އަދުގެ ޚާއްސަ

Print

އިއްޔެ ހިނގައްޖެއެވެ. މިއަދު މި ދަނީއެވެ. މާދަމާ. . . . ؟؟؟؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

އަމިއްލަ ނަފުސް އަމިއްލައަށް އިންޞާފުކުރުމަކީ (ޖަޖްކުރުމަކީ) ކުރަންޖެހޭކަމެކެވެ. ކޮންމެ މީހެއްގެ މައްޗަށްވެސް އޮތްކަމެކެވެ. އެމީހެއްގެ ހަޔާތުގެ ދަތުރުގެ ދިގު-ކުރުމިން ބުނާކަށް އެކަކަށް ވެސް ނޭނގޭނެއެވެ. ތިބާ މާދަމާއަށްޓަކައި ކިތަންމެ ބޮޑު ކަންތައްތަކެއް ރޭވިނަމަވެސް އެކަންތައްތަށް ދުށުމުގެ ނަސީބު ތިބާއަށް ނުލިބިދާނެއެވެ. ޙަަޔާތުގެ ދަތުރުގައި ކިތަންމެ މޮޅު ޕްލޭނުތަކެއް ކުރިނަމަވެސް އެކަން ޙާޞިލް ނުވެދާނެއެވެ. އަދި އެ ދުވަސް ނުފެނިދާނެއެވެ. މާދަމާއަކީ ތިމާއަށް އޮތް ދުވަހެއް ނޫނެވެ. އެކަން ޤަބޫލުކުރާން އެބަޖެހެއެވެ.

މިއީ ދޮގެއްތޯއެވެ؟ ހަޔާތުގެ ދަތުރުގައި މާދަމާ ކުރަން ރާވާ ކިތައް ކަންތައް ދުށުމުގެ ނަސީބު ނުލިބި ކިތައް މީހުން އަޅުގަނޑުމެންނާ ވަކިވެގެން ހިނގައްޖެ ތޯއެވެ! މޮޅެތި ފާސްތަކާއި، މަތީ ތަޢުލީމަށްފަހު ތިމާއަށް އެނބުރި އައިސް ތިމާގެ އަހުލުންނަށް، އަދި ތިމާއަށް ވެސް އެއިން އެއްވެސް ބޭނުމެއް ނުކުރެވި އުޅެނިކޮށް އަބަދަށްޓަކައި ވަކިވެގެންދަނީ ކިތައް މީހުންތޯއެވެ! ހަޔާތުގެ އެންމެ އުފާވެރިދުވަސްތައް ގިރާކުރުމަށްޓަކައި އެންމެ ލޯބިވާ މީހާއާ ކައިވެރި ކުރުމަށްފަހު، އަލަތު ކައިވެނީގެ އުފާނުލިބި އަބަދަށްޓަކައި އަޅުގަނޑުމެންނާ ވަކިވެގެންދަނީ ކިތައް މިތުރުން ތޯއެވެ! ހަޤީޤީ ދަތުރުވެރިން އެމީހުންގެ ދަތުރަށް ފުރަނީ އެބުރި އާދެވޭނެ ކަމުގެ އުންމީދަކުނޫނެވެ. އަޅުގަނޑުމެންވެސް އެކަން ޤަބޫލުކުރާން އެބަޖެހެއެވެ.

ހަމަޖެހިލުމަށްފަހު އަމިއްލަ ނަފުސާމެދު ވިސްނައިލަބައްލަވާށެވެ! ތިމާގެ ހަޔާތުން ފާއިތުވި ދުވަސްތަކުގައި ކިތައް 'މިސްޓޭކް' ހެދިފައިވޭތޯއެވެ؟ އެއީ ފާއިތުވެ ގޮސްފައިވާ ދުވަސްތަކެކެވެ. މިއަދު އެ ކަންކަން ނައްތައިލުމަށްޓަކައި ޓިޕެކްސް ޖެހިދާނެތޯއެވެ؟ ނުވަތަ ފޮހެލިވިދާނެތޯއެވެ؟ ނުވަތަ ނުކުރާކަމަކަށް އެކަން ހެދިދާނެތޯއެވެ؟ ނޫންނަމަ އަލުން އެކަން އިޢާދަކުރެވިދާނެ ބާއެވެ. މިއީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. ވަގުތު ފާއިތުވުމުން އެކަމެއް އަލުން އަބުރައެއް ނުގެނެވޭނެއެވެ. ހަޔާތަކީވެސް އެފަދަ އެއްޗެކެވެ.

ތިބާގެ ދިރިއުޅުމުގައި މިއަދާ ހަމައަށް އާދެވިއްޖެއެވެ. އެހެންނަމަވެސް މާދަމާ ވާނެ ގޮތެއް ތިބާއަކަށް ނޭނގޭނެއެވެ. އަމިއްލަ ނަފުސަކީ ހުސްކަރުދަސް ކަނޑެއް ކަމަށް ބަލައި، ތިބާގެ ދުވަސް ފަށައިބަލާށެވެ. އެދުވަސް ނިމޭއިރު އެއިން ފެންނާނީ ކޮން ކުލައެއްކަމެއް ނުވަތަ ކޮން މަންޒަރެއްކަމެއް ކުރިން ބުނާކަށް ނޭނގޭނެއެވެ. އަދި އޭގައި ކުރަހާނީ ކޮން މަންޒަރެއްކަމެއް ބުނެއެއްވެސް  ނުދެވޭނެއެވެ. އެހެންނަމަވެސް ދުވަސް ނިމެން ދާއިރު އެދުވަހުގެ މަންޒަރުވާނީ ކޮންމެވެސް ގޮތަކަށް ކުރެހިފައެވެ. އޭރު ތިބާއަށް އެކުރެހުމަށް އުނިއިތުރު ގެނައުމުގެ ފުރުސަތު އެބައޮތެވެ. އެޑިޓްކުރުމުގެ ފުރުސަތު ލިބެއެވެ. އެހެންނަމަވެސް ވަގުތު ފަސްދިނުމުން އެފުރުސަތު ބަންދުވީއެވެ. މިއީ ހަޔާތުން ދަސްކޮށްދިން ފިލާވަޅުތަކެވެ.

ހަޔާތުގެ ދަތުރަކީ އެފަދަ އެއްޗެކެވެ. ތިބާގެ އުމުރަކީ ދިގުއެއްޗެއްކަމަށް ދެކެފިނަމަ، ހެދޭ ގޯސްތައް އިތުރުވެގެންދާނެއެވެ. ކުރެވޭ ކުއްތައް ގިނަވާނެއެވެ. އެހެންނަމަވެސް ދަތުރުވެރިއަކު، މަންޒިލެއްގައި މަޑުކޮށްލާ ބީދައިން ނަފުސާމެދު ވިސްނާނަމަ، އެއީ ވަރަށް ކުރު އެއްޗެކެވެ. މާދަމާއަކަށް އިންތިޒާރެއް އެކަކުވެސް ނުކުރާނެއެވެ.

އެކުވެރިންނާއި، އާއިލާއާއި، މިތުރުންގެ ހުވަފެންތަކާއެކު، ކުރަންފަށާ، އެތައްކަމެއް، އޭގެ ނިމުމަށް ނުދަނީސް ތިބާ ވަކިވުމަކީ ވެދާނެ ކަމެކެވެ. އަމިއްލަ ހަޔާތުގައި އަނބިދަރިންގެ ހައްގުގައި ކިހާ ރޭވުންތަކެއް ރާވައިތޯއެވެ. ފައިސާ އެއްކޮށް، ހަޔާތުގެ ކުރިމަގު ކާމިޔާބުކުރުމަށްޓަކައި، މަސައްކަތްތައް ފަަށައިނޫންތޯއެވެ. އެހެންނަމަވެސް އެކަންތައްތައް ދޫކޮށްލުމަށްފަހު، ވަގުތު އައުމުން ދާން ނުޖެހޭ ތޯއެވެ. ނުވަތަ ފަސްކޮށްލުމުގެ ފުރުސަތު ލިބޭތޯއެވެ. އެއްކަމެއްވެސް އެފުރުސަތެއް ނުވެއެވެ. ކުރެވޭނެ ކަމެއްވެސް ބުނެވޭނެ ބަހެއްވެސް ހޯދޭނެ ފުރުސަތެއްވެސް ނޯވެއެވެ. ބަލައި އައުމުން ޖެހެނީ ދާށެވެ.

އެހެންކަމުން ހަޔާތުގެ މި ކުރު ދުވަސްތައް، ކުރުކަމުގައި ދެކޭށެވެ. މާދަމާ ތިބާއަށް އަންނާނެކަމަށް ނުދެކޭށެވެ. އިއްޔެ ފާއިތުވެއްޖެ އެވެ. މިއަދު ތިބާ ގުނަމުން ތިޔަ ގެންދަނީއެވެ. މާދަމާ ލިބޭނެކަމުގެ ޔަޤީންކަމެއް ނެތެވެ. އެހެންކަމުން ތިބާގެ ހަޔާތުގެ ދަތުރުގައި އަބަދު ވެސް ހުންނަންވީ ތަންމަތި ބަނދެގެނެވެ. ފުރަން ތައްޔާރަށެވެ. އެ ދަތުގެ ދިގުމިނެއް ނުވަތަ ކުރުމިނެއް ބުނެއެއް ނުދެވޭނެއެވެ. އެހެންކަމުން ދަތުރަށް ބޭނުންވާނެ "ކާނާ"އާއި "އަންނައުނު" ފޮއްޓަށް އަޅަން އެބަޖެއެވެ. އެއީ ތިމާގެ ޢަމަލެވެ. އެނޫން އެއްޗެއް ނެތެވެ.

އެކަން ކިރައި ވަޒަންކުރުމަށް ކޮންމެ ދުވަހެއް ތިބާއާ ބައްދަލުކުރުން އެކަނިވެސް ފުދެއެވެ. އެދުވަހެއްގެ "ވިކުރާ"ގެ ނަތީޖާ އެދުވަހަކު ބަލާށެވެ. އޭރުން ދަތުރު އެރެހެއްޓުމަށް އަންނަ އެންމެން ރުއިނަމަވެސް ތިބާ ހޭނެއެވެ. އުފާވާނެއެވެ.
-------------------
(ނިމުނީ)

މި މަޒުމޫނު
    ފޮނުވުން:   އަލްފާޟިލް ޙަސަން ޒަހީން
    އަލުން ބެލުން:ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ