އަދުގެ ޚާއްސަ

Print

ނުބައި ނަންބަރެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ޝާހީން, ބޮކަރުމާގެ ، އދ. ކުނބުރުދޫ

ސައިކަލަށް އަރައި އިސްޓާޓުކޮށްލުމާއެކު ކުއްލި ލަތްކަކާއެކު ސައިކަލު ބާރު ސްޕީޑްގައި ދުއްވައިލީމެވެ. ފަހަތުގައި އިން އެކުވެރިޔާއަށް ލިބުނު ސިހުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އުފަލަކަށެވެ. ހިތްހަމަޖެހުމަށެވެ. ހިނިގަނޑެއް ޖަހާލީމެވެ. ފުލުފުލުން އީނާޒު އާއި ކަމާލް ފަހަތުގައި ދެއެކުވެރިން ލައިގެން ސައިކަލުގައި ނައްޓައިލިއެވެ. އަހަރެމެންގެ މިސްރާބުހުރީ ޑައިނަމޯއާ ދިމާއަށެވެ. ތަނަކަށް ދާން ލަސްވެގެން ދާ ބަޔެއްފަދައިން އަހަރެމެން ސައިކަލް ދުއްވަމުން ދިޔައީ އިންތިހާދަރަޖައަށް ބާރު އިސްޕީޑެއްގައެވެ.
        
މިއީ އަހަރެން ކޮން ބޭނުމަކު ކީއްކުރަން ކުރާހާ ކަމެއް ހެއްޔެވެ؟ ބޭނުމެއްނެތް ގޮތުގައި ބާރު އިސްޕީޑުގައި ސައިކަލު ދުއްވުމެވެ. އެކުވެރިންނާއެކު ނަން މަޝްހޫރު ހޮޓާ، ރެސްޓޯރެންޓްތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޚާޠަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯނު ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. މިއީ އޭރު އަހަރެންގެ ހިތަށް އެރި ސުވާލުތަކެއް ނޫނެކެވެ. ވިސްނި ކަންތައްތަކެއް ވެސް ނޫނެވެ. އެރޭގެ އެވަގުތުގައި ވެސް އަހަރެން ވިސްނުމަށް އައި ކަންތައްތަކެއް ވެސް ނޫނެކެވެ.
        
އެކުވެރިންތަކާއެކު ޑައިނަމޯގެ ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ފޫދުއްވައިލައި ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކުރަން ފަށައިފީމެވެ. އެހެން މީހުންނަށް ވާނޭ އުނދަގުލަކަށް ބެލުމެއްނެތި އެވެ. ހަމަހިމޭންކަމަކީ އަހަރެން ފޫހިވާ ކަމެވެ. މަޑުމައިތިރިކަމަކީ އަހަރެން ނުރުހޭ ސިފައެކެވެ. ސަކަރާތްޖެހުމާއި މަޖާކުރުން ނޫންކަމެއް އަހަރެންގެ ދިރިއުޅުމުގައެއް ނުވެއެވެ. މިހުރިހާ ކަމެއް ވެސް އަހަރެން ކުރަމުންއައީ ރައްޓެހިންނަށްޓަކައެވެ. ރައްޓެހިންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. އެމީހުންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ކެރޭ މީހަކަށް ވުމަށްޓަކައެވެ.
        
ކެއުމަށް އިންސާފުކުރަމުން އަހަރެމެން ދައްކަމުންދިޔަ ވާހަކައަށް ހަމަހިމޭންކަން ވެރިކުރުވީ އަހަރެންގެ ފޯނެވެ. "ތިދެން ކިހާބޮޑު އުނދަގުލެއް... ތިފޯނު ސައިލެންޓަށް ލާފަ ބާއްވަބަލަ..." އަހަރެންނަށް ފޯނު ޖީބުން ނުނެގިގެން އުޅެނިކޮށް އެކުވެރިންގެ ޝަކުވާތައް އޮހެން ފެށިއެވެ. "ބިޓުންގެ ކޯލް މާ ގިނައިން އަންނަ މީހެއްކަމަށް ދެއްކެން ވެގެން އުޅޭގޮތޭ". އާކަމެއް ނޫންކަމުން އެމީހުންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ އަހަރެން ފޯނުނަގައި ސްކްރީނަށް ބަލައިލީމެވެ. "ނުދަންނަ ނަންބަރެއް" އަހަރެންނަށް ބުނެލެވުނެވެ.
        
"އޭ. ކޮއްކޯ ކޮންތާކުތަ؟... އަވަހަށް .. އަވަހަށް އާދޭ.. ވަރަށް ސީރިއަސް " ފޯނުނަގައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އިވުނީ ހާސްކަމުން ފުރިގެންވާ އަޑެކެވެ. ރައްޓެހިންގެ ތެރޭގައި ހޭދަކުރަމުންއައި މަޖާ ވަގުތުގެ ގޮތުން އަހަރެންނަށް އެމީހާގެ އަޑުގައިހުރި ނާއަވަސްކަމާއި، ހާސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކާމެދު ވިސްނައިލާނެހާ ބާރެއް ނުލިބުނެވެ. " އާނ... މިދަނީ". އިސްޕީކަރު އޮންކޮށްފައިވާ އަހަރެންގެ މޯބައިލް ފޯނުން އިވުނުއަޑަށް ޖަވާބުދާރީވާނޭ ގޮތެއްގެ އިންތިޒާރުގައި ތިބި އަހަރެންގެ ރައްޓެހިންގެ ކުރިމަތީގައި، ނުފޫޒުހުރި މީހަކަށްވުމަށް އަހަރެން އެމީހާއަށް އިތުރު އޮޅުމެއް ނާރާނޭ، ފަދައިން ރަނގަޅަށް އޮޅުވައިލީމެވެ. ފޯނުކުރި މީހާ ފޯނު ކަނޑައިލުމާއެކު އިވިގެންދިޔައީ ނުލަފާ ވައްތަރަށް ރައްޓެހިންތައް އެއްފަހަރާ ހީނގަތް އަޑެވެ. އަހަރެން އެމީހުންނާ ބައިވެރިވީމެވެ.
         
ކެއުމަށް އިންސާފުކުރަމުން މަޖަލުގައި ވަގުތުތައް ހޭދަކުރުމަށްފަހު އަހަރެމެން އެތަނުން ނުކުތީ، ދާނޭ ވަކި މަންޒިލެއް އޮވެގެނެއް ނޫނެކެވެ. ވަކި މަންޒިލެއް ކަނޑައަޅައިގެނެއް ވެސް ނޫނެކެވެ. އަހަރެން އަތުގައިވާ ގަޑިއަށް ބަލައިލީމެވެ. އެއަށްފަހު ސައިކަލަށް އަރައި އިސްޓާޓުކޮށްލުމާއެކު، އަހަރެންގެ ސައިކަލް ފަހަތުގައިއައި ވިލްދާން ސައިކަލަށް އެރިއެވެ. "ކޮންތާކަށްދާނަމޭ ހިތައިތަ ތި އެރީ ؟" ލާނެތް ފާޑަކަށް އަހަރެންގެ ސުވާލު އޭނަޔާ އަމާޒުކުރީމެވެ. 

" ކިހިނެއްވީ؟ ". ހައިރާންކަމާއެކު ވިލްދާންވެސް ކުރީ ސުވާލެކެވެ.

"މަ ދެންދާނީ ގެއަށް. މިރޭ މިހާރު އެބަ ބޮލުގައި ވަރަށްބޮޑަށް ރިއްސާ.. ނެތް އިތުރުތާކަށް ދާން މޫޑެއް.. އެހެންވެ. ކަލޭ ރައްޓެހި ގޮލަޔަކަށް ގުޅައިގެން ނައްޓާލާ." އޭނާކުރި ސުވާލަށް އަހަރެންނަށް ދެވުނު ޖަވާބު ކިތަންމެ ރަނގަޅަކަށް ވެސް ފުދިއްޖެކަން އެނގުނެވެ. އިތުރު އެއްޗެކޭނުބުނެ ސައިކަލުން އޭނާ ފޭބިއެވެ. ހިތްހަމަ ނުޖެހިފައިކަން އެނގޭތީވެ އިތުރަށް އެހެން މީހެއްގެ މޫނަށް ބެލުމަކާނުލައި، އެއްޗެކޭވެސް ނުބުނެ އަހަރެން ސައިކަލް ދުއްވައިލީމެވެ.
        
ގެއާ ހިސާބަށް ނުދެވިގެން އުޅެނިކޮށް އަނެއްކާ ވެސް މަގުގެ އެއް ފަރާތަށް ސައިކަލް މަޑުކޮށްލަން ޖެހިއްޖެ އެވެ. ފޫހިކަމާއި ހިތްހަމަނުޖެހުމާއެކު ވައިބްރޭޓް ވޭވޭ އޮތް ފޯން ޖީބުން ނެގީމެވެ. އަޖައިބެކެވެ. އަހަރެން ހަނދާނުގައި ވެސް މި ފޯން ރިންގް އޮފް ވެފައި އޮތް މިއީ ފުރަތަމަ ފަހަރެވެ. ފޯނު ސްކްރީނުން ފެންނަނީ ނުދަންނަ ނަންބަރެކެވެ. ނޫނެކެވެ. ގުޅަނީ ކާކުކަން ނޭނގުނަސް ނަންބަރު އެނގިއްޖެއެވެ. އަދި މައްސަލައަކީ "ތިޔަ ގުޅިގެން އުޅެނީ ނުބައި ނަންބަރަކަށޭ" އެމީހާއަށް ކުރިން ބުނެ ނުދެވުންކަން ވެސް ވިސްނިއްޖެ އެވެ. އެމީހަކު ގުޅަން އުޅުނު ނަންބަރުނޫން ނަންބަރަކަށް ތަކުރާރުކޮށް ގުޅިފައިހުރިކަން ވިސްނުމަށް އައުމާއެކު ލާނެތް ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިކުރުވިއެވެ. ވިސްނުމަށް އިބިލީސް ސަވާރުވެއްޖެއެވެ.

" މިދަނީއޭ ". ފޯނުނެގިގޮތަށް އަހަރެން ޖަވާބު ދިނީމެވެ. ޖަވާބުގައި ވަރަށް އާދޭހާއެކު އަވަހަށް އަންނާށޭ ބުނެފުއްދައިލިއެވެ. އެއަޑުގައި އެކުލެވިގެންވީ ރިހުމާ ކެކުޅުމުގެ އަސަރު އަހަރެންގެ ކަންފަތަށް އެވަގުތު ނަގައިނުގަނެވުނީ ކީއްވެ ހެއްޔެވެ؟
        
ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައިތިބި އަހަރެންގެ މަންމައާ ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ.. ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިޔަ އަންނަނީ. އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ.

" މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން " ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބުކުޑަ ޖަވާބެވެ.

" އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ!" އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލައި ކޮޓަރިއަށްގޮސް އެދުގައި ޖައްސާލީމެވެ.

އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މިފަހަރު އަހަރެން ގާތަށް ރުޅިއަހިސްފިއެވެ. "ކިހިނެއްތަ ވެގެން ތިއުޅެނީ؟" ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެ މީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް" ރުއިމާ ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާޙުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޙްތިޔާރުގައި އަހަރެންނަށް ފޯނު ކަނޑާލެވުނެވެ.

އަހަރެން މުޅިން ހާސްވެއްޖެއެވެ. ނުތަނަވަސް ވެއްޖެއެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟
------------
(ނުނިމޭ)

މި ލިޔުން:
         ފޮނުވުން:    އަލްފާޟިލް މުޙައްމަދު ޝާހީން, ބޮކަރުމާގެ ، އދ. ކުނބުރުދޫ
         އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
         ޝާއިޢުކުރުން: ޢަބްދުލްޢަޒީޒަު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ