އަދުގެ ޚާއްސަ

Print

މޮޅު ޢިބާރާތަކީ މިއީއެވެ. ރީތި ސިފަކުރުންތަކަކީ މިހިރީއެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ކުށެއް ނެތް ރީތި މޮޅު ޢިބާރާތްތަކަކީ؛ ޢިޝްޤީ، ޖިންސީ، އަދި ސަމާސާ ވާހަކަތައްވެސް އައިބު ނުވާފަދަ ރީތި، ބަލާޣާތްތެރި ފަށުވި ޢިބާރާތުން ބަޔާންކުރެވިފައި ހުންނަ ޢިބާރާތެވެ. ދިވެހިބަހުން، "ބެރެކި ނުކޮށް" ބަލާޣާތްތެރިކަމާއި ފަޞާޙާތްތެރިކަމާއެކު ކޮންމެ ޚިޔާލެއްވެސް ބަޔާންކޮށް ހާމަކުރެވިދާނެކަން މޮޅު ލިޔުންތެރީން ވަނީ ސާބިތުކޮށްދެއްވައިފައެވެ. އެހެންނަމަވެސް މި ޒަމާނުގެ ބައެއް ލިޔުންތަކަކީ ދިވެހިބަހާއި އަދަބަށް ހުތުރުއަރާފަދަ ފޭރާންދެރަ، ދެރަވަރުގެ "ބަރަހަނާ" ޢިބާރާތްތަކެވެ. ޚާއްޞަކޮށް އިންޓަނެޓް ބައެއް ސައިޓްތަކުގައި ހުންނަ މިފަދަ ޢިބާރާތްތަކުގެ "ބެރެކި" ކަމުން ލިޔުންތެރިކަމާއި އަދަބިއްޔާތުގެ އަހުލުވެރީން އެފަދަ ލިޔުންތަކުން ބަރީއަވެ ދުރަށްދާން ޖެހޭކަމީ މިއަދުގެ ޙަޤީޤަތެވެ.

އިސްވެ ދެންނެވުނު ފަދައިން ދިވެހިބަހަކީ ކޮންމެ ފަދަ ޝުޢުރެއްވެސް، "ބެރެކިނުކޮށް" ހަމަ އަދަބީ ފެންވަރެއްގައި ހުށަހަޅައިލެވިދާނެ ޤާބިލު ބަހެއްކަން ދިވެހި ލިޔުންތެރީން ވަނީ ސާބިތުކޮށްދެއްވައިފައެވެ.

ދިވެހިބަހާއި އަދަބު، އެ އަދީބަކަށްޓަކައި ފަޚުރުވެރިވާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ، މި ދެންނެވިފަދަ ބައެއް ޢިބާރާތްތައް ފެންނާން އެބަހުއްޓެވެ. މި ފަހަރު އަޅުގަނޑު މި ހުށަހަޅައިލަނީ އެ މަނިކުފާނުގެ އެފަދަ ލިޔުއްވުމަކުން އަޅުގަނޑަށް ފާހަގަކުރެވުނު ހަމަ އެކަނި 2 ޢިބާރާތެކެވެ. ވިދާޅުވެލައްވާށެވެ!

"..... އަސްތާ! އައްޑުވަށް އައި ދަތުރުގެ އަދި އެއް ވާހަކައެއް އަދި ނުދެންނެވެއެވެ. އެއީ ދަތުރުމަތީގައި ކުރަފި ހިލޭލެއް ހަމަ ގިނައިއްޔެވެ. އެ ކުރަފިތަކުން އެ ދުވާ ވަހެއް! އަސްތާ! އެ ވަސް މިހާރު ހަނދާންކޮށްލިޔަސް އަޅުގަނޑުމެންނާއެކު ހިޓްލަރް ދަތުރުކުރިނަމަ މީހުން މަރާނޭ އައު ގޭހެއް އޭނާ އުހެއްދީސްކަން ކަށަވަރެވެ. އާދެ! އަޅުގަނޑުމެން ދަތުރުމަތީ ކެއީ ބަނބުކެޔޮ ލީ ބަތާއި ރިހާކުރާ އެވެ....."
(މުޙައްމަދު އަމީން (1944). ކަނޑުންފިރުކެމުން ވައިން އުދުހެމުން)

ކުރަފިހިލުމޭ އެ ވިދާޅުވީ ކޮން ވާހަކަފުޅަކަށްކަމާއި ކޮން ގޭހެއްކަން އޮޅުންފިލުއްވައިދެއްވުމަށް ދަތުރުމަތީގައި ފަޜިއްކުޅުއްވި އެއްޗެއް ބަޔާންކޮށްލެއްވީމާ ހުރިހާ ވާހަކައެއް ސާފުވެއްޖެ ނޫންތޯއެވެ؟ ސީދާ އެ ވާޙަކަ ބަޔާންކުރުމަކީ އައިބު ކަމަކަށް ވާނެތީ އައިބު ނުވާ ކަހަލަ މަޖާ ގޮތަކަށް އެ ވާހަކަފުޅު ވެސް ގެންނަވައިފައިވާލެއް ކިހާ ފުރިހަމަތޯއެވެ؟ ކިހާ އަސަރުގަދަތޯއެވެ؟ ކިޔާ މީހުންނަށް އައިބު ނުވާފަދަ ސަމާސާ ގޮތަކަށް ޢިބާރާތްކުރައްވައިފައިވާ، ކިހާ ރީތި ސިފަކުރެއްވުމެއްތޯއެވެ؟

ދެން އަންނަނިވި ޢިބާރާތަށް ވިސްނަވާށެވެ! ތަންކޮޅެއް ޢިޝްޤީ ޢިބާރާތެކެވެ.

"... އަޅުގަނޑުމެންނަށް އެ ހިސާބަށް ދެވުނު އިރު ޙުސައިން ޢަފީފު އެ ގޭތެރެއަށް ވަންނާން ހުރި ދޮރު ކައިރީގައި ހުއްޓެވެ. ކަން ދިމާވެފައި ވާ ގޮތުން އެ ދުވަހު ގޭގައި އަދި ކީއްތޯއެވެ؟ ރަށުގައި ވެސް އެ ގޭ މީހުންކުރެން ތުއްތުމަނިކުބޭގެ ޢާއިޝާ މަނިކެ ނޫން އެހެން މީހަކު ނެތެވެ. އާދެ! އެ ގޭގެ ދޮރުމަތީގައި ޙުސައިން ޢަފީފު ހުއްޓެވެ. އެ ދޮރަކީ ވަރަށް ހަނި ދޮރެކެވެ. ދޮރުގެ އެއް ކަނީގައި ލެނގިގެން ޙުސައިން ޢަފީފު ހުރިއިރު އެ ދޮރުގައި ބާކީ ފޫޓެއް ވެސް ނުހުންނާނެކަން ކަށަވަރެވެ. އެކަމަކު، ކަންޏާއި ޙުސައިން ޢަފީފާ ދެމެދުގައި ފެންތައްޓެއް ހިފައިގެން ހުރީ އެގޭ ޢައިޝާމަނިކެ އެވެ. . . . . . . . . . . " (މުޙައްމަދު އަމީން (1944). ކަނޑުންފިރުކެމުން ވައިން އުދުހެމުން)

މި ޒަމާނުގެ ލިޔުންތެރިއަކު ދެ ޖިންސްގެ ދެ މީހެއްގެ މިފަދަ ގައިގޯޅިވުމެއްގެ ވާހަކައެއް ލިޔެފި ނަމަ އެ ޢިބާރާތެއްގެ "ބެރެކި ކަމުން" ލޯ ދިމާކޮށްލާން ވެސް ނުކެރޭނެ އެވެ. ނަމަވެސް މުޙައްމަދު އަމީނަކަށް މިއީ ހަމަ އެއްވެސް އުނދަގޫފުޅުކަމެއް ނޫނެވެ. އާދޭހެވެ! މޮޅު ޢިބާރާތަކީ މިއީ އެވެ. ރީތި ސިފަކުރުންތަކަކީ މިހިރީ އެވެ.
-----------
(ނިމުނީ)
މި ލިޔުން
    ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    އަލުން ބެލުން:       "
    ޝާއިޢުކުރުން:       "


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ