އަދުގެ ޚާއްސަ

Print

ފަލަކީ ގޮތުން ފިޠުރު ޢީދާމެދު ނަޒަރެއް - 1441ހ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ހަނދު ބެލުމުގެ ބޯދާ އާދަ، އަދު އުވިގެން ގޮސްފައި ވިޔަސް، ރޯދަ އާއި އީދަށް ހަނދު ބަލާ ދުވަހު އެ ވާހަކަ އިވެއެވެ. އަދު ކަން ކުރާ ގޮތް ތަފާތުވިޔަސް މެއެވެ. ޒަމާން ބަދަލުވެ ޢިލްމީ ކުރިއެރުން އައި ފަހުން، ހަނދުބެލުން ބިނާވެފައި އޮންނަނީ ރަސްމީ ކަމެއްގެ ގޮތުގައެވެ. ފަލަކީ ހިސާބުގެ މައްޗަށް ގޮތް ކަނޑައެޅޭ ޖަލްސާއެއްގައި ހަނދުބެލުން އޮންނަ ގޮތުގެ މައްޗަށެވެ. 

ހަމަ ލޮލުންނާއި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހަނދު ބެލުމަކީ، ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ ފަލަކީ، ކޮމިޓީތަކުން ކުރާކަމެކެވެ. ހަނދުގެ [ހުޅެވި] ލޮލަށް ފެނޭތޯ ނުވަތަ ވަސީލަތަކުން ފެނޭތޯ ބަލާނީ އެރެއަކަށް އިރު އޮއްސޭ ވަގުތުގެ ފަހުން ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް ހަނދު ފެންމަތީ ހުންނާނޭ ކަން، ފަލަކީ ގޮތުން ޔަޤީންވާ ރެއެއްގައެވެ. ސަބަބަކީ، ފަލަކީ ޙިސާބަށް ހަނދު ފެންމަތީ ނުހުންނާނެ ކަމަށް ދެއްކުމަކީ، އިރަށްވުރެ ކުރިން ހަނދު އޮއްސޭކަން ފަލަކީ ޢިލްމަށް ކަށަވަރުވުން ކަމުގައިވާތީ، އެފަދަ ރެޔަކު ހަނދު ފެންނަމަތީގައި ނެތި "ހަނދުގެ ހުޅެވި" އަމުދުން ނުފެންނާނެތީއެވެ.

އެ ނަޒަރުން ބަލާ އިރު، މި ހިނގާ މޭ މަހު 22 ވަނަ ދުވަހު (ރަމަޟާމް 29 ވަނަ ދުވަހު) އިރު އޮއްސުމުގެ ކުރީން، ހަނދު އޮއްސޭނޭކަން ފަލަކީ ގޮތުން ކަށަވަރުވެއެވެ. އެއީ، މި މޭމަހު "އެއްއުއިވަނީ" (އެލައިންވަނީ) "ނޯޓިކަލް އަލްމަނެކް" ގައިވާ ގޮތުން 22 މޭ 2020 ވަނަ ދުވަހު ޖީ.އެމް.ޓީ. އިން 17:39 ގައިކަމަށްވެފައި، މާލެއަށް އެއްއުއިވާނީ 22 މޭގައި، މާލޭ ގަޑިން 22:38 ގައި "މިތުނަ" ރާހީގެ (ޖައުޒާ ނުވަތަ ޖެމިނީ ބުރުޖުގެ) ރޯނު ނަކަތުގެ (ނުވަތަ الدُّبُرَانُ އެވެކިޔޭ މަންޒިލުގެ) 4 ދަރަޖަ 25 ދަގީގާއި ހަނދު ދުނިޔޭގެ ނިސްބަތުން އެއްއުއި ވުމުންނެވެ.  

އެހެން އެކަންކަން ހުރުމުން، 22 މޭ 2020 ވަނަ ދުވަހު 18:01:24 ގައި ހަނދު، ސިމާގު އަސްތަމާނުގެ 7 ދަގީގު 5 ސާނިޔާއަށް، އިރަށް ވުރެ 3 ދަރަޖަ 6 ސާނިޔާ ދެކުނަށް 18:12:42 ގައި އޮއްސޭ އިރަށް ވުރެން 11 މިނެޓް 18 ސިކުންތު ކުރިން، އޮއްސޭކަން ޝައްކެއް ނެތި އެނގެން އޮވެއެވެ. އެ ދުވަހުގެ ނަމާދު ވަގުތުގެ ތާވަލުގައި، މަޣުރިބު ނަމާދު ވަގުތު ކަނޑައަޅާފައިވަނީ، އިރު އޮއްސޭ ވަގުތަށް 1 މިނެޓް 18 ސިކުންތު އިތުރުކޮށްކަން، މި ލިޔުމުގައި އިރު އޮއްސޭ ވަގުތުގެ ތަފާތު ދެނެގަތުމަށްޓަކައި ފާހަގަކޮށްލަމެވެ. 

އަދި އެދުވަހު، ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. ތުރާކުނަށް 18:08 ގައި، ހދ.މަކުނުދޫއަށް 18:08 ގައި، ގދ.ތިނަދޫއަށް 17:59 ގައި، ފުވައްމުލަކަށް 17:56 ގައި، އައްޑޫ ހިތަދޫއަށް 17:57 ގައި، ހަނދު އޮއްސޭނެއެވެ. މި ޕެރަގުރާފުގައި ދެރަށެއްގެ ދެމެދުގައިވާ ސިކުންތުގެ ފަރަގު ނުލިޔެ، އެ ފަރަގު މިނެޓެއްގެ ގޮތުގައި ބަލައިގެން ހިމަނާފައި ވާކަން ވެސް ހާމަކުރީމެވެ.

 އަދި ސައުދީ ޢަރަބިއްޔާގެ ޖިއްދާއަށް އިރަށްވުރެ 10 މިނެޓު 30 ސިކުންތު ކުރިން، މޮރޮކޯއަށް އިރަށްވުރެ 3 މިނެޓް 53 ސިކުންތު ކުރިން އެ ދުވަހު ހަނދު އޮއްސެއެވެ.

އެހެންކަމުން، 2020 މޭ 23 ވަނަ ދުވަހަކީ، މި ރަމަޟާމް މަހުގެ 30 ވަނަ ދުވަސްކަމާއި ފިޠުރު ޢީދު ދުވަހަކީ، މޭ މަހު 24 ވަނަ ދުވަހަށް ނުވުމުގެ ފުރުޞަތެއް ނެތެވެ. މިއީ، ފަލަކީ ޙިސާބަށް ސާބިތުވާ ގޮތެވެ.

 _________________________________

އިދާރީ ނޯޓެއް:

 

މި މުހިއްމު ލިޔުން، 20 މޭ 2020 ގައި، ލިޔުއްވައިފައިވަނީ، މ. ލިނެޓް އަލްއަޚު ޢަބްދުﷲ ރަޝީދެވެ.  ޢަބްދުﷲ ރަޝީދަކީ ފަލަކީ ޢިލުމުގެ ދާއިރާއިން ދިރާސާތައްކުރައްވާ، ތަޖްރިބާކާރު ބޭފުޅެކެވެ. މިލިޔުން ފަންވަތުގެ ކިޔުންތެރީންނަށް ހަދިޔާކުރެއްވީތީ ފަންވަތުގެ ކިޔުންތެރީންނާއި  ލިޔުންތެރީންގެ ނަމުގައި އަޚު ޢަބްދުﷲ ރަޝީދަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ