އަދުގެ ޚާއްސަ

Print

"އޭ ދުލާއެވެ! ހެޔޮ ބަސް ބުނާށެވެ! އެހެންނޫނީ ހަނު އޮންނާށެވެ!"

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ދިރާސާ



އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ފުރިހަމައަށް މަގު ދައްކައިދޭ ގޮތުގައި الله ބާވައިލެއްވި އިސްލާމްދީނުގައި ޚާއްޞަކަމެއް ދެއްވާފައިވާ، އެއް ކަމަކީ ދޫރައްކާތެރިކުރުމެވެ. ފަހެ، ތިމާގެ ދުލުން ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދީ، ފާފަވެރި ޢަމަލުތައް ކުރުމުގައި ޢުމުރު ހޭދަކުރާ މީހާއީ، ހަމަކަށަވަރުން ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙުރޫމުވެއްޖެ މީހެކެވެ. އެހެނީ އެފަދަ މީހާ ހިމެނެނީ އޭނާގެ ދުލުގެ ސީދާކަން ގެއްލުމުގެ ސަބަބުން، އޭނާގެ އީމާންކަމުގެ ސީދާކަން ވެސް ގެއްލިފައިވާ މީހެއްކަމުގައެވެ.
رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "لاَ يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ، وَلاَ يَسْتَقِيمُ قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ"[1] މާނައީ: "އެ މީހެއްގެ ހިތް ސީދާވެއްޖައުމަށް ދާންދެން އެ މީހެއްގެ އީމާންތެރިކަން ސީދާނުވާހުއްޓެވެ. އަދި އެމީހެއްގެ ދޫ ސީދާވެއްޖައުމަށް ދާންދެން އެ މީހެއްގެ ހިތް ސީދާނުވާހުއްޓެވެ."

ދޫ ރައްކާތެރިކުރުމަކީ ބަސްބުނުމުގައި އަވަސްވެނުގަތުމެވެ. ބަސް ބުނުމުގެ ކުރިން އެ ބަހަކާ މެދު ވިސްނައި ތަދައްބުރުކުރުމާ އެކު، އިސްލާމީ ޝަރީޢަތުގެ މިންގަނޑުންނާއި ތިމާގެ ބުއްދީގެ ތަރާދުން އެ ބަހެއް ކިރައި ވަޒަންކުރުމެވެ. މި މިންގަނޑުތަކުން ވަޒަންކުރުމުން، އެއީ އިސްލާމީ ޝަރީޢަތާއި މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތާ ޚިލާފުނުވާ ބަހެއް ކަމުގައިވާ ނަމަ، އެ ބަހެއް ބުނެވިދާނެ އެވެ. އެހެން ނޫންކަމުގައި ވާނަމަ، އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވަނީ، އެ ބަހެއްނުބުނެ ހަނުހިމޭނުން ހުރުމެވެ.

رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. "مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ"[2] މާނައީ: "الله އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ، ހެޔޮބަސް ބުނާހުށިކަމެވެ. އެހެން ނޫނީ  ހަނުހިމޭނުން ހުންނަހުށިކަމެވެ."  

ދޫރައްކާތެރި ކުރުމުގައި ހިމެނެނީ ހަމަ އެކަނި ދުލުން ބުނެވޭ ގޯސް ބަސްތަކާމެދު ރައްކާތެރި ވުމެއްނޫނެވެ. މީގެއިތުރުން، ޙައްޤުބަސް ފާޅުކުރަންޖެހޭ ޙާލަތްތަކުގައި ޙައްޤުބަސް ފާޅުކުރުމާއި، ތިމާ ލިޔާ ލިޔުންތަކާމެދު ރައްކާތެރިވުން ވެސް ހިމެނެނީ ދޫރައްކާތެރި ކުރުމުގެތެރޭގައެވެ. ލިޔުންތެރިކަމުގެ ދާއިރާއަށް ބަލާއިރު، އެއީ ނޫސް މަޖައްލާތަކުގައި ލިޔާ ލިޔުމެއްކަމަށް ވިޔަސް، ނުވަތަ އިންޓަނެޓުގެ ފަތްފުށްތަކުގައި ލިޔާ ލިޔުމެއްކަމަށް ވިޔަސް، ނުވަތަ ލިޔުމަށް ބޭނުންކުރާ ކޮންމެ ވަސީލަތެއްގައި ލިޔާ ލިޔުމަކަށް ވިޔަސް، އެ ލިޔުމެއްގައި ޙައްޤުން އެއްކިބާވެގެން ނުވާނެ އެވެ. އެ ގޮތުން އެ ލިޔުމަކީ ދޮގާއި އޮޅުވައިލުމާއި، ބޭއަދަބީ ބަސްތަކާއި، މީހުންގެ އަބުރު ނަގައިލުމާއި، މީހުންނަށް ބަދު ދުޢާކުރުމާއި، މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދިނުމާއި، މުޖުތަމަޢުގެ އަމަންއަމާންކަން ނަގައިލުމަށް ހިތްވަރު ލިބިދޭފަދަ ބަސްތަކާއި ޢިބާރާތްތައް ހިމެނޭ ލިޔުމެއް ކަމުގައި ވެއްޖެ ނަމަ، ޝައްކެތް ނެތް ގޮތުގައި އެއީ ތިމާގެ ދުލާއި އަތުގެ ޛަރީޢާއިން ހިންގޭ ނުބައިކަން ބޮޑުވެގެންވާ ޖަރީމާއެކެވެ.

އަލްއިސްރާ ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވައިފައިވެއެވެ.  [[وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلْإِنْسَانِ عَدُوًّا مُبِينًا]] މާނައީ: "އެންމެ ރިވެތި ހެޔޮ ބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަން ރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ޝައިޠާނާ، އެއުރެންގެ މެދުގައި ފަސާދަ އުފައްދަތެވެ. ހަމަކަށަވަރުން، ޝައިޠާނާއީ، އިންސާނާއަށް ފާޅުވެގެންހުރި ޢަދާވާތްތެރިޔަކު ކަމުގައިވިއެވެ."  

މުސްލިމުންގެ ތެރެއިން އެންމެ ހެޔޮވެގެން ވަނީ ކާކުތޯ  رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވ ިއެވެ. "مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ" މާނައީ: "އެމީހެއްގެ ދުލުންނާއި އަތުން އެހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާމީހާއެވެ." ސޫރަތުލްއިސްރާގެ 34 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ތިބާޔަށް އެ ކަމަކާ މެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ تَبَعَ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާ މެދު سُؤَالُ ކުރައްވާނޭ ކަމެއްކަމުގައިވިއެވެ."

ދުލުގެ ޛަރީޢާއިން ހިންގޭ ފާފަތަކަށް ބަލާ އިރު، އެ ކަންކަމުން އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ ވަރަށް ގިނަ ފާފަތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަކުރާރުވެ އާލާވަމުންދަނީ މި ކަމާމެދު ބިރުވެތިވާން ޖެހޭ ދަރަޖައަކަށެވެ. އެގޮތުން: ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގު ހެދުމާއި، ދޮގުހެކިދިނުމާއި، މަލާމާތް ފުރައްސާރަކުރުމާއި، ޤަޛުފުކުރުމާއި، ބާޠިލު ޖަދަލުތައް ކުރުމާއި، ތިމާޔަށް އެ ކަމުގެ ޙަޤީޤަތް ނޭނގޭ ވާހަކަތައް ދެއްކުމާއި، ފައިދާއެއް ނެތް ބޭކާރު ވާހަކަތައް ގިނަކުރުމާއި، މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުމާއި، ހުއްދަވެގެންވާ ދާއިރާއިން ބޭރުގައި ސަލާންޖެހުމާއި، ބުނިބުނި ކިޔައިގެން ވާހަކަދެއްކުމާއި، އަމިއްލަ ނަފުސުގެ މަތިވެރިކަމުގެ ވާހަކަ އަމިއްލައަށް ދެއްކުމާއި، ހެޔޮކަންކަމަށް އަމުރުކޮށް ތިމާ އެ ގޮތަށް ޢަމަލުނުކުރުމާއި އަދި ނުބައިކަންކަން މަނާކުރުމަށްފަހު ތިމާ އެކަންކަން ކުރުންފަދަ ފާފަތަކަށް އަރައިގަތުމުގައި، ޢުމުރުގެ އަގުހުރި ވަގުތުތައް ހޭދަކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟

ކޮންމެ ހެޔޮކަމެއްގައި އަޅުގަނޑުމެންނަށް ނަމޫނާއެއްކަމުގައި الله سُبْحَانَهُ وَتَعَالَى ފޮނުއްވެވި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ،  ދޫރައްކާތެރި ކުރެއްވުމާމެދު ޙަދީޘްކުރައްވާފައިވާ އިތުރު ބަސްފުޅުތަކާމެދު ބަލައިލަމާތޯއެވެ! الله ގެ އޯގާވަންތަކަމުން އެންމެހައި ފާފަތަކުން ސަލާމަތްކުރައްވާފައިވާ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ، އެކަލޭގެފާނު އެ އެއްޗަކާމެދު އެންމެ ބިރުފުޅުގެންވަޑައިގަންނަވާ އެއްޗަކީ އެކަލޭގެފާނުގެ ދޫފުޅު ކަމުގައި حَدِيْث ކުރައްވައިފައިވެއެވެ. عَنْ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ قَالَ:  قُلْتُ يَا رَسُولَ اللَّهِ ، مَا أَخْوَفُ مَا تَخَافُ عَلَيَّ؟ "فَأَخَذَ بِلِسَانِ نَفْسِهِ ثُمَّ قَالَ هَذَا"[3] މާނައީ: "سُفْيَانُ بن عَبد اللّه الثَّقَفِي ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ތިމަން ދެންނެވީމެވެ. އެ އެއްޗަކާމެދު ކަލޭގެފާނު އެންމެ ބިރުވެތިވެވަޑައިގަންނަވާ އެއްޗަކީ ކޮބައިތޯއެވެ؟ (މީގެ ޖަވާބު ދެއްވުމުގެގޮތުން) އެ ކަލޭގެފާނު، އެ ކަލޭގެފާނުގެ ދޫފުޅުގައި ހިއްޕަވައި (އެ އެއްޗަކީ) މިއީ އެވެ." حديث  ކުރެއްވިއެވެ.

އަދި އެ މީހެއްގެ ދޫ ރައްކާތެރިކުރުމަށް ޖާމިނުވާ މީހާއަށް (الله ތަޢާލާ) ސުވަރުގެ ދެއްވާނެކަމަށް رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޖާމިނުވެވަޑައިގަންނަވާނެކަމަށް حديث ކުރައްވައިފައިވެއެވެ. عَن رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : "مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الْجَنَّةَ"[4]  މި حَدِيْثْ ގެ މުރާދަކީ: رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدِيْث ކުރެއްވިއެވެ. "އެ މީހެއްގެ ދުލާއި، އެ މީހެއްގެ ލަދުވެތި ގުނަވަނަށް ރައްކާތެރިވުމަށް ތިމަންކަލޭގެފާނު އަރިހުގައި ޖާމިނުވެއްޖެ މީހާއަށް (މާތް الله) ސުވަރުގެ ދެއްވާނެކަމަށް ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ."

ދޫރައްކާތެރިކުރުމާ މެދު ކަންހުރީ އިސްވެ ބަޔާންކުރެވުނު ފަދައިން ކަމަށްވީ ހިނދު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަޅުގަނޑުމެންގެ ޙަޔާތާމެދު ވިސްނައިލާކަށް ނުވޭތޯ އެވެ؟ އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭނގި ތިބެ، ދުލުންކުރެވޭ ފާފަތައް ހުއްޓައިލައި، الله ގެ ޙަޟުރަތަށް ރުޖޫޢަވާންވީ ވަގުތު ނާދޭތޯއެވެ؟ ދުލުގެ ސުންޕާކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުފެދި އާލާވަމުންދާ ފަސާދަޔާއި ނޭއްގާނީ ޢަމަލުތައް ހުއްޓުވައި، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަންވީ ދުވަސް ނާދޭތޯއެވެ؟

ދުލުގެ ބޭނުންކުރުމުގައި މާތް الله ކަނޑައަޅުއްވައިފައިވާ އިންތައް ފަހަނަޅައި ދިއުމުގެ ނަތީޖާ އަޅުގަނޑުމެންގެ ތެރެއިން މި ދަނީ ފެންނަމުންނެވެ. ޣީބަބުނުމާއި ދެބައޮޑުވުމުގެ ނަތީޖާ އަކީ އިހުގައި ރަޙުމަތްތެރީންކަމުގައިވި މީހުން ދުޝްމަނުންނަށް ބަދަލުވުމެވެ. ދޮގުހެދުމާއި ދޮގުހެކިދިނުމާއި ޤަޛުފުކުރުމުގެ ނަތީޖާ އަކީ ކުށެއް ނެތް މީހުންގެ ޢަބުރު ގެއްލިގެން ދިއުމާއި، ޙައްޤުނޫން އަދަބުތައް ލިބުމާއި، ނުވަތަ ކުށްކުރުމުން އަދަބު ލިބެންޖެހޭ ފަރާތްތައް އެ ކަމުން ރެކި މުޖުތަމަޢުގައި ކުށްކުރުން ޢާންމުވުމާއި، މުޖުތަމަޢުގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުން ދިއުމެވެ. މަލާމާތް ފުރައްސާރަކުރުމާއި ހަޑިހުތުރު ބަސްތައް ބޭނުންކުރުމާއި ޙަޤީޤަތް ނޭނގޭ ވާހަކަތައް ދެއްކުމުގެ ނަތީޖާއަކީ އިސްލާމްދީނުގެ ރިވެތި އަޚްލާޤީ އަގުތައް ކަމަށްވާ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ލޯތްބާއި، އުޚުތްވަތްތެރިކަމުގެ ގުޅުމާއި، ލަދުވެތިކަމާއި މިފަދަ ކަންކަން ނެތިވެ ގޮސް އިންސާނީ މުޖުތަމަޢުތަކުގައި ޖަންގަލީގެ އުޞޫލު ހިނގާންފެށުމެވެ.

ކަންމިހެންހުރުމާއެކު އިޞްލާޙުކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސް ލިޔެވޭ ތަފާތު ލިޔުންތަކާއި، ދޭދޭމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތުގައި ވެސް އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ މުޖުތަމަޢަށް ފައިދާއެއް ހުރި ވާހަކަތަކެއްތޯ ވިސްނައިލާން ޖެހެއެވެ.

ދޫރައްކާތެރިކުރުމަށް މާތް الله އަންގަވައިފައިވާ އެންގެވުމަކީ ވަކި ޒަމާނަކަށް، ވަކި މީހަކަށް ޚާއްޞަވެގެންވާ އެންގެވުމެއް ނޫނެވެ. އެހެނެއްކަމަކު، ޝަރުޢީ ޙުކުމްތައް އެ މީހެއްގެ މައްޗަށް ހިނގާ ހަމަ ކޮންމެ މީހަކުމެ، ހަމަ ކޮންމެ ވަގުތެއްގައިމެ އެ މީހެއްގެ ދޫރައްކާތެރިކުރުން ވާޖިބުވެގެންވެއެވެ. މާދަމާ، ﷲ ގެ ޙަޟުރަތުގައި ކާމިޔާބުވީ މީހުންގެ ތެރެއިން ވެވޭނީ އޭރުންނެވެ. ބައިބައިވުމާއި ފިތުނަ ފަސާދަ ޢާންމުވެފައިވާ އަޅުގަނޑުމެންގެ މުޖުތަމަޢުތައް އިޞްލާޙުކޮށް ސަލާމަތުގެ އައްސޭރިޔަކަށް ދެވޭނީ އޭރުންނެވެ. ސޫރަތުއްރަޢުދުގެ 11 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާންދެން، الله ، އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ."
----------------------------
(ނިމުނީ)

ހަވާލާ:

[1] أحمد : 26/12575
[2] بخاري : 18/5559 ، مسلم : 1/67
[3] ترمذى :  8/2334 – كتاب الزهد عن الرسول الله ، بَاب مَا جَاءَ فِي حِفْظِ اللِّسَانِ،   قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ وَقَدْ رُوِيَ مِنْ غَيْرِ وَجْهٍ عَنْ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ - قال الشيخ الألباني : صحيح ، سنن الترمذى مع الحكم الألبانى  8/2410
[4] بخارى : 20/5993 – كتاب الرقاق ، بَاب حِفْظِ اللِّسَانِ

މި ލިޔުން

ފޮނުވުން:    އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (ފަންވަތުގެ މެހުމާން ލިޔުންތެރިޔެއް)
އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ