އަދުގެ ޚާއްސަ

Print

ދިވެހި ސައްޔާހެއްގެ ގަލަމުން ... ޕެރިސް (01)

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


އަދަބުއްރިޙުލާތު

ޑރ. ޙަސަން ޙަމީދު

ދުނިޔޭގައިވާ އެންމެ މަޤްބޫލު ސިޓީ ނުވަތަ ގިނަ ބަޔަކު ދިރިއުޅޭ ސަހަރަކީ ކޮބައިތޯ ބެލުމަށް އިންޓަރނެޓް ބޭނުންކޮށްފިނަމަ، ފުރަތަމަ ތިން ސަހަރުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ ޕެރިސް ހިމެނޭ ކަމަށް ހޯދުންތައް ދައްކާނެއެވެ. އެތަށް ސަހަރަކަށް އެތަށް ޤައުމަކަށް، ދަތުރުކޮށް، ތަފާތު ތަންތަން ތަޖުރިބާ ކޮށްފައިވާ ސައްޔާހުން ޕެރިސް ފާހަގަކޮށްފައިވަނީ ދުނިޔޭގެ އެންމެ ފުރިހަމަ ސިޓީގެ ގޮތުގައެވެ. ތަފާތު ޢިބާރާތްތަކުން ޕެރިސް މަޝްހޫރު ވެފައިވެއެވެ. ޕެރިހަކީ ސިޓީ އޮފް ލައިޓްސް އެވެ. އާދެ! ދިއްލުންތަކުގެ ސިޓީއެވެ. އެއީ ލޯބިވެރިންގެ ސިޓީއެވެ. ފެޝަންގެ ޖަގަހައެވެ. ހުވަނދާއި އަތަރު އުފެއްދުމުގެ މަހައްލެވެ. ދުނިޔެއަށް މަޝްހޫރު އެތައް ތަނަކަށް، އެތައް ކަމަކަށް ޕެރިސް މަޝްހޫރު ވެފައި  ވެއެވެ.
    
މީގެ 60 އަހަރު ކުރިން މުޙަންމަދު އަމީނު ޔޫރަޕަށް ކުރެއްވި ދަތުރުފުޅެއްގައި ވަޑައިގެންނެވި ސަހަރުތަކާއި ރަށްތަކާއި ޤައުމުތަކުން އޭނާއަށް ފާހަގަ ކުރެއްވުނު ކަންތައްތައް "ސައްޔާހެއްގެ ޔައުމިއްޔާއިން ގަނޑެއް" މި ފޮތުގައި ވަރަށް ބަލާޣަތްތެރިކޮށް ސިފަ ކުރައްވާފައި ވެއެވެ. ފަރަންސޭސިވިލާތް އޭނާ ސިފަކޮށްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ: "އާދޭހެވެ! ފަރަންސޭސި ވިލާތެވެ! ޕެރިހެވެ! ދުނިޔޭގެ އުހައުތަކާއި މަޖާތަކުގެ ނެށުންތަކާއި އަސަރުތަކުގެ މެދުތެރެއެވެ. ދުނިޔެވީ ޙަޔާތުގެ ތެޅުމުން ތެޅިތެޅި އޮންނަ ވިލާތެވެ. ދުނިޔެވީ ހުވަފެންތަކުގެ ޙަޤީޤަތެވެ... ނަލަކަމާއި ފަރިކަމުގެ ވިލާތެވެ. ތާރީޚީ ޚަޒާނާ ތަކުންނާއި އާޘާރުތަކުން ފުރިގެންވާ ވިލާތެއް މެއެވެ." މުޙަންމަދު އަމީނުގެ އެ ފޮތަކީ ދިވެހި ބަހުގެ އަދަބުއްރިޙުލާތުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ އަގުބޮޑު ހަދިޔާއެކެވެ.
   
މުޙަންމަދު އަމީނު ޕެރިހަށް ވަޑައިގެންނެވިތާ 60 އަހަރު ވެފައިވަނިކޮށް، ތަޤްދީރު އަޅުގަނޑު ޕެރިހަށް ގެންދިޔައެވެ. މި މަޒުމޫނުގައި އަޅުގަނޑު ސިފަކުރަން ޤަޞްދުކުރަނީ ޕެރިހަށް ކުރި ދަތުރުގައި އަޅުގަނޑަށް ފެނުނު  ބައެއް މަންޒަރުތަކެވެ. ބޭނުމަކީ މި ސިފަކުރުންތަކުގެ ތެރެއިން ކިޔުންތެރިންނަށް ފައިދާ ކުރާނޭ މަޢުލޫމާތާއި ފަރަންސޭސި ތާރީޚުން ފޮޅުވަތެއް ލިޔެލުމެވެ. އަޅުގަނޑުގެ ދަތުރުގެ މަޤްޞަދަކީ ޕެރިސް ބެލުމެއް ނޫނެވެ. އެހެންކަމުން، ޕެރިހުން އަޅުގަނޑަށް ފެނިފައިވާނީ ތަންކޮޅެކެވެ.  އާދެ! ދަތުރު ފަށަމާ ހިނގާށެވެ. މުޙަންމަދު އަމީނާ  ޚިލާފަށް އަޅުގަނޑުގެ އަތުގައި އޮތީ އިނގިރޭސި ވިލާތުގެ ޑިޕްލޮމެޓިކް ޕާސްޕޯރޓެއް ނޫނެވެ. އެހެން ކަމުން އަޅުގަނޑަށް ފުރަތަމަ ޖެހުނީ ސްރީލަންކާ އިން ފަރަންސޭސިވިލާތުގެ ވިސާ ނަގާށެވެ. ޒަމާނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، މި ވިސާ ނެގުމަށްޓަކައި ހެލްތު އިންޝުއަރަންސް ވެސް ނަގަން ޖެހެއެވެ. ސްރީލަންކާގައި ހުންނަ ފަރަންސޭސި އެމްބަސީއިން ވިސާ ދޫކުރަނީ ފޮޓޯވެސް ޖަހާފައެވެ. އެމްބަސީއަށް ވަދެވެނީ މަތިންދާ ބޯޓަކަށް އަރާ ފެންވަރުގެ ސެކިއުރިޓީ ޗެކެއް ހެދުމަށް ފަހުއެވެ. އެމްބަސީގައިވާ ލިއުމެއްގައިވާ ގޮތުން ވިސާގަނޑުގައިވާ ސްމާރޓްކާޑެއްގައި މީހާގެ ހުރިހާ އިނގިލިތަކުގެ ފިންގަރޕްރިންޓާއި ފޮޓޯ ހިމެނެއެވެ. އަދި ހަމަ މިމަޢުލޫމާތު ޔޫރަޕުގައި ހުންނަ ޑޭޓާބޭސް އެއްގައި ފޮރުވެއެވެ. ބިދޭސީންގެ ބައިބޯވުމަކީ ކޮންމެ ޤައުމަކަށް ވެސް ނުރައްކަލެކެވެ.
   
ސްރީލަންކާއިން ފުރުމަށްފަހު، ޕެރިހަށް ދިއުމަށް 10 ގަޑިއިރު ވެއެވެ. މުޙަންމަދު އަމީނު ޕެރިހަށް ވަޑައިގެންނެވީ އެތައް މަންޒިލެއްގައި ބޯޓު މަޑުކޮށް ދަތުރު މެދުކަނޑުއްވަމުންނެވެ. ސްރީލަންކާއިން ބޮމްބޭއިން ކަރާޗީއިން ބަސްރާއިން ކައިރޯއިން އިނގިރޭސިވިލުންނެވެ. ފާއިތުވީ 60 އަހަރުދުވަހުގެ ތެރޭގައި ދުނިޔެއަށް އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ ދަތުރުފަތުރު އަވަސް ވުމެވެ.
   
ޕެރިހުގެ އެންމެ މަޝްހޫރު އެއަރޕޯރޓަކީ ޗާރލްސް ޑިގޯލް އެއަރޕޯޓެވެ. މި އެއަރޕޯޓް ނިސްބަތްވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުން ފަރަންސޭސި ވިލާތް ހިފުމަށްފަހު، އެ ޤައުމު މިނިވަން ކުރުމުގައި ހަނގުރާމަ ކުރި މަޝްހޫރު ޖެނެރަލަކަށެވެ. ބޯޓު ޖެއްސުމުގެ ކުރިން، ތިޔަ ބޭފުޅުން ފަދައިން އަޅުގަނޑުވެސް ހީކުރީ އެއަރޕޯރޓްވާނީ ފަރުމާގެ ގޮތުން ނަމޫނާ ތަނެއް ކަމަށެވެ. ޕެރިހަކީ ފެޝަންގެ ގޮވައްޗެއް ނޫންހެއްޔެވެ؟ ނަމަވެސް، ފަރުމާގެ ގޮތުންނާއި ހިންގުމާއި ސާފުތާހިރުކަމުގެ ގޮތުން އަޅުގަނޑުމެންގެ ސަރަޙައްދުގެ އެއަރޕޯޓްތައް، މިހާރު ޔޫރަޕު ފަހަނައި ހިނގައްޖެއެވެ. ވިސްނުމަކީ ވަކިބަޔަކަށް ނުވަތަ ޤައުމަކަށް ވާރުތަވާ އެއްޗެއް ނޫނެވެ.
   
ވިއްސަކަށް މިނެއްޓުގެ ޓެކްސީ ދަތުރުކަށްފަހު އަޅުގަނޑު ހުރުމަށް އިންޓަރނެޓް މެދުވެރިކޮށް ހަމަޖައްސާފައިވާ ހޮޓަލަށް އާދެވޭނެއެވެ. ޕެރިހުގެ މެދަށް އާދެވެންދެން ފެންނަ މަންޒަރުތަކަކީ ތަރައްޤީވެފައިވާ ކޮންމެ ޤައުމަކުން ފެންނާނޭ މަންޒަރެކެވެ. މުހަންމަދު އަމީން ޕެރިހުގެ މަގުތައް ސިފަކުރައްމުން ވިދާޅުވެއެވެ. "ޕެރިހުގެ މަގުތައް ދިގުވެފައި ފުޅަލެވެ. ރީތި ވެފައި އޮމާނެވެ. ވަރަށް ގިނަ މަގުތަކުގެ މެދުގައި ހުންނަނީ ނުހަނު ރީތި ތަރުތީބެއްގެ މަތިން ބާވަތްބާވަތުގެ މާމެލާމެލި އިންދާފައެވެ. ޕެރިހުގެ މަގުތަކުގެ ރީތިކަން އެންމެ މަތިވެރި ދަރަޖައަކަށް އިތުރުކުރާ ކަމަކީ މަގުތަކުގެ ދެފަރާތުގައި ހަދާފައި އޮންނަ ވަގުތީ ބާޒާރެވެ. މި ދެންނެވި ބާޒާރުގެ "ފިހާރަތައް" ހަދާފައި ހުންނަނީ ކުލަކުލައިގެ ރީތި ފޮތީންނެވެ. ވިއްކަން ހުންނަނީ ކުލަކުލައިގެ ވައްތަރު ވައްތަރުގެ މާމެލާ މެއްޔެވެ. ބާވަތް ބާވަތުގެ ޗޮކްލެޓެވެ.  ޒާތްޒާތުގެ ބުއިންތަކެވެ. ވިއްކަން ތިބެނީ ފަރަންސޭސި ވައިން ރީތިކަމާއި ތާޒާކަން ލިބިފައިވާ ނަލަ އަންހެން ކުދީންނެވެ." ފަސްދޮޅަސް އަހަރު، ޕެރިހަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނުވާފައި ވެއެވެ. ނަމަވެސް މަގުތައް އަދިވެސް ފުޅަލެވެ. މަގުގެ މެދުގައި ގަސް އިންދުމުގެ ބަދަލުގައި މިހާރު ގަސްތައް ހައްދާފައި ހުންނަނީ މަގުގެ ދެފަރާތުގައެވެ. އެހެން މަޝްހޫރު ސިޓީތަކާ އަޅާ ބަލާއިރު ޕެރިހަކީ މާމެލާމެލިގެ ޝަހަރެއް ނޫނެވެ. މަގުގެ ދެފަރާތުން އެންމެ ގިނައިން ފެންނަނީ އެއްބާވަތެއްގެ ގަހެވެ. އާދެ! މޭޕްލް އެވެ. މި ގަހަކީ ފިނި މޫސުން އަންނަން ފެށުމުން ގަހުގެ ހުރިހާ ފަތްތައް އެންމެ ފުރަތަމަ ރީނދޫވެ ދެން ރަތްކުލައަށް ބަދަލުވާ ގަހެކެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުން މި ގަސް އިންދުމުގެ ބޭނުމަކީވެސް މިދެންނެވި ކުލަތަކުން މަގު ޒީނަތްތެރި ކުރުމެވެ. އަޅުގަނޑަށް ޕެރިހަށް ދެވުނީ ހޫނު މޫސުމުގައި ކަމުން، ފަތްތައް ހުރީ ފެހި ކުލައިގައެވެ. އެހެން ޤައުމުތަކާ ޚިލާފަށް ޕެރިހުގެ އާދަޔާ ޚިލާފު އެއްކަމަކީ ޕޭވްމަންޓް ފުޅާކަމެވެ. ބައެއް ހިސާބުތަކުގެ ޕޭވްމަންޓްގައި  ވިއްސަކަށް ފޫޓު ހުންނާނެއެވެ. މުޙަންމަދު އަމީން އެ ސިފަކުރެއްވި ފިހާރަތަކަކީ ޕޭވްމަންޓް މަތީގައި ހަދާފައި ހުންނަ ފިހާރަތަކެވެ. މަގުމަތީ ބާޒާރު ފަދަ ގޮތަކަށް ރިޔަލެއް ފަދަ އެއްޗެއް ދަމައިގެން ހަދާ ފަދަ "ފިހާރަ" ތަކެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މި ޕޭވްމަންޓް އެ ސަހަރު މީހުންނަށް ދިގު މުއްދަތަކަށް ކުއްޔަށް ދެއެވެ. އެއީ ބައެއް ދާއިމީ ފިހާރަތައް ވެސް ޕޭވްމަންޓްތަކުގެ މަތީގައި ހުންނާތީއެވެ. ޢާންމުގޮތެއްގައި މިފަދަ ތަންތަނުގައި ވިއްކަން ހުންނާތީ ފެންނަނީ މޭވާއާއި ކާނާއަށް ބޭނުން ކުރާ ތަކެއްޗާއި ގަސް ފަދަ ތަކެއްޗެވެ. ފަރަންސޭސި ވިލާތުގެ މަޝްހޫރު ޕޭވްމަންޓް ކެފޭތައް ހުންނަނީ މި ގޮތަށެވެ. މި ވިލާތަކީ ރާގެ ވައްތަރެއް ކަމުގައިވާ ވައިން ވަރަށް ގިނައިން ބޮއި އަދި އެކްސްޕޯޓް ކުރާ ޤައުމެކެވެ. މި ފަދަ ކެފޭތަކުގައި ހެނދުނާއި މެންދުރާއި ހަވީރުގެ ހުރިހާ ވަގުތެއްގައި ވައިން ބޯ މީހުން ތިބެއެވެ. ވިއްކަން ތިބެނީ "ފަރަންސޭސި ވައިން ރީތިކަމާއި ތާޒާކަން ލިބިފައިވާ ނަލަ" ބަބުރުންނާއި ލޯކުޑަ މީހުންނެވެ. އެހެނީ ފަރަންސޭސީންނަކީ އިސްތިޢުމާރީ ބައެކެވެ. އެފްރިކާއާއި ސައުތު އެމެރިކާއާއި އިރުމަތީ އޭޝިއާގެ އެތައް ޤައުމެއް އެމީހުން ފަތަޙަ ކުރިއެވެ. މީގެ ފަންސާހަކަށް  އަހަރުގެ ކުރިން ފެށިގެން މި ފަތަޙަ ކުރި ޤައުމުތަކުގެ އަހުލުވެރިން ފަރަންސޭސި ވިލާތަށް ހިޖުރަކޮށް ވަޒަން ވެރި ވެފައި ވެއެވެ. ކަނބުރުވެރިއެއްގެ ގެއަކަށް ވަންނަނީނަމަ އަޅިބުރާނެއޭ ބުނާ ފަދައިން ފަރަންސޭސީން އަޅުވެތިކުރި ޤައުމުތަކުގެ މީހުން އެ ވިލާތަށް ނުވައްދާ ހަމައެއް ނުޖެއްސުނެވެ. ޔޫރަޕުގެ އެންމެ މުސްލިމުން ގިނަ ޤައުމަކީ ވެސް ފަރަންސޭސި ވިލާތެވެ. އެތަނުގައި ހައެއްކަ މިލިއަން މުސްލިމުން އުޅޭކަމަށް ވެއެވެ. މިއީ ޤައުމުގެ އާބާދީގެ %10 އެވެ. މަގުމަތިން ފެންނަ މީހުންނަށް ނަޒަރު ހިންގާލުމުން، މި ޒަމާނުގެ ޕެރިހަކީ އެކި ޤައުމުތަކުން މީހުން އައިސް މަސްހުނި ވެފައިވާ ސަހަރެއްކަން އެނގެއެވެ. ތަފާތު ނަސްލުތަކުގެ މީހުން ފެންނަމުން ދެއެވެ. ކަޅުމީހުންނާއި ޗައިނާ ހިސާބު ގަނޑުގެ މީހުންނެވެ. އިންޑިޔާ ނަސްލުގެ މީހުންނާއި ޢަރަބީންގެ މީހުންނެވެ. މެޑިޓަރޭނިއަން (މެދު) ކަނޑުގެ ވަށައިގެންވާ ސަރަޙައްދުތަކުގެ މީހުންނެވެ. ބަބުރު އަންހެނުންނާއި ހުދު ފިރިހެނުން، ޗައިނާ ދަރިކޮޅުގެ މީހުންނާއި ދޮން އަންހެނުން ޖޯޑުޖޯޑަށް އުޅޭތަން ފެނުމުން މި ޤައުމުގައި ނަސްލުތައް މަސްހުނިވެގެން އުޅޭތާ ވަރަށް ޒަމާންވީ ކަމަށް ހީކުރެވުނެވެ.  އެހެން ނަމަވެސް، އެންމެ ގިނައިން ފެންނަނީ އަޞްލު ފަރަންސޭސީންނާއި ބަބުރުންނެވެ. ބަބުރުންނަކީ އަދިވެސް އެ ޤައުމުގެ އިޖްތިމާޢީ ސިޑިބަރީގެ އެންމެ ތިރި ހަރުފަތުގައި އުޅޭ ބައެކެވެ. ގިނައިން ކޮށް އުޅޭތަން ފެންނަ ކަންކަމަކީ، ތަކެތި އުފުލުމާއި ދޮވުމާއި މީހުންނަށް ގުލާނުކޮށްދިނުމެވެ. މީގެ ދެތިން އަހަރު ކުރިން، ބަބުރުންގެ ޒުވާނުން ޕެރިހުގެމަގުތަކަށް ނުކުމެ ވަޒީފާ ނެތުމާއި ނަސްލީ އިމްތިޔާޒާހެދި ތަންތަން ހަލާކުކޮށް ހަމަނުޖެހުން ހިންގާފައި ވެއެވެ.
   
ޕެރިހަކީ މާލެ ފަދަ އެއްވަރެއްގެ އުސް ޢިމާރާތްތައް ގިނަ ޤައުމެކެވެ. އަޅުގަނޑު އެއް ލިޔުމަކުން ކިޔާފައިވަނީ ޕެރިހުގައި އެންމެ އުސްކޮށް ޢިމާރާތް ކުރެވެނީ 7 ބުރި އަށް ކަމަށެވެ. އެހެންކަމުން، ހުރިހާ ޢިމާރާތެއް ހުންނަނީ ގާތްގަޑަކަށް އެއް އުސްމިނަކަށެވެ. މާލެ ފަދައިން، މަގުގެ އިމުން ފެށިގެން ޖެހިޖެހިގެން ޢިމާރާތްތައް އުސްކޮށް ނަގާފައި ހުރެއެވެ. ކުރިމަތީގައި ބަގީޗާ ހައްދާނެ ތަނެއް ނޯވެއެވެ. ކާރު ޕާކު ކުރާނެ ތަންތަން ޢިމާރާތްތަކުގެ ތެރެއިން ފެންނަނީ ވަރަށް މަދުންނެވެ. ގިނަ "ގެ" ތަކުގެ ތިރީބުރީގައި ހުންނަނީ ފިހާރަ ހަދާފައެވެ.  ނަމަވެސް، މާލެއާ ޚިލާފަށް ޕޭވްމަންޓު މައްޗަށް ވާގޮތަކަށް ޢިމާރާތް މަތިން ނެރެފައެއް ނުހުރެއެވެ. ބެލްކަނީތައް ހުންނަނީ ދާދި އެއްގޮތަކަށެވެ. ބެލްކަނީތައް މުޅިންހެން ހުންނަނީ ނަރު ދަގަނޑުން ފަރުމާކޮށްފައި ހުންނަ ޒާތްޒާތުގެ ވެޔޮގަނޑުތަކުން ޗެންޗޭނު ޖަހާފައެވެ. ހުރިހާ ޢިމާރާތެއް ހުންނަނީ އެއް ކުލައެއްގައެވެ. އެއީ ޢިމާރާތް ކުރަން ބޭނުން ކުރާ ގަލުގެ ޙަޤީޤީ ކުލައެވެ. ޢިމާރާތްތައް ކޮށްފައިވަނީ ސޭންޑްސްޓޯން އިންނެވެ. މިއީ ހިލަވެލި ޤުދުރަތީ ގޮތުން ވަރަށް ބޮޑަށް ފިތުނީމާ އުފެދޭ ވެލި ގަލެކެވެ. ފުދޭވަރަކަށް މަޑު ގަލެއްކަމުން، ތަފާތު ފަރުމާތަކުގެ ކުރެހުންތަކާއި ވަނާ ތަކާއި ފޮފަތައް ގަލުން ނަގާ ޢިމާރާތް ޖަރީކޮށްފައި ހުރެއެވެ. ޕެރިހުން ދިމާވި މީހަކު ބުނި ގޮތުގައި އިމާރާތްތަކުގައި ކުލަލުމަކީ ހުއްދަ ކަމެއް ނޫނެވެ. ޢިމާރާތްތަކުގެ އާކަން ހިފަހައްޓަނީ ދެތިން އަހަރުން އެއްފަހަރު ދޮވެގެންނެވެ. އާރކިޓެކްޗަރ ގެ ރޮނގުން ތަފާތު ފަރުމާތަކުގެ ޢިމާރާތްތައް ޖެހިޖެހިގެން ހުރެއެވެ. ނަމަވެސް، މިތަފާތުތައް މީހުންނަށް ފެންނާނީ އެކަމާ ވިސްނީމައެވެ. އެއީ ގިނަ "ގެ"ތައް އެއްވެސް ގޯޅިއެއް ނެތި ޖެހިޖެހިގެން ހުރުމާއި އުސްމިނާއި ކުލަ އެއްގޮތްކަމުންނެވެ. ބައެއް ޢިމާރާތްތަކުގައި އެ ޢިމާރާތް ފަރުމާކޮށް، ކުރެހުންތައް އެޅި ފަންނާނުންގެ ނަންތައް ސޭންޑްސްޓޯން ގައި ކަޑާނަގާފައި ހުރެއެވެ. ގިނަ ޢިމާރާތްތަކަށް ސަތޭކައަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށް މި ލިޔުން ތަކުން ހެކި ދެއެވެ. ދެވަނަ ބޮޑު ހަނގުރާމައި ޔޫރަޕުގެ ވަރަށް ގިނަ ސިޓީތައް ބޮން އެޅުމުގެ ސަބަބުން ހަލާކުވެގެން ދިޔައެވެ. ނަމަވެސް، ޖަރުމަނުގެ އަތްދަށަށް ޕެރިސް އަވަހަށް ދިއުމާއި އެތަނަށް ފޮނުވި ޖަރުމަނުގެ ޖެނެރަލް ރަށުގެ ތަންތަން ހަލާކު ކުރުމާ ދެކޮޅު ހެދުމުގެ ސަބަބުން، ޕެރިސްވާނީ ޔޫރަޕުގެ އެންމެ ގިނަ ދުވަސްވީ ޢިމާރާތްތައް އެންމެ ގިނަ ސިޓީއަށެވެ. ބައެއް ހިސާބުތަކުގައި ޢިމާރާތްތައް ހުރީ މީގެ 150 އަހަރު ކުރިންވެސް ހުރި ގޮތަށެވެ. ޕެރިހުގައި މީހުން ވަޒަން ވެރިވެފައިވަނީ މީގެ ދެހާސް އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ވަޒަންވެރިވީ ޕާރީން ނަމަކަށް ކިޔާ އުތުރުން އައި ޤަބީލާއެއްގެ ބައެކެވެ. ޕެރިހަށް ނަންކިޔާފައިވަނީ އެމީހުންގެ ނަމުންނެވެ. އިނގިރޭސިބަހުން ޕެރިހަށް ޕެރިސް ކީ ކަމުގައި ވިއަސް، ފަރަންސޭސިން ޕެރިހަށް ކިޔަނީ ޕާރީއެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ