ނަރަކަ
ނޯޓް:- މިއީ އަޅުގަނޑުގެ ރަޙްމަތްތެރި އަލްއަޚް އިޔާޒު ނަސީމްގެ އެދިވަޑައިގަތުމުގެ މަތީން އޭނާ އެދިވަޑައިގަތް ގޮތަށް ހަދައިފައިވާ ޅެމެކެވެ.
އާދަމް ޢަބްދުއްރަޙްމާން، އުތީމު
އުފާ ދިރުމުގެ ނުވާ ތަނެކޭ މަރެއް އެހެނަސް ނުވާ ތަނެކޭ،
ތަފާތު އަޒާބުތައް ލިބެވޭ އަބަދު އަލިފާން އަނދާ ތަނެކޭ.
އަނދިރި ވާދީތަކުން ފުރިފާ އިތުރު ކަލިވަތްތަކެއް ގުޅިފާ،
އުތުރި ކެކެމުން އަރާ އަލިފާން އަޒާބުގެވާ އެއީ ތަނެކޭ.
އުފާ ދުނިޔޭގެ އެދިއެދިފައި ހިފާ ކަރުމަރު މިތާ އުޅެފައި،
ވަފާތުވެގެން ތިމާ ދިއުމުން ލިބުން މީ ޙައްޤުވާ ތަނެކޭ.
ހިތަށް އުފަލެއް އިތުރު ދިރުމެއް އަޒާބެއް ނޫން އެހެން ލިބުމެއް،
އެތައް ޙުޤުބަކު އެތާ ތިއްބަސް ލިބުން ދުވަހަކު ނުވާ ތަނެކޭ.
ނުވާ އެއްވެސް ކަމެއް ރުހެވޭ ނުވާ އެއްވެސް ގޮތެއް އެދެވޭ،
ދުވާލެއް ރޭގަނޑެއް ނޭނގޭ ނުވާ ދައްޗެއް ނުވާ ތަނެކޭ.
ލިބޭ ވޭނާއި ކެކުޅުމުގައި އިވޭ ނަފްރަތުގެ އަޑުތަކުގައި،
ތިބޭ ތިބުމަށް ނިމުން ނުމެވާ އެއީ ތިބުމަށް ނުބައި ތަނެކޭ.
އޮހޭ ކަރުނައިގެ ނެތް ނިމުމެއް ޖެހޭ އާފާތްތަކުން ފިލުމެއް،
ފޮހޭނެ މަގެއް ނެތޭ ލިބުމެއް މި ޙާލަތުގައި ތިބޭ ތަނެކޭ.
އަނދާ އަލިފާނުގައި ރޯފިލި، ހަމާއި މަހާ އެކީގައި ފިހި،
އަނދާ ނިމުމުން އަލުންހަންލެވި އެނދުން ތަކުރާރުވާ ތަނެކޭ.
އަޒާބުގެ ވަންނިތައް ގިނަގުނަ އަނދާ އަލިފާންލަމުން ހަނަހަނަ،
ޖަޒާ ޢަމަލަށް ލިބޭ ހަމަހަމަ އެއީ ދިލަ ހޫނު ހުރި ތަނެކޭ.
ނުވޭ ބުއިމެއް ލިބޭ އެތަނުން އޮހޭ ފާދިޔަ ޙަމީމާ ނޫން،
ކެވޭ ޒައްޤޫމު ކަށިތައް އަރުތެރަށް އަބަދުމެ ހެރޭ ތަނެކޭ.
މިތާ ނުދެކޭ އެތައް ބިރަކާ ހިތަށް ނާރާ އެތައް ކަމަކާ،
އެތާ ކުރިމަތިވުމުން ރޮވިފާ ބިރުން ވިރިވިރި ތިބޭ ތަނެކޭ.
އަޅާ ބޮނޑި އަންގަވާ މަގަކުން ޒަބާނީ ތިއްބަވާ މަލަކުން،
އަޅާއަށް ކެތް ނުވާނެ ލެކުން އަޒާބު ލިބޭ އެއީ ތަނެކޭ.
އަޅާ ވިހަ ސޫފި ކަށި އަޅަމުން ހަފާ ދާނާ ތަކެތި ހަފަމުން،
އަޅާ ކަސްތޮޅު ދަގަނޑު އެޅުމުން ލިބޭ ކެކުޅުން އެއީ ތަނެކޭ.
އެއީ ލިޔެލިޔެ ހުހެއް ނުމެވާ އެއީ ބުނެބުނެ ކޮޅުން ނުމެލާ،
އެއީ ހަމަ އެންމެ ލަމްޙަތަކަށް ވިޔަސް ކެތްވުން ނުވާ ތަނެކޭ.
ފަލާޙުގެ މަގު ބަލާ މިތަނުން ސަލާމަތް ހޯދަމާ ދެ ތަނުން،
ކަލާކޯއޭ ގޮވާ އެތަނުން ސަލާމަތްވާން ޖެހޭ ތަނެކޭ.
ދިޔުން ނޭދޭ އެއީ ތަނެކޭ އަހަން ނުރުހޭ އެއީ ނަމެކޭ،
ކިޔުން ދިވެހިން ނަރަކަ ނަމަކަށް ވެފައިވާ އާންމު އޭ ތަނެކޭ.
----------------------
(ނިމުނީ)
މި ޅެން:
ފޮނުވުން: އަލްފާޟިލް އިޔާޒު ޖާދުﷲ ނަސީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު