އަދުގެ ޚާއްސަ

Print

މިޞްރުގެ މުފުތީ: އަންހެން ކުދިން ޚިތާނުކުރުމަކީ ޙަރާމް ކަމެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

2007 ވަނަ އަހަރުގެ މެދުތެރޭގައި، މިޞްރުގެ އަންހެން ކުއްޖަކު، ޚިތާނުކުރުމުން މަރުވިއެވެ.

އެކަމާ ވިދިގެން ދީނީ ފަތުވާއަކަށް މީސްތަކުން ބޭނުންވި ހިނދު، އެއީ ޙަރާމްކަމެއް ކަމަށް، މިޞްރުގެ މުފުތީ، ޢަލީ ޖުމްޢާ ފަތުވާ ދެއްވިއެވެ. އައްޝަރުޤުލް އައުސަޠުން ހާމަކޮށްފައިވާ ގޮތުގައި، މިޞްރުގެ މުފުތީ، މިފަތުވާ ނެރުއްވާފައިވަނީ، ވަރަށް ހަރުކަށި ޢިބާރާތުން އެކަމާ އިންކާރުކުރައްވާކަން ހާމަކުރައްވަމުންނެވެ. މުފުތީ ވިދާޅުވެފައި ވެއެވެ. "މިހާރު މިޞްރުގައި މިކުރާ ގެއްލުންހުރި ޚިތާނުކުރުމަކީ، ޙަރާމްކަމެކެވެ."

އަންހެން ކުދިން ޚިތާނު ކުރުމަކީ، ޙަރާމްކަމެއް ކަމުގައި ވިދާޅުވި ފުރަތަމަ ޢިލްމުވެރިޔަކީ، މިޞްރުގެ މުފުތީއެއް ނޫނެވެ. އޭނާއަށްވުރެ ކުރިން އެހެން ޢިލްމުވެރިން ވެސް ވަނީ، އެގޮތަށް ވިދާޅުވެފައެވެ. އޭގެތެރެއިން އެއް ބޭކަލަކީ، ޝައިޚުލް އަޒުހަރު، ފަޟީލަތުލް އިމާމުލް އަކުބަރު އައްޝައިޚު އައްދަކުތޫރު މުޙައްމަދު ސައްޔިދު ޠަންޠާޥީ އެވެ. އޭނާ ވިދާޅުވެފައިވަނީ، އަންހެން ކުދިން ޚިތާނުކުރުމަކީ، އިސްލާމީ އާދައެއް ނޫން ކަމަށެވެ.

އަންހެން ކުދިން ޚިތާނުކުރުމަކީ، ހުރިހައި އިސްލާމީ މުޖުތަމަޢެއްގައި ކުރާ ކަމެއް ނޫނެވެ. މިސާލަކަށް، ސަޢޫދީ ޢަރަބިއްޔާގައި ވެސް އެކަން ނުކުރެއެވެ. ޢަރަބި ޤައުމުތަކުގެ ތެރެއިން އަންހެން ކުދިން ޚިތާނުކުރުމުގެ އާދަ ފެތުރިފައިވަނީ، މިޞްރާއި ސޫދާނުގައެވެ.

އަންހެން ކުދިން ޚިތާނު ކުރުމަކީ، މިޞްރުގެ ޤާނޫނުގައި މާނާކޮށްފައިވާ ކަމެކެވެ. އެކަމަކީ، ޞިއްޙީ ގޮތުންނާއި ޖިންސީ ގޮތުން ގެއްލުން ހުރި ކަމެއް ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ