އަންހެނުން ރޮނީ ކީއްވެ؟
ޅެންވެރިޔާ: ސެސިލިޔާ ޓްރީ. ޑަބްލިޔޫ.
ތަރުޖަމާ: ނިޝްވަތު ޞާދިޤު
ކުޑަކުއްޖަކު އޭނާގެ މަންމަ ގާތު އެއްސެވެ. ''މަންމަ ތިޔަ ރޮނީ ކީއްވެގެން؟''
''އެއީ މަންމަ އަކީ އަންހެނަކަށް ވާތީ'' މަންމަ ޖަވާބު ދިނެވެ.
''އަޅުގަނޑަކަށް ނުވިސްނުނު''
ދެން އޭނާގެ މަންމަ އޭނާ ގަޔާލައި ބޮނޑިކޮށްލައިފައި ބުންޏެވެ.
''ދަރިފުޅަކަށް ދުވަހަކު ވެސް ނުވިސްނޭނެ''
ދެން އޭނާ ބައްޕަ ގާތުގައި އެއްސެވެ. '' މަންމަ އެއްވެސް ކަމަކާ ނުލައި ރޮނީ ކީއްވެ؟''
''ހުރިހާ އަންހެނުން ވެސް ރޮނީ ކަމަކާ ނުލާ''
އޭނާގެ ބައްޕަ އަށް ދެވުނުހާ ވެސް ޖަވާބަކީ މި އެވެ.
އެ މަޢުޞޫމު ކުއްޖާ އެރޭ ނިދީ އެ ޚިޔާލުގައި އޮވެ އެވެ. ދެން އޭނާ އަށް ދުރުން މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ.
''އަންހެނުންނަކީ ވަރަށް ޚާއްޞަ ބައެކެވެ. އެމީހުންގެ ކޮނޑުގައި މުޅި ދުނިޔޭގެ ބަރު އެޅުވިޔަސް އެ އުފުލާލާހައި ވަރުގަދަ ވާނެ އެވެ. އެކަމަކު ހިތް ހަމަ ޖައްސައިދެވޭހައި އޯގާތެރިވާނެ އެވެ. ކުއްޖަކު ވިހެއުމުގެ ހިތްވަރު އޭނާއަށް ދިނީމެވެ. އަދި އޭނާގެ ދަރިން އޭނާއާ އަޅައިނުލައިފި ނަމަ، އެ ކަމަށް ކެތްކުރުމަށް ވެސް ހިތްވަރު ދިނީމެވެ. ހުރިހާ އެންމެން ނުވާނެޔޭ ހިތާ ދޫކޮށްލާ ކަންތައްތަކައިގެން ކުރިޔަށް ދާނެ ބާރު ދިނީމެވެ. އަދި ކިތަންމެ ބަލިވެ އުޅެން ދިމާވިޔަސް، ވަރުބަލިވިޔަސް، އެއްވެސް ޝަކުވާއެއްނެތި އާއިލާ ބެލެހެއްޓުމުގެ ބާރު ދިނީމެވެ.''
''ދަރިން ކޮންމެ ގޮތަކަށް އޭނާޔާ ދޭތެރޭ ކަންތައް ކުރިޔަސް، ދަރީން ދެކެ އިންތިހާޔަށް އޭނާ ލޯބިވާނެ އެވެ. އޭނާގެ ފިރިމީހާ ކުރާކުށްތަކަށް ކެތްކުރާނެ އެވެ. އެ ގޮތަކީ ފިރިހެނެއްގެ މޭގެ ކަށިގަނޑަކުން އަންހެނާ ހައްދަވާފައިވަނީ އެ ފިރިހެނާގެ ހިތް ރައްކާ ކުރުމަށެވެ. ރަނގަޅު ފިރިޔަކު އޭނާގެ އަނބިމީހާޔަށް ދެރަގޮތެއް ނުހަދާނެކަން އޭނާގެ ބުއްދި ގަބޫލުކުރާނެ އެވެ. އެކަމަކު ބައެއްފަހަރު އަނބިމީހާގެ ހިތްވަރު ހުރިވަރު ބަލައިލައި، ކޮންމެ ގޮތެއް ވިޔަސް، ފިރިމީހާ ގާތުގައި ހުރޭތޯ ބަލައިލާނެ އެވެ.''
''އަދި އެންމެ ފަހުން އޭނާއަށް ކަރުނަ ދިނީމެވެ. އެއީ އޭނާ ބޭނުން އިރަކު ބޭނުން ކުރަން ދިން އެއްޗެކެވެ. އަންހެނެއްގެ ރީތިކަމަކީ އޭނާލާ ހެދުމެއް ނޫނެވެ. އަދި އޭނާގެ ބައްޓަމާއި ފުނާއަޅާފައި ހުންނަ ގޮތެއް ވެސް ނޫނެވެ. އަދި ކީއްޔެވެ؟ އަންހެނެއްގެ ރީތިކަން ފެންނާނީ އޭނާގެ ލޮލުންނެވެ. އެއީ އޭނާގެ ހިތުގެ ދޮރުފަތެވެ. ލޯބީގެ ޖަގަހަ އެވެ.''
(ނިމުނީ)
ނޯޓު: މިއީ އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ޅެމެކެވެ.