އަދުގެ ޚާއްސަ

Print

މުޙައްމަދު ބިން ޤާސިމް (1 ވަނަ ބައި): ނާހީދު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ފާރޫޤު ޙަސަން

                                            (17 ޖުލައި 2011 (އާދީއްތަ) އާ ގުޅޭ....)

އަންހެންކުއްޖާ ކުއްލިއަކަށް ކުރިޔަށް ޖެހިލައިފައި  އެއްއަތުން  އަހުގެ ތިރީ  ހިރުގަނޑުގައި ހިފަހައްޓައިފިއެވެ. ޒަޚަމްވެފައިއޮތް  މިނިކާ ޖަނަވާރެއްހެން ތެޅިތެޅި އޮތް އަހުގެ އަނގައިގައި އަނެއްއަތުން ލަގަން ހަރުކޮށްފިއެވެ. ކުޅިބަލަންތިބި  މީހުން ޙައިރާންވެ އަންތަރީސްވެފައި ތިއްބައި އަންހެންކުއްޖާ އަސް މޮހައިލައިފައި އޭގެ ބުރިކަށިމައްޗަށް ސަވާރުވެއްޖެ އެވެ. އަސް ރުޅިއައިސްގެން ދެތިންފަހަރަކު ފަހަތު ދެމޮށްގަޑުގެ  މައްޗަށް ތެދުވުމަށްފަހު  ފުމެލައިފައި  ދުވަމުން ގޯތިތެރެއިން  ބޭރަށް ނިކުމެއްޖެއެވެ.

 ޝައިޚު  އަބުދުއްޝަމްސު ފަޚުރުވެރިކަމާއެކު  ބުނެލިއެވެ. "ޢަރަބިކަރައިގެ އަސްތަކަކަށް ސަލްމާއަށް  ނުދުއްވޭވަރުގެ އަހެއް  ވިހެވިފައި ނެތެވެ. ކަލާ ޝަރުތުން  ބަލިވެވަޑައިގެންނެވީތީ އަޅުގަނޑު  ހިތާމަކުރަމެވެ. ނަމަވެސް  ހިތްހަމަޖައްސަވާށެވެ.
ކަލާއަށް އަހުގެ  ފުރިހަމަ  އަގު ލިބިވަޑައިގަންނަވާނެއެވެ. އަބުލްޙަސަން  ޖަވާބުދިނެވެ. " މިއީ  ޝަރުތެއް ނޫނެވެ. އިނާމެކެވެ. އިނާމަށް އަގެއް ނާތުލާނަމެވެ. އެކަހަލަ  ސަވާރަކު  ލިބުނު  އަހަކީ  ނަޞީބުވެރި އަހެކެވެ.
+ + + + + + + + +
       

ސަރަންދީބު  ރަސްގެފާނު އަސްތައް  ދެކެވަޑައިގަތުމުގެ  ކުރީންވެސް  ހުރިހައި  އަސްތަކެއް ބައްލަވައިގަންނަވަން  އޮތީ  ޤަސްދުކުރައްވައިފައެވެ. ޝާހީ ޚަޒާނާއިން  އަސްތަކަށް ދެއްވި  އަގަކީ  ޢަރަބީން  ހީވެސް  ނުކުރާހާ މަތީ އަގެކެވެ. ރަސްގެފާނު  ޢަރަބީންގެ  އައު  ދީނާއި އެބައިމީހުންގެ  ފުތޫހާތާ  ބެހޭގޮތުން  އަބުލްޙަސަނާ އެތައް ސުވާލުތަކެއް ކުރެއްވިއެވެ. ތަރުޖަމާނެއްގެ ވާޖިބު އަދާކުރެއްވީ ދިލިޕް ސިންގްއެވެ. އަބުލްހަސަން ހުރިހައި ސުވާލުތަކަކަށް ޖަވާބު ދިނުމަށްފަހު  އިސްލާމުދީންގެ  ހުރިހައި އުސޫލުތަކަކަށް އަލިއެޅުއްވިއެވެ. ރަސްގެފާނު އިސްލާމުދީނުގެ ވަރަށްގިނަ ރަނގަޅު ކަންތައްތަކަށް އިޢުތިރާފުވެވަޑައިގެންނެވިއެވެ. އެއަށްފަހު އަބުލްޙަސަނާ  ދެވަނަފަހަރަށް ބައްދަލުވެވަޑައިގަތުމަށް ވަޢުދު ކުރައްވައިފައި އޭނާ ފޮނުއްވައިލެއްވިއެވެ.
     
އަބުލްޙަސަން، އަބުދުއްޝަމުސުގެ  ގެއަށް އެނބުރި  އައިރުވެސް ސަލްމާ  އެނބުރި ގެއަކަށް ނާދެއެވެ. އަބުދުއްޝަމްސު އޭރުވީ މީހުން ކޮޅެއް ގޮވައިގެން  އޭނާ ހޯދަން ގޮހެވެ. އަބުލްޙަސަން މެންދުރުނަމާދު ކުރުމަށްފަހު ކަންބޮޑުވެގެން ގޭގެ ގޯތިތެރޭގައި ހިނގައިލަހިނގައިލައި ހުއްޓައި އެއްކަލަ ހުދުއަސް  ދުވެފައި އައިސް ގޯތިތެރެއަށް ވަދެއްޖެއެވެ. އަހުގެ ލަގަންވެސް ވަނީ ގެއްލިފައެވެ.
 
އަބުލްހަސަން އޭނާގެ އެކުވެރީންނާއި ދިމާޔަށް ބަލައިލައިފައި ބުންޏެވެ. އޭނާއަށް ވީގޮތެއް  ދެނެވޮޑިގެންވަނީ މާތްކަލާނގެ ރަސްކަންފުޅެވެ. މިއަހަކީ ނުކިޔަމަންތެރި އަހެއްކަން ކަށަވަރެވެ. ނަމަވެސް  މިއީ  ވެއްޓިފައިވާ ސަވާރަކު  ދޫކޮށްލައިފައި  އަންނާނެ އަހެއް ނޫނެވެ. އަހުގެ ފައިދޮށުވެފައި ވެސް ލަގަން ހަލާކުވެދާނެއެވެ. ނަމަވެސް  އަސްމަތީން ވެއްޓުމަކީ  އެކަށީގެންވާ ކަމެއް ނޫނެވެ. އަހަރެންވެސް އޭނާ  ފެނޭތޯ  ގޮސް ބަލާނަމެވެ."
 
ޝައިޚު ޢަބުދުއްޝަމްސުގެ  ޚާދިމަކުލައްވައި  އެހެން ލަގަނެއް ގެނުވައިގެން  އަބުލްޙަސަން  އަހުގައި އަޅުވައިފިއެވެ. އަސްދާނު ގޮނޑިއެއްނެތް  އަހުގެ  ބުރަކަށިމައްޗަށް ސަވާރުވެގެން  ގޯތިތެރެއިން  ނުކުމެފައި  އަސްދާނެގޮތަކަށް ދާން ދޫކޮށްލައިފިއެވެ. އަހުގެ ދުވެލީން  އެނގެނީ  އަސް އޮތީ  ވަރަށް ގިނައިރު ދުއްވައި ފައި ކަމެވެ. ޖަންގަލީގެ  ތެރެއިން  އެތައް ކޯހަކަށް  ދުވުމަށްފަހު  ފަރުބަދަގަނޑެއްގެ މައްޗަށް  އަރައި  ކޯރަކަށް  ފެންއޮހޭ  ތަނެއްގެ  ކައިރީގައި  އަސް ހުއްޓިއްޖެއެވެ. އެތާގައި އެއަށްވުރެ މައްޗަށް  އަރާނެ  އެއްވެސް  މަގެއް  ނެތެވެ. އިރުކޮޅެއް ވާނދެން  އެކި  ފަރާތްފަރާތް ބެލުމަށްފަހު  އަބުލްހަސަން އަސްމަތީން  ފައިބައިފިއެވެ. ގަހެއްގައި  އަސް ބަނދެލައިފައި  ސަލްމާއަށް  ގޮވާން ފަށައިފިއެވެ. އެތައް އިރެންވަންދެން ހޯދުމަށްފަހު  ވަރުބަލިވެގެން  ފެން އޮހޭތާނގެ ކައިރީގައި  ހިލަގަނޑެއްގެ  މަތީގައި އިށީދެއްޖެއެވެ. އިރުއޮއްސޭން  ކައިރިވާތީ  އަސްރުނަމާދު  ކުރުމަށްފަހު  ވަރަށް އުނދަގޫ  މަގަކުން  ލައިފައި  ފަރުބަދަމަތީން  އައި ކޯރުގެ  ފެންގަޑު ތިރިއަށް  ފައިބާ ތާނގެ ކައިރިޔަށް ހިނގައްޖެއެވެ.  ސަލްމާ ދެތިން ހަތަރު ގަޒުގެ  ދުރުގައި  ކޯރުގެ  އައްސޭރީގައި  ހުރި ގަހެއްގެ  ދޮށުގައި  އޮށޯވެ  އޮތެވެ. އަބުލްހަސަނަށް  ބަލައިލެވުނުއިރު  ތިނަހަތަރު ގަޒުގެ ދިގުމިން ހުރި، އަޒުދަހައެއް ގަސްތަކުގެ ތެރެއިން ނިކުމެގެން ސަލްމާއާ ދިމާއަށް ގޮސްގޮސް އޮތެވެ. އެސޮރު އިންސާނެއްގެ ކަނދުރާއަށްވުރެ ފަލައެވެ. އަބުލްހަސަން، ސަލްމާ!ސަލްމާ! އޭ ގޮވަމުން ދުއްވައިގަތެވެ. ސަލްމާގެ މުލައްދަނޑީގައި ހިފައި  ދަމައިފައި ތަންކޮޅެއް  ދުރަށް ގެންގޮސްފިއެވެ. ސަލްމާ މަޑުހަޅޭކަކާއެކު ލޯ ހުޅުވައިލިއެވެ. އަޒުދަހަ އޭތީގެ  ޝިކާރަ އަތްދަށުން ދާތަން  ފެނުމުން  ނޭފަތުން އަޑުގޮވައިފައި، ފުންމައިގަތެވެ. އެވަގުތުކޮޅުގެ ތެރޭގައި އަބުލްޙަސަނަށް އޭނާގެ ކަނޑި އުރައިނދަމައިގަނެވިޖޖެއެވެ. އަޒުދަހަ އޭނާއާ ވަރަށް ކާރިއަށް އައިސް ކަނދުރާ އުފުއްލައިލިއެވެ. އަބުލްހަސަން  އެއްފަރާތަކަށް ފުންމައިގެންފައި ކަނޑި އެތިފަހަރެއް ދޫކޮށްލިއެވެ. އަޒުދަހައިގެ ބޯ ބުރިވެގެން ވެއްޓިއްޖެއެވެ. އަބުލްޙަސަން ކޯރުގެ ފެންގަޑުން އޭނާގެ ކަނޑި  ދޮންނަމުން ބުންޏެވެ. " ކަލެޔަކީ  ވަރަށް  ބޮޑު މޮޔައަކީމުއެވެ. ނިދަން  އޮންނާން  މިއީ  ކޮންތަނެއް ހެއްޔެވެ؟"
 
ސަލްމާ  އަދިވެސް  އިނީ ބިރުން  ތުރުތުރު  އަޅައަޅާއެވެ. އޭނާބުންޏެވެ. "އަޅުގަނޑު  ވަރުބަލިވެގެން  މިތާނަގައި  އިށީނދެލީއެވެ. ތާއްޔާ ޖެހެމުން  ޖެހެމުން ގޮސް  އޮށޯވެވި  ނިދުނީ  ކޮން  އިރަކުކަމެއް  ނޭނގެއެވެ. އަޅުގަނޑު މިތަނަށް އެތަކެއްފަހަރު  އަތުވެއްޖައީމެވެ. ނަމަވެސް  މިކަހަލަ އަޒުދަހައެއް ނުދެކެމެވެ. ކަލާ ދުރުވިކަން  ހާދަ ރަނގަޅެވެ. އެހެން  ނޫންނަމަ  މި އަޒުދަހަ މިގޮތަށް ތެޅެމުގެ  ބަދަލުގައި ގެންދިޔައީހީ އަޅުގަނޑު ދިރުވަމުންނެވެ. ކަލާއަށް  މި ތަނަށް ދުރުވެވުނީ  ކިހިނަކުންތޯއެވެ؟"  "އަހަންނަށް  މިތަނަށް  އާދެވުނުގޮތް  ސަލްމާއަށް އެނގޭނެއެވެ. އިހަށް ނިކަން  ބުނެބަލާށެވެ! ސަލްމާ  މި ތަނަށް  އައިސްފައި  އަސް ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟"
      
ސަލްމާ ހީނލާފައި  ޖަވާބުދިނެވެ. "އަޅުގަނޑު  އަސް ދޫކޮށްލީ ކޮންއިރަކުތޯއެވެ؟ އަސް އަޅުގަނޑު  ވައްޓައިލައި ފިލީއެވެ."
      
އަބުލްޙާސަން ތަންކޮޅެއް ހަރުކަށިވެލައިފައި  ބުނެފި އެވެ. އަހަންނަށް ހީވާގޮތުގައި  ސަލްމާ  ތަރުބިއްޔަތު  ވެފައިވަނީ  ތަންކޮޅެއް އާދައިގެ  އުނި ވެއްޓެއްގައެވެ. އެހެންކަމުން  ސަލްމާގެ އަޚުލާގީ  ފެންވަރު  ހުންނަނީ ޖާހިލީ ޒަމާނުގެ ޢާރަބީންގެ ފެންވަރުގައެވެ. ނަމަވެސް  އެބައިމީހުންވެސް އެތައްހާސް ނުބައިކަމަކާއެކު ވެސް މެހުމާނުންނަށް ދޮގުހަދައި އުޅުމަކީ ވަރަށް ނުބައިކަމެއް ކަމުގައި ދެކެއެވެ. އެއަސް  ތަރުބިއްޔަތު ވެފައިވަނީ  އަހަރެންގެ އަސް ގުދަނުގައެވެ. އެއަހަކީ  ނުކިޔަމަންތެރި ބޮޑާ އަހެއްކަން ކަށަވަރެވެ. ނަމަވެސް އެއަސް ކެހިދޭކަށް ނުދަންނާނެއެވެ. ތެދަށް  ބުނެބަލާށެވެ. ސަލްމާގެ  އަތުން  އެއަހުގެ ލަގަނެއް ނުނަގަންހެއްޔެވެ؟ އެއަސް  ބިރުގަންނަވައި  ފައްސައެއް ނުލަންހެއްޔެވެ.؟
     
ސަލްމާ އިސްދަށަށް ޖަހައިލައިފައި ޖަވާބުދިނެވެ. "ކަލާ ނުޤަބޫލުވެ ނުލައްވާށެވެ. އަޅުގަނޑު  މީގެފަހުން  ދުވަހަކުވެސް  ދޮގެއް  ނަހަދަން  ވަޢުދުވަމެވެ. "
      
"ސަލްމާގެ  ކިބައިގައި  އަހަރެން ރަނަގަޅު ނޫން ކަމުގައި ދެކޭ  އެތައްކަމެއް  އެބަހުއްޓެވެ. އެއީ ކޮންމެ މުސްލިމަކުމެ ނުރަނގަޅު  ކަމުގައި ދެކޭނެ  ކަންކަމެވެ."
       
"ކަލާ އެދިލައްވާނަމަ  އަޅުގަންޑު މިހިރީ އަޅުގަނޑުގެ  ކިބައިގައި ހުރި  ހުރިހައި  ނުރަނގަޅު  އާދަތަކެއް  ބަދަލުކުރާން  ތައްޔާރަށެވެ. ކަލާގެ ރުހުން ހޯދުމަކީ  އަޅުގަނޑުގެ  ވާޖިބެކެވެ. ކަލާ މިއަދު  އަޅުގަނޑުގެ  ފުރާނަވެސް  ސަލާމަތް ކުރައްވައިފީމުއެވެ. "
      
"ސަލްމާ އަހަރެން  ރުއްސަން  އުޅުމުގެ ބޭނުމެއްނެތެވެ. އަހަރެން  ބޭނުންވަނީ  ސަލްމާ ހައްދަވައި  ބޮޑުކުރެއްވި ރަސްކަލާނގެ  ސަލްމާއާމެދު  ރުހިވޮޑިގަތުމެވެ. ސަލްމާ ރުހެންވީ  ހަމައެކަނި  އެކަލާނގެ ރުހިވޮޑިގެންވާ ކަންތަކެެވެ. އެކަލާނގެ  ރުހިވޮޑިގެންނުވާ  ހުރިހައި  ކަމަކާ  ސަލްމާ ވެސް  ހުންނަން ވާނީ  ނުރުހިއެވެ. އަންހެނުން ނިވާކަމެއްނެތް  ހެދުމުގައި  ފިރިހެނުންގެ  ކުރިމައްޗަށް  އައުމަކީ  އެކަލާނގެ  ރުހިވޮޑިގެންވާ  ކަމެއް ނޫނެވެ. "ކަލާ ބުނުއްވުމުން  އަޅުގަނޑު  ހެދުން  ބަދަލުކޮށްފީމެއް ނޫންތޯއެވެ؟ އަބުލް ހަސަން ބުންޏެވެ. "ހެދުން ބަދަލު ކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ހިތް ބަދަލުކުރުމެވެ. އެންމެ ރަނަގަޅެވެ. މިއީ ވާހަކަދައްކާން  ތިބެންވީ  ވަގުތެއް ނޫނެވެ.  އިރުއޮއްސެނީއެވެ. ސަލްމާގެ ބައްޕަ  ވަރަށް  ކަންބޮޑުވެލައްވާނެއެވެ. އަސް ގެއަށް އައުމުގެވެސް ކުރިން  އޭނާ  ސަލްމާ ހޯއްދަވާން  ނިމުންނަވައިފިއެވެ. "
       
ހަނދުވަރު ރީތި ރެއެކެވެ. އަބުލްހަސަނާއި ސަލްމާ ޖަންގަލި ހުރަސް ކުރަމުން  ގެންދެއެވެ. ސަލްމާ އިނީ އަސްމަތީގައެވެ. އަބުލްހަސަން  އަހުގެ  ލަގަނުގައި  ހިފައިގެން ކުރިމަތީގައި ހިނގަމުން އާދެއެވެ. ގެއަށް އައި މަގުމަތީގައި  އަބުލް ހަސަން ކަނޑުމަގުން  ކުރި ދަތުރާއި ، އޭނާގެ އާއިލާއާއި، އެކުވެރިންނާއި ބެހޭގޮތުން  ސަލްމާ ސުވާލިތައް ކުރިއެވެ. ނަމަވެސް ސަލްމާ ހީކުރާގޮތާ ޚިލާފަށް އަބުލްހަސަނުގެ  އަޅައިނުލުން ދިޔައީ އިތުރުވަމުންނެވެ. ސަލްމީ އިނީ ކަންބޮޑުވެފައެވެ. ދެރަވެފައެވެ. އެންމެ ފަހުން އޭނާ ބުންޏެވެ. ކަލާއަށް  އަޅުގަނޑުގެ ސަބަބުން  ވަރަށްބޮޑަށް  އުނދަގޫ އުފުއްލަވާން ޖެހިލައްވައިފި އެވެ. އަޅުގަނޑަށް އެކަމާ ވަރަށް ބޮޑަށް މަޢާފު އެދެމެވެ.  ކަލާ  ބޭނުންވެ ލައްވާނާމަ  އަޅުގަނޑަށް އަދަބު ދެއްވާށެވެ.  ނަމަވެސް އަޅުގަނޑުދެކެ ނުޤަބޫލުވެ ނުލައްވާށެވެ. މިއީ އަޅުގަނޑަށް  ކުރެވުނު ކުށެކެވެ. އަޅުގަނޑު ދާންވާނީ ފައިމަގުގައި  ހިންގައިފައެވެ. އަޅުގަންޑު އަސްމަތީން މި ފައިބަނީއެވެ. ކަލާ އަހަށް އަރުއްވާށެވެ!"
       
މިފަހަރުވެސް ސަލްމާ ހީކުރިގޮތާ މުޅިން ޚިލާފަށް އަބުލްހަސަން ވަރަށް ފަރުވާކުޑަ ގޮތަކަށް ޖަވާބުދިނެވެ. "ސަލްމާއަކީ އަންހެނަކަށްވެފައި ކޮންމެވެސް ޖަންގަލީގެ  ޖަނަވާރެއް ކަލޭ  ކައިލައިފާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދިފައި ނުވާނަމަ  އަހަރެން  ޔަޤީނުންވެސް  މިކަހަލަ  ވަގުތަކު  ސަލްމާއެކުގައި ނުދިޔައީމުހެވެ."
          
ހަނގުރާމަޔަކުން ދެރަވެފައިވާ މީހަކު ފަދައިން ސަލްމާ އިރުކޮޅަކު ހިމޭނުން އިނދެފައި ބުންޏެވެ. "އެއަޒުދަހަ އަޅުގަނޑު  ދިރުވައިލިނަމަ  އެކަމާ ކަލާ ހިތާމަކުރައްވާނުތޯ އެވެ؟
          
"ހަމައެކަނި ސަލްމާއެއް ނޫނެވެ. އަހަރެންގެ ކުރިމަތީގައި  އޭތި  އެހެންމީހަކު  މަރައިލިކަމުގައިވިޔަސް  އަހަރެން  ހިތާމަ ކުރީމުހެވެ."
      
"ކަލާ އަޅުގަނޑަށްޓަކައި  ކަލާގެ  ފުރާނަ  ނުރައްކަލުގެ  ތެރެއަށް  ވައްޓާއިލެއްވީ  ކީއްވެތޯއެވެ؟"
      
"އިންސާނެއްގެ  ފުރާނަ ސަލާމަތްކުރުމަކީ  މުސްލިމެއްގެ ވާޖިބެކެވެ."
       
ސަލްމާ ވަރަށް ގިނައިރު  ވާންދެން  އިތުރު އެއްޗެކޭ ނުބުނެ  ހިމޭނުން އިނެވެ. ދުރުން  އަސްތަކެއްގެ  ފިޔަވަޅުގެ  އަޑުއިވޭން ފެށުމުން  އަބުލްހަސަން ބުނެފިއެވެ. "ނިކަން  ވިސްނައިބަލާށެވެ. އެމީހުން އަދިވެސް ސަލްމާ ހޯދަނީއެވެ. "
       
ކުޑައިރުކޮޅެއްގެ  ތެރޭގައި  އަބުދުއްޝަމްސާއި  އޭނާގެ އެކުވެރީން އެހިސާބަށް  އަތުވެއްޖެއެވެ. ދަރިފުޅު ސަލާމަތުން  އިނދައި ފެނުމުން  އަބުދުއްޝަމްސު  ޙާދިސާގެ  ތަފްސީލު ހޯދާކަށް  ނޫޅުނެވެ. ސަލްމާގެ  ފަރާތުން  އަޒުދަހައިގެ  ވާހަކައިވުމުން  އޭނާ އަބުލްޙަސަނަށް ޝުކުރުއަދާކުރިއެވެ.
+ + + + + + + +

އެރޭގެ ފަތިހު ޢަބްދުއްޝަމްސް އޭނާގެ ގޭގެ މަތީބުރީގެ ބަރެންޑާގައި ދެބަދޭތެރެ ކަހަލަ ގޮތަކަށް އޮއްވައި ބަންގީގެ ހިތްގައިމު އަޑު އިވޭން ފެށި އެވެ. އިރުކޮޅަކު މޯޅިޔަކަށް ދެމިލައިފައި އޭނާ ލޯ ހުޅުވައިލި އެވެ. ސަލްމާ އަދިވެސް އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. ޢަބްދުއްޝަމްސް އޭނާއަށް ގޮވައި ހޭލައްވައިފައި ފަތިހުގެ ވައި ޖައްސައިލުމުގެ ޤަޞްދުގައި ތިރިއަށް ފައިބައިފިއެވެ.

އަބުލްޙަސަނުގެ އެކުވެރީން ޝަބުނަމުން ތެމިފައިވާ ވިނަގަނޑުމަތީގައި ޗާދަރުތައް ފަތުރައިގެން އޭނާގެ ފަހަތުގައި ސަފަކަށް ކޮޅަށް ތިއްބެވެ. އަބުލްޙަސަން ނުހަނު ރީތި އަޑަކުން ސޫރަތުލްފާތިޙާ ކިޔެވުމަށް ފަހު އަނެއްކާވެސް ދެތިން އާޔަތެއް ކިޔަވައިފި އެވެ. ކީރިތި ޤުރުއާނުގެ މޫރިތި ލަފުޒުތައް ޢަބްދުއްޝަމްސްގެ ހިތުގައި ޚިޔާލުގެ ރާޅުބާނީތަކެއް އުފައްދައިލި އެވެ. އޭނާގެ އަވަށްޓެރީން ކަމުގައި ހިމެނޭ ޢަރަބީންގެ އެހެން މީހުންތައްވެސް އައިސް އޭނޭގެ ކައިރިއަށް އެއްވެއްޖެ އެވެ. އެބައިމީހުން އެބައިމީހުންގެ ޤައުމުގެ ޒުވާޏުން އަޅުކަންކުރާ އައު ގޮތް ޝައުޤުވެރިކަމާއެކު ބަލަނީއެވެ. ރުކޫޢާއި ސުޖޫދަށް ފަހު ދެވަނަ ރަކުޢަތަށް ފެށުނު އިރު ޢަބްދުއްޝަމްސް އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުވެއްޖެ އެވެ. އޭނާ މަޑުމަޑުން ފިޔަވަޅު އަޅަމުން، ނަމާދުކުރާން ތިބި މީހުންގެ ގާތަށް ހިނގައްޖެ އެވެ. ޖެހިލުންވެފައި އިރުކޮޅަކު ހުރުމަށްފަހު ޖަޒުބާތެއްގެ އޮއިވަރުގައި ދުވެފައި ގޮސް ސަފުގައި ހުއްޓިއްޖެ އެވެ. އޭނާގެ އެކުވެރީން ވެސް އޭނާއާ ތަބާވި އެވެ. ނަމާދުކޮށް ނިމުމަށްފަހު އަބުލްޙަސަން ތެދުވެ ޢަބްދުއްޝަމްސާ ކަރާއި ކަރުޖައްސައި ސަލާމްކުރިއެވެ. ޢަބްދުއްޝަމްސްގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ވިދަވިދައި ހުއްޓެވެ. ޢަބުލްޙަސަނާއި އޭނާގެ އެކުވެރީން ޢަބްދުއްޝަމްސަށް މުބާރިކުބާރު އަދާކުރިއެވެ. ޢަބްދުއްޝަމްސް ބުންޏެވެ. "ކަލާގެ ދުލުގައި ވަނީ ސިޙުރެކެވެ. ކަލާ ތިޔަ ވިދާޅުވި އާޔަތްތައް އަދިވެސް އަޅުގަނޑަށް އިއްވަވައިދެއްވާށެވެ!"

އަބުލްޙަސަން ޖަވާބު ދިނެވެ. "މިއީ އަޅުގަނޑުގެ އަޑެއް ނޫނެވެ. ﷲ ގެ ކަލާމްފުޅެވެ."

ޢަބްދުއްޝަމްސް ބުންޏެވެ. " އެއްވެސް ޝައްކެއް ނެތެވެ. މިއީ އިންސާނެއްގެ ވާހަަކައަކަށް ނުވާނެެ އެވެ. އަޅުގަނޑަށް އިތުރަށް އިއްވަވައިދެއްވާށެވެ!"
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:
         ޓައިޕްކުރުން:   ޢާއިޝަތު ރުޝްދީ/ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
         އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
         ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ