގެ 34 ވަނަ އާޔަތުގައި އާދަމުގެ ފާނަށް ގަހަކާ ގާތްނުވުމަށް މާތް ﷲ އެންގެވިކަމަށް އޮތް އިރު އެ އާޔަތުން އަޅުގަނޑަށް ތަޢުބީރު ކުރެވޭ ގޮތް މިތަނުގައި އަޅުގަނޑު ތިބޭފުޅުންނަށް ގެނެސްދެވޭތޯބަލާނަމެވެ.
( 1 ) ތިމާގެ ހަވާ ނަފްސު އެދޭ ކަންކަމުން ނުވަތަ ދުނިޔޭގެ ޒީނަތަށް ހިތްއެދޭ އެދުމަށް ޢަމަލީ ގޮތުން ދުރުވާން ފަރިތަކުރުމީ މާތް ﷲ އެންމެ ފުރަތަމަ ވެސް އިންސާނާޔަށް އުނގަންނަވައިދެއްވި ދެ ފިލާވަޅުން އެއް ފިލާވަޅެވެ. އަދި މި ޒަމާނުގެ ބަހުންނަމަ ޙަޤީޤީ އުފަލުގައި ދެމިހުންނަން ބޭނުންނަމަ ދުނިޔޭގައި ތިމާ ހިތް އެދޭ ކަންތައްތައް ނުވަތަ ދުނިޔެ ތިމާޔަށް އެދިގޮވާގޮވެއްޔަށް ފުރަގަސްދީ ނުއިވޭ ކަމަށް ނޭނގޭކަމަށް ހަދަން ދަސްކުރަންޖެހެ އެވެ.
( 2 ) ދެއްވާފައިވާ ނިޢުމަތް އެއީ ސުވަރުގެ ކަމުގައި ވިޔަސް އިންސާނާއީ ނުލިބޭ އެއްޗިއްސަށް ހިތްކިޔާ މަޚްލޫޤެކެވެ. އެއްވެސް އެހެން ސަބަބެއް މިކަމުގައި ނުވެ އެވެ. އާޚިރުގައި ނުލިބިގެން އުޅޭ އެތި ލިބޭއިރު ލިބުނުއެތީގެ ސިފަތައް ގޮސް ހަރުލާފައި ހުންނާނީ ނުލިބޭ އެހެން އެއްޗެއްގަ އެވެ. މިއަވާ މެންދުރުގެ ފަހަތުން އިންސާނުން މި ދުވަނީ ސުވަރުގެއިން ކެވުނު މޭވާގެ ރަހަލިބޭތޯ ނޫންބާވަ އެވެ؟
އެ މޭވާ ޔަކީ އެއީ މާތް ކަލާނގެ ހެއްދެވި ވެސް އެއްޗެއް ބާވައެވެ؟ މޭވާއެއްގެ ވާހަކައެއް ކީރިތި ޤުރްއާނުގައި ވާރިދުވެފައެއް ނުވެސް ވޭ ނޫންތޯ އެވެ؟ ވަޙީ ކުރައްވާފައޮތީ އެ ގަހާ ކައިރި ނުވާށެވެ. ދެން އެ ގަހުން ފަރިއްކުޅުއްވިކަމުގަ އެވެ. މި ޕޮއިންޓާމެދު އަޅުގަނޑު އަދިފަހުން ކުޑަ އެއްޗެއް ދަންނަވާލާނަމެވެ.
( 3 ) ދުނިޔޭގައި ތިމާ ހިތްއެދޭ އެދުން ޙާޞިލްކުރަން ގިނަފަހަރު ކުރާކަންކަމުން ތިމާގެ އައުރަ ކަޝްފުވެ ބޭޒާރުވެ އެވެ.
( 4 ) ސީދާ ކަލާނގެ ކަމަކާ ދުރުވުމަށް އަމުރުކުރައްވާ ބަސްވަޙީ ކުރެއްވިޔަސް އިންސާނާގެ ހިތް ޝައްކު ވަނީ އިންސާނާޔާއެކުގަ އެވެ. އެހެންކަމުން ކަންތައްތައް ހަނދާންނެތޭލެއް ވަރަށް އަވަސްވެ އެވެ. ހަނދާންނެތުމާ، ޔަޤީންކަން ނެތުމާ، އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމުން ވެސް އަމިއްލަ ނަފްސަށް އަނިޔާވެރިވެ އެވެ.
( 5 )ޙަޤީޤީ ދުޝްމަނަކީ އަދި ޙަޤީޤަތަކީ ލޮލަށް ފެންނަން ހުރި އެއްޗެއް ނޫނެވެ.
( 5 ) ހަވާނަފްސު އެދޭ، ނުވަތަ ދުނިޔޭގެ މަޖަލާ އަރާމަށް ހިތް އެދޭ ކޮންމެ އުފަލެއް ނިމިގެންދަނީ ހިތާމައެއް ދީފަ އެވެ. ކުށްވެރިއެއް ކަމުގެ އިޙްސާސް ކުރުވާ ޙާލުގަ އެވެ.
( 6 ) އިބިލީހަކީ ލޯކަނު މީހެއްފަދައިން ވަސްވާސްދޭ ބާރެކެވެ. ދުވާލު ހަތަރުދަމު އިންސާނާގެ ބޮލުގެ ތެރޭ އެ ގަހުން ކާށޭ މިގަހުން ކާށޭ ކިޔަކިޔާ ހުރެ އެވެ. ގަހަކީ ކޮބައިކަމެއް ކާންވީ ކޯއްޗެއްކަމެއް އެ ޝައިޠާނާއަކަށް ނޭނގެ އެވެ. ނުވެސް ބުނެދެ އެވެ. މިހެންވެ، ނަމާދުކުރަމުން ކުރަމުންގޮސް ވެސް މީހުން ފާފަވެރިވާ ހިސާބަށްގެންދެ އެވެ. ރޯދަ ހިފަމުން ހިފަމުން ގޮސް ވެސް މީހުން ފާފަވެރިވާ ހިސާބަށް ދެ އެވެ. މީހުންނަށް ''ހެޔޮކަންކަމަށް އަމުރުކޮށް'' މުންކަރާތް ނަހީ ކުރަމުންގޮސް ވެސް ފާފަވެރިވާ ހިސާބަށްދެ އެވެ.. ބޮޑާ ކަމުގެ ޒައްރެއްގެ މިންވަރު ހިތުތެރޭގައި ވާ މީހާ ވެސް ސުވަރުގެ ނުވަންނާނެކަން އިބިލީހަށް އެނގެ އެވެ.
---------------
(ނުނިމޭ)
(ނުނިމޭ)
މި ލިޔުން؛
ފޮނުވުން: އަލްފާޟިލް އިސްމާޢީލު މުބާރިކު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''