އަދުގެ ޚާއްސަ

Print

ދުނިޔޭގެ ބޮޑު އަޖައިބު

ޝާޢިއުކުރީ މުޙަންމަދު ޝާރިފު . ހިމެނޭބަޔަކީ އިޖުތިމާޢީ


 
މުޙައްމަދު ޝާރިފް/ޅ.ނައިފަރު

މިދުނިޔެއަކީ ހާދަހައިވާ އަޖައިބެއްކަހަލަ ތަނެކެވެ. ދުނިޔޭގައިވާ ކަނޑުތަކާއި، ބިންތަކާއި، އެބިންތަކުގައި ދިރިއުޅޭ އަޖައިބު ކުރުވަނިވި ތަފާތު މަޚުލޫޤުންތަކެވެ. ބޮޑުވެގެންވާ ކާއިނާތާއި، އެކާއިނާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ ހުރިހާ ތަނެކެވެ. އިންސާނުންނަށް ނޭނގޭ އެތަނުގެ ބޮޑެތި ސިއްރުތަކެވެ. މިހުރިހައި ތަނަކާއި ތަކެއްޗެއް އުފެއްދެވެި ﷲ ތަޢާލާގެ ކުޅަދުންވަންތަވެރިކަމާއެވެ! މިހުރިހައިކަމެއް މިހެން ހުރިއިރުވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. އިންސާނުންގެ އަތްތަކުން ފަރުމާކޮށް، ކޮށައި މަށައިފައިހުރި ތަންތަނަކީ މާބޮޑެތި އަޖައިބުތަކެކޯލައެވެ. މިތަންތަން  އަމިއްލައަށް އަޖައިބަކަށް ހަދައިގެން އުޅޭތީ، އެއީވެސް ބޮޑު އަޖައިބެކެވެ. މީހަކު އަޅެ އަޖައިބެއް ފަހެ ނުވާނެހެއްޔެވެ!

މި ލިޔުމުގައި އަޅުގަނޑު ލިޔަން އުޅެ އުޅެ ނުލިޔެވިގެން މިއުޅެނީވެސް ބޮޑުވެގެންވާ އަޖާއިބަކާއި މެދުގައެވެ. ނުވާންވީ ގޮތެއްނޫނެވެ. ފަށަންވީ ކޮޅެއް، ހުއްޓަންވީ ތަނެއް، ނިންމަންވީ ތަނެއް ނޭނގެއެވެ. ދުވަހަކުވެސް ލޮލުން ދުށް އެއްޗެއް ނޫންވިއްޔާއެވެ. އާގަރާއަށް ގޮސްފައި އަންނަ މީހުން ތާޖުމަހަލްގެ ފުރިހަމަކަން ސިފަކޮށްދިނަސް، ފިލްމުތަކުން މިސްރުގެ ޤަދީމީ ވެރިންނަށްޓަކައި ބިނާ ކުރެވުނު އަހުރާމް ތަކުގެ ބިޔަކަން ހިތަށް ގެނެސްދިނަސް، ފަތުރުވެރިންގެ ފޮޓޯތަކުން ޗައިނާގެ ބޮޑުފާރުގެ ހައިބަތު ދައްކައިދިނަސް، ޝާޢިރުންގެ ޅެންތަކުގައި ބެބިލޯންގެ ބަގީޗާތަކުގެ ރީތިކަން ގެނެސްދިނަސް، މި ފުރިހަމަ އަޖައިބު އަޅުގަނޑުގެ މި "ނިކަމެތި" ގަލަމުން ސިފަކަޮށްދެވޭނެ ބާވައެވެ؟

މީހަކަށް އަޖައިބަކަށް ނުވިޔަކަސް މި ދުނިޔެމަތިން އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ބޮޑު އަޖައިބަކީ މިއިީއެވެ. އެންމެން އެ އެއްޗެއްގެ ފަހަތުން ދުވާއިރުވެސް، އެ އެއްޗެއް ދުވަހަކުވެސް އެމީހުން ފަހަތަކުން ނުދުވެއެވެ. ފަސްދީފައި ދިޔަޔަސް ދުވަހަކުވެސް ފަސްއެނބުރި ބަލާލައިފައެއް ނެތެވެ. އެތަނަކަށް އެ އެއްޗެއް އައުމާއިއެކު ޙާލަތު ބަދަލުކޮށްލައެވެ. ރަނގަޅު މަޚުރަޖަކުން ކިޔައިފިނަމަ ރީތި ރާގަކަށް ކިޔޭނެ ބަހެކެވެ. އާދެ! މިދައްކަނީ "ވަޤުތު" ގެ ވާހަކައެވެ. މިހެންވެސް ނުބުނެވިގެން އުޅޭތާވެސް އިތުރު ވަޤުތުތަކެއް ފާއިތުވެގެން ދިޔައީދޯއެވެ.

ވަޤުތުގެ މުހިންމުކަން ހުރި މިންވަރީ، ތަނަކުން ބާކޮށްފައި އޮތް ދޮންނަމެށިނެއްގެ މޯޓަރުގަނޑެއް ގަންނަން ލިބުނަސް، ފާއިތުވެ ގޮސްފައިވާ ތަނުން "ބާ ވަޤުތުކޮޅެއް" ކީއްކުރަންތޯ، ފަޅި ސިކުންތެއްހައި ވަރުވެސް ގަންނަންވެސް ނުލިބޭކަމެވެ. މިއޮތް މޮޅު ދުނިޔޭގައި އެތިބި މޮޅު ހުނަރުވެރިންނަށްވެސް ވަޤުތު ދިގުކޮށް ކުރުކުރާނޭ އީޖާދެއް އުފެއްދިފައެއް ނުވެއެވެ. ކީއްކުރާނީ ތޯއެވެ! އެފަދަ މީހުންވެސް ވަޤުތުޖެހުމުން ޖެހިފައިވަނީ ވަޤުތަށް ތަބާވާށެވެ.

ވަޤުތަކީ އެންމެހާ ތަންތަނަށާއި، ތަކެއްޗަކަށް އާންމުވެގެންވާ ޤުދުރަތީ ޤާނޫނެކެވެ. އެ ޤާނޫނަށް ނުފެތޭނެ، ބޯނުލެބޭނެ، "ޚުދުމުޚުތާރުކަން" ގަދަ އެކައްޗެއްވެސް މިދުނިޔެއަކު ނުވެއެވެ. ވަޤުތަށްވުރެ ދޮށީއެއްޗެއް ވަޤުތު ލެއްވެވި ފަރާތް ފިޔަވައި ނުވާނެކަން ކަށަވަރެވެ. ވަޤުތު ފެށިގެން އައިއިރެއްވެސް އަދި ނިމިގެންދާނެ އިރެއްވެސް ނޭނެގެއެވެ. އެނގޭހައިވެސް އެއްޗަކީ ވަޤުތު ފާއިތުވަމުން ދާކަމެެވެ.

ވަޤުތުގެ އަޖައިބުކަމާއި މެދުގައި ވާހަކަ ދައްކާއިރު ހިތަށްއަރަނީ އެންމެ ފުރަތަމަ ދުނިޔޭގައި އުޅެންފެށި މީހުންނަށް ވަޤުތު އެނގޭނެބާވައެވެ. ހަމަ ޔަޤީނުންވެސް އެއިރުވެސް ވަޤުތު ހިނގަހިނގާ ހުންނާނެކަން ކަށަވަރެވެ. ވަޤުތު އެއީ ދުނިޔޭގައި ލައްވާފައިވާ އެއްޗެއްކަން އެމީހުންނަށް އެއިރު އިހުސާސް ވާނެބާވައެވެ؟  އިންސާނީ ނަސްލު ކުރިއަރައިގެން އައި އައުމުގައި ވަޤުތަކީ ވާއެއްޗެއްކަމާއި ވަޤުތު ބަލާނޭ މިންގަނޑު ތަކާއި އާލާތްތައް އުފައްދާފައިވުމީ ނުހަނު ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ.

ސްޓޯން އޭޖްގެ ދުވަސްވަރުގައިވެސް ތަފާތު މޫސުންތައް ބަލައި ފާހަގަަކޮށްފައިވާކަން އެދުވަސްވަރުގެ ހޮހޮޅަތަކުގައި ކުރަހާފައިވާ ކުރެހުންތަކުން ދޭހަވެއެވެ. އެދުވަސްވަރުގައި ދަނޑުވެރިކަން ކުރުމަށްޓަކައި ދަނޑު ގޮވާންކުރާނެ އެންމެ އެކަށީގެންވާ ވަޤުތާއި ދަނޑު ކޮށާނެ ވަގުތު ދެނެގަތުމަކީ އެދުވަސްވަރުގެ މީހުންނަށްވެސް ނުހަނު މުހިންމުކަމަކަށް ވެފައިވާ ކަމެކެވެ. މިއަދު އަހަރުމެެން ވަޤުތު މިނަން މި ބޭނުންކުރާ ސިކުންތާއި، މިނެޓްއާއި، ގަޑިއިރާއި، ދުވަހާއި އަދި މަހަކީ ރޯމަނުން އީޖާދުކޮށްފައިވާ މިންގަނޑު ތަކެކެވެ. ވަޤުތު މިނަން ބޭނުންކުރާ މިންގަނޑު ކަނޑައެޅުމަށް ކިޔާ ޢިލްމަކީ "ހޮރޮލޮޖީ" އެވެ. އެހެންނަމަވެސް ވަޤުތަކީ ދުނިޔޭގައިވާ އެއްޗެއްކަން އެންމެފުރަތަމަ ހޯދީ ކޮންބައެއްކަމެއް ތާރީޚަކުން ފެންނާކަށްނެތެވެ.
     
ވަޤުތު އެއެްޗެއްގެ މައްޗަށް ބިނާވެފައިވާ އެއްޗަކީ އިރެވެ. ދުނިޔެ ހިމެނިގެން އުފެދިފައިމިވާ ސޯރލާ ސިސްޓަމްގައި އިރުގެ ވަށައިގެން ދުނިޔެ ބުރުޖަހަމުންދާ ކޮންމެ ހިނދުކޮޅަކީ އެއީ ވަޤުތެވެ. ވަޤުތު ކިޔާ މިންގަނޑުގައިވެސް އަހަރު ދުވަހެއް ކަމަށް ކަނޑައަޅައިފައިވަނީ ދުނިޔެ އިރުގެ ވަށައިގެން ފުރިހަމަ ބުރެއްޖެހޭވަރަށެވެ. އެއީ 365 ދުވަސް ނުވަތަ 8766 ގަޑިއިރު ނުވަތަ 525,949.2 މިނެޓެވެ. ސިކުންތުން ނަމަ31,536,000 ސިކުންތެވެ. މިހައި ހިސާބުން އުފެދޭ ސުވާލަކީ އިރުގެ ވަށައިގެން ދުނިޔެ ދަތުރުކުރުން ހުއްޓިއްޖެނަމަ ވަޤުތުވެސް ހުއްޓޭނެ ބާއެވެ؟ ޖަވާބަކީ ނޫނެކެވެ. ވަޤުތު ހިނގަހިގައި ހުންނާނެއެވެ. އެންމެ ފުރަތަމަ ވަޤުތުބެލުމަށް އިންސާނުން ބޭނުންކުރީ އިރެވެ. އެއަށް ފަހު ފެންގަޑި ނުވަތަ "ވޯޓަރ ކްލޮކް"، ދަންފުޅި ފަދަ ތަކެތި ވަޤުތު ބެލުމަށް އިޖާދުކުރިއެވެ.
     
ކޮންމެ އެއްޗެއްވެސް ދުނިޔެއަށް އަންނައިރު އެއެއްޗަކަށް ވަކި ވަޤުތެއް ކަނޑައެޅިފައިވެއެވެ. ހަމަ އެފަދައިން އަހަރުމެން އިންސާނުންނަށްވެސް ވަނީ ވަކި ވަޤުތެއް ކަނޑައެޅިފައެވެ. ދަންނަވަން ނޭނގޭ އެއްޗަކީ ކަނޑައެޅިފައިވަނީ ކިހާ ވަޤުތެއްކަމެވެ. މި މަޒުމޫނު ލިޔެ ނިންމާލުމުގެ ކުރިން ޚުދު އަޅުގަނޑަށްވެސް "ޓައިމް އަޕް" ގެ ބިރުވެރި އިންޒާރު ނާންނެކަން އެނގެނީ ކިހިނަކުންތޯއެވެ؟ ދިވެހި ކާބަފައިންގެ މުސްކުޅި ބަސްތަކުގައިވެސް ވަޤުތުގެ ބޭނުންތެރިކަން ހިފުމަށް ނަސޭހަތްތެރިވެފައި ވެއެވެ. ދަތް ހުއްޓާ ކާށި ކެއުން، ވެހޭތާ ފެންނެގުން ފަދަ ޢިބުރަތްތެރި ބަސްތަކުގެ ބޭނުން އަހަރުމެން މިއަދު ހިފަންވެއްޖެއެވެ. ވަޤުތަށް އަހަރުމެން އިންތިޒާރު ކުރިނަމަވެސް ވަޤުތު އަހަރުމެންނަށް ދުވަހަކުވެސް އިންތިޒާރެއް ނުކުރާނެއެވެ. މި ބޮޑުވެގެންވާ އަޖާއިބާއިމެދު ވިސްނާލުމަށް ތި ހޭދަކޮށްލެއްވި ކުޑަ ވަޤުތުކޮޅަކީވެސް ބޭކާރުވެގެން ދިޔަ ވަޤުތުކޮޅެއް ނޫންކަމަށް އުންމީދު ކުރަމެވެ.
*****************
ރެފަރެންސް ކުރެވިފައިވަނީ:
http://en.wikipedia.org -
http://answers.yahoo.com -

އިދާރާ

ވާހަކަ