އަދުގެ ޚާއްސަ

Print

އިސްލާމްދީން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޢަޤީދާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީނަކީ، ކާއިނާތުގެ ދީނެވެ. އަރަހުށި ހުސްޠާހިރުވަންތަ މާތް اللّه ކާއިނާތު އުފެއްދެވުމާއެކު މިންވަރުކުރައްވައިފައިވަނީ، ކާއިނާތުގެ ދީނެއްކަމުގައިވާނީ އިސްލާމްދީން ކަމެވެ. ކާއިނާތު ހިނގަމުންދާނީ، ފުރިހަމަ ޠާޢަތާއެކު، އެކަލާނގެ ރަސްކަންފުޅާ އޭގެ ވެރިކަން ޙަވާލުކޮށްގެންކަމެވެ. އެކަލާނގެ ރުހިވޮޑިގެންވާގޮތާ ކިތަންމެ ކުޑަކޮށްވެސް އެއްކިބާވުމެއްނެތި ކަމެވެ.

އަރަހުށި މާތް اللّه އިންސާނާ އުފައްދަވައި ބިންމަތީގައި އާބާދު ކުރެއްވުމަށްފަހު، އިންސާނާއަށްވެސް އަމުރުކުރައްވައިފައިވަނީ، އެކަލާނގެ ރަސްކަންފުޅަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވެގެން، ދުނިޔޭގައި އުޅުމަށެވެ. ކާއިނާތުގެ ދީނަކީ، މާތް اللّه އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ހަމައެފަދައިން، މާތް اللّه އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމަކީ، އިންސާނާގެވެސް ދީނެވެ.
        
    Submission to God is the only religion for both:
    Man and the Universe

ޝައްކެއްނެތެވެ. ކާއިނާތާއި އިންސާނާއާ ދެމެދު ތަފާތެއް އެބަހުއްޓެވެ. ކާއިނާތަކީ ފުރިހަމަޔަށް ކިޔަމަންތެރިކުރެވި، ޚިދްމަތްތެރި ކުރެވިފައިވާ މަޚްލޫޤެކެވެ. އަރަހުށި މާތް اللّه އަމުރުކުރައްވައިފައިވާގޮތަށް ހިނގަމުންދިޔުން، ކާއިނާތުގެ މައްޗަށް ވަނީ ލާޒިމު ކުރެވިފައެވެ. މާތް اللّه ގެ އަމުރުފުޅާ ކިތަންމެ ކުޑަކޮށްވެސް ފަރަގުވެލުމަކީ، ކާއިނާތަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، އިންސާނާއަކީ އިޚްތިޔާރު ދެއްވައިފައިވާ މަޚްލޫޤެކެވެ. ކާއިނާތު މަޖުބޫރީ ޙާލަތެއްގައި ކިޔަމަންތެރިވާފަދަ ކިޔަމަންތެރިކަމެއް އިންސާނާ އަދާކުރަންޖެހެނީ، އޭނާއަށް ދެއްވައިފައިވާ އިޚްތިޔާރާ އެކުގައެވެ.

   
ކާއިނާތުގެ ހުރިހައި ފުޅާކަމަކާއި ތަނަވަސްކަމަކާއެކުވެސް، ކާއިނާތުގައި ފުރިހަމަ އެއްބައިވަންތަކަމެއް އެކުލެވިފައިވެއެވެ. މުޅި ކާއިނާތު ޢަމަލުކުރަމުން ގެންދަނީ، އެއްބައިވަންތަކަމުގެ އެއް ނިޒާމެއްގެ ދަށުންނެވެ. މިގޮތުން، ކާއިނާތު ސާބިތުކޮށްދެނީ، ކާއިނާތު ޤަބޫލުކުރަނީ، އެއްކައުވަންތަ ކަލެއްކަމެވެ. އިންސާނާގެ ކިބައިންވެސް އެދެވިގެންވަނީ، ހައައެގޮތަށް ކަންތައް ކުރުމެވެ. އިންސާނާގެ ކިބައިން އެދެވިގެންވަނީ، އޭނާގެ އަމިއްލަ ރުހުމުގައި، އެއްކައުވަންތަ ރަސްކަލާނގެ ރަސްކަންފުޅު ޤަބޫލު ކުރުމެވެ. ތައުޙީދުގެ ވިސްނުމާ އޭނާގެ ވިސްނުން ފުރިހަމަޔަށް އެއްގޮތް ކުރުމެވެ.

   
ކުޑަކުޑަ މާމުއިކުޅަނދުރަކުން ފެށިގެން މާސިންގާ ސޯލާ ސިސްޓަމަށް ދާންދެން ކާއިނާތުގައި ހިމެނޭ ކޮންމެ އެއްޗެއްވެސް، އޭގެ މަސައްކަތް ކުރިޔަށް ގެންދަނީ، ނުހަނު މަޢުނަވީ ގޮތެއްގައެވެ. ކޮންމެވެސް މަތިވެރި ބާރެއްގެ ފަރާތުން އެތަކެއްޗަށް އަމުރުތަކެއް ބާވައިގަންނަފަދަ ގޮތެއްގައެވެ. އެ އަމުރުފުޅުތަކުގެ ނަމަކީ، ވަޙީއެވެ. މާތް اللّه އެކަލާނގެ ނަބިއްޔުން މެދުވެރިކުރައްވައި އިންސާނާއަށްވެސް، ވަޙީ ބާވައިލެއްވިއެވެ. އިންސާނާއަށް ލާޒިމުވެގެންވަނީ، އެ ވަޙީއަކީ އޭނާގެ އިމާމަކަށް ހެދުމެވެ. އޭނާގެ ޙަޔާތުގެ ހުރިހައިކަމެއް، އެ ވަޙީގެ އަލީގައި ފުރިހަމަކުރަމުން ގެންދިޔުމެވެ.

   
މުޅި ކާއިނާތު ވަނީ ސަޖިދަކުރުމުގެ ޙާލަތުގައެވެ. އެކަން ހާމަކޮށްދޭ އެއް ސޫރައަކީ، ގަސްގަހާގެއްސާއި އުސް ކޮންމެ ތަނަކާއި، އެއްޗެއް އޭގެ ހިޔަނި، ބިންމަތީގައި ފަތުރައިލާ ފަތުރައިލުމެވެ. އުސް ކޮންމެ އެއްޗެއް ބިންމަތީގައި އޭގެ ހިޔަނި ފަތުރައިލައި، އޭގެ ޚާލިޤުގެ ކުރިފުޅުމަތީގައި ސަޖިދަކުރާ ފަދައެވެ. އިންސާނާގެ ކިބައިންވެސް އެދެވިގެންވަނީ، އެފަދަ ސަޖިދައެކެވެ. އިންސާނާއަށް ލާޒިމުވެގެންވަނީ، މާތް اللّه ގެ ޙަޟްރަތަށް ސަޖިދަޔަށް ތިރިވުމެވެ. އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމަކީ، އޭނާގެ ފުރާނައިގެ ކާނާކަމުގައި ހެދުމެވެ.

   
ކާއިނާތުގައި ހިސާބެއްނެތްހައި ގިނަގުނަ ތަކެތި އެކުލެވިފައި ވެއެވެ. ނަމަވެސް، ފަހަރެއްގައިވެސް އެތަކެތީގެ މެދުގައި އެއްވެސްކަހަލަ ފުށުއެރުމެއް ނުވަތަ މުޑުއެރުމެއް ނުވެއެވެ. ކާއިނާތުގައި ހިމެނޭ ކޮންމެ އެއްޗެއް، އޭގެ މަސައްކަތް ކުރިޔަށް ގެންދަނީ، ކާއިނާތުގެ އެހެނިހެން އެއްޗެއްސާ އެއްބައިވެގެންނެވެ. އެއް ނިޒާމަކަށް ފެތިގެންނެވެ. އިންސާނާގެ ކިބައިންވެސް އެދެވިގެންވަނީ އެގޮތެވެ. އިންސާނާ ޢަމަލުކުރުން އެދެވޭގޮތަކީ އޭނާގެ އިންފިރާދިއްޔަތު، އިޖްތިމާޢިއްޔަތާ ގުޅައިލުމެވެ. ކޮންމެ އިންސާނަކުވެސް އެހެނިހެން އިންސާނުންނާ އެއްބައިވެގެން، އޭނާގެ ޙަޔާތުގެ މަޤްޞަދު ހާސިލުކުރުމެވެ.

   
ކާއިނާތު ހިނގަމުންދަނީ، ފައިދާ ލިއްބައިދިނުމުގެ އުސޫލުގެ މައްޗަށެވެ. ކާއިނާތުގެ ކޮންމެ އެއްޗެއް ޢަމަލުކުރަމުން ގެންދަނީ، އޭގެ އެހެނިހެން ބައިތަކަށް ފައިދާހުރި އެއްޗަކަށްވެވޭނެ ގޮތަށެވެ. އިންސާނާވެސް އޭނާގެ ޙަޔާތުގައި އިޚްތިޔާރުކުރާންޖެހެނީ، އެ އުސޫލެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި އުޅޭންވީ، ތިމާގެ ކިބައިން އަނެކުންނަށް ފައިދާކުރުވުމުގެ ހެޔޮވިސްނުމާ އެކުގައެވެ. ތިމާގެ ޙަރަކާތްތަކަކީ އަބަދުވެސް އެހެންމީހުންނަށް ލާބަހުރި ކަންތައްތަކަކަށްވާނެ ގޮތަށެވެ.

   
މުޅި ކާއިނާތަކީވެސް، އެއާމެދު ދުރާލައި ނިމުތެއް ދެވޭފަދަ ފުރިހަމަ ނިޒާމެއްގެ މަތިން ހިނގަމުންދާ ތަނެކެވެ. ކާއިނާތުގެ ކޮންމެ އެއްޗަކާމެދުވެސް އެ އެއްޗެއްގެ ކަންތައް ކުރިޔަށް އޮތްތާނގައި ހުންނާނީ މިވެނި ގޮތަކަށޭ، ދުރާލައި ބުނެވިދާނެއެވެ. މިއީ އިންސާނާގެ ކިބައިންވެސް އެދެވިގެންވާ ގޮތެވެ. އިންސާނާވެސް ވާންޖެހޭނީ، ދުރާލައި އޭނާއަކީ މިވެނިކަހަލަ ޝަޚްޞިއްޔަތެއްގެ ވެރިއެކޭ ބުނެވޭފަދަ މީހަކަށެވެ. މިވެނިކަހަލަ ދަނޑިވަޅެއްގައި އޭނާ ފާޅުކުރާނީ އެވެނިކަހަލަ ރައްދު ޢަމަލެކޭ، ދުރާލައި ބުނެވޭފަދަ އުސޫލަށް ތަބާވާ މީހަކަށެވެ. ހަމައިގައި ހިފަހައްޓާ މީހަކަށެވެ.

   
ކާއިނާތުގައި ހިމެނޭ ކޮންމެ އެއްޗެއް ޙަރަކާތްކުރަމުން ގެންދަނީ، އެ އެއްޗަކަށް ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައި ހުރެއެވެ. ކޮންމެ ތަރިޔެއްވެސް ހިނގަމުންދަނީ، އެ ތަރިޔެއްގެ އަމިއްލަ ފަލަކުގައެވެ. އެއްވެސް ތަރިއެއް، ފަހަރެއްގައިވެސް އަނެއް ތަރިއެއްގެ ފަލަކަކަށް ނުވަދެއެވެ. މިއީ އިންސާނާވެސް ޚިޔާރުކުރަންޖެހޭ ގޮތެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި އުޅޭންވާނީ، އަނެކާގެ އިން ފެށޭހިސާބުން، ތިމާގެ އިން ނިމުނީކަމުގެ އިޙްސާސާ އެކުގައެވެ.

   
މާތް اللّه އިންސާނާ އުޅެން ރުހިވޮޑިގެންވާ ގޮތަކީ ކޮބައިތޯއެވެ؟ އެކަލާނގެ ވަޙީގެ ޒަރީޢާއިން އެގޮތް ވަނީ އެކަލާނގެ ނަބިއްޔުންނަށް ބަޔާންކޮށްދެއްވައިފައެވެ. އެ ވަޙީގެ އެންމެފަހުގެ އަދި އެންމެ އިތުބާރުހުރި އެޑިޝަނަކީ، އިސްލާމްދީނެވެ. އިސްލާމްދީނަކީ މާތް اللّه ރުހިވޮޑިގެންވާ ގޮތުގެ ލަފްޒީ ބަޔާނެކެވެ. ކާއިނާތަކީ މާތް اللّه އެދިވޮޑިގެންވާގޮތުގެ ޢަމަލީ ފާޅުވުމެކެވެ.

 (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ