އަދުގެ ޚާއްސަ

Print

ދެމާވަޑިން ދަނޑަށް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

އަލިފުށީ މީހުންނަކީ އެއްވެސް އިރަކު ދަނޑުވެރިކަން ކުރާ ބައެއްނޫނެވެ. އެ މީހުންގެ ތެރޭގައި މަސްވެރިން ވެސް ވަރަށް މަދެވެ. އަލިފުށީ މީހުންގެ ކަމަކީ ވަރަށް މޮޅަށް އޮޑިދޯނިފަހަރު ބަނުމެވެ. އެހެނަސް ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށް ވެސް  އެ ރޯގާ އައި ފަހުން، ރާއްޖޭގައި ދަނޑުވެރިކަން ކުރުން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، އަލިފުށީގައި ވެސް ދަނޑުވެރިކަން ކުރާން ބޭނުންވާ މީހުންނަށް ދަނޑުބިން ދޫކުރާ ގޮތަށް ހަމަޖެހުނެވެ. 

ދަނޑުހައްދަން ބިން ދޫކުރާކަން އަލިފުށީ ކައުންސިލުން އިޢުލާންކުރުމުން އެ ރަށު މާވަޑިއެއް ކަމުގައިވާ އަލިމަސްގޭ އަލިކޮއި، އޭނާގެ އެކުވެރިޔާ އައްޔޫބު ގާތަށް ގޮސް ބުންޏެވެ. "އެކުވެރިޔާ! ހިނގާ މި ދުވަސްކޮޅު އަހަރެމެން ވެސް ދަނޑެއް ހައްދަމާ!" 

"ދަނޑު ހައްދަން ހިނގާށޭ! ކިހިނެއް އަހަރެމެން ދަނޑު ހައްދާނީ؟ އެއީކީ އަހަރެމެން ދުވަހަކު ވެސް ކުރި މަސައްކަތެއް ނޫން. ދަނޑުވެރިކަން ކުރާ ތަން އަހަރެމެން  ދުވަހަކު ނުވެސް ދެކެމު. ތިޔަ ކަމެއް ނުވާނެ އެކުވެރިޔާ! ތިޔަ ނޫން ވާހަކައެއް ދައްކާ!" އައްޔޫބު ވަގުތުން ދެކޮޅު ހެދިއެވެ.  

"ނޫނޭ! ނޫނޭ! ތިޔަހެން ހަދައިގެން ކަމަކު ނުދާނެ! ބަލަ! ކޮންމެ ކަމެއް ވެސް ފުރަތަމަ ކުރާނީ އަލަށޭ! އަހަރެމެން ދެ އެކުވެރިން ފުރަތަމަ ދޯންޏެއް ބަނީ ވެސް އަލަކަށެއްނު؟ މިހާރަކީ ސުމޭކުގެ ޒަމާން! ބޭނުން ކޮންމެ މަސައްކަތެއް ދަސްކުރަން ޔޫޓިއުބުން ވީޑިއޯ ބަލާލަންވީ! އިންޓަރނެޓުން ނުލިބޭނެ މަޢުލޫމާތެއް ނޯންނާނެ! އިތުރު އެހީއެއް ހޯދައިލާން ބޭނުންނަމަ އެގުރިކަލްޗަރ މިނިސްޓްރީން އެ އެހީއެއް ލިބޭނެ. ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް! އަހަރެމެން ހައްދާ ބާވަތްތައް ގަންނަން އެސް.ޓީ.އޯގެ  ބޯޓު އަންނާނެ! އާދޭސް ކޮށްފައި ބުނަން! ހިނގައިބަލަ މި ކަން ކުރާން! އަބަދު އެއްކަމެއް ކޮށްކޮށް މިހާރު ފޫހިވެއްޖެ." އަލިކޮއި އޭނާގެ އާދޭސް، އެއް ފައްޗަކަށް އަމުނައިލިއެވެ.

"އާނ! އެހެންވިއްޔާ ހިނގާ ދޯ ތިޔަ ކަމާ އުޅެން! އެކަމަކު ކޮންކޮން ބާވަތްތަކެއްތަ އަހަރެމެން ހައްދާނީ؟" އެންމެފަހުން އައްޔޫބު އެއްބަސްވިއެވެ. "އޭ އަހަރެމެން ދެ މީހުންގެ ވެސް ނަން މި ފެށެނީ އަލިފުން. އެހެންވީމާ، އަލިފުން ނަންފެށޭ އެއްޗެހި އެކަނި ދޯ ހައްދާނީ؟ ހިނގާ ލިސްޓެއް ހަދައިލަމާ!" އައްޔޫބު އިތުރަށް ބުނެލިއެވެ. 

"ކައުންސިލްގެ އިޢުލާނުގައި އޮތް ގޮތުން ވިއްޔާ ކޮންމެ މީހަކަށް ވެސް އޭކަރެއްގެ ބޮޑުމިނުގެ ދަނޑެއް ލިބޭނެ! އެހެންވީމާ އަހަރެމެން ދެ އެކުވެރިންނަށް ލިބޭ ދެ އޭކަރުގެ ބިމުގައި ލައްކަ ގިނަ ބާވަތްތައް ހެއްދޭނެއެއްނު؟" އަލިކޮއި އުފަލާ އެކު ޚިޔާލު ފާޅު ކުރިއެވެ. 

"އާނ! ހިނގާ ލިސްޓު ލިޔަމާ! އަނބު، އާފަލު، އޮރެންޖު، އެވަރކާޑޯ، އަތަ، އަންނާރު، އަނޯނާ،  އުއްދަނޑި." އައްޔޫބު ލިސްޓުގައި ހިމަނަންވީ ބާވަތްތައް ކިޔާން ފެށިއެވެ. 

"ބަލަ ! ކޮއިފުޅާ! ތިޔަ ކިޔަނީ ވަރަށް ގިނަ އަހަރުން ކާނާ ލިބޭނެ ގަސްތަކެއްގެ ނަންތައް! ދަނޑުބިން ދޫކުރަނީ އެންމެ އަހަރަކަށް! ތިޔަ ބާވަތްތައް އިންދީމައި، އަހަރު ހަމަވެގެން އަހަރެމެންގެ އަތުން ދަނޑުބިން އަތުލެވޭއިރު އަހަރެމެންނަށް އެކައްޗެއް ވެސް ނުލިބޭނެއެއްނު؟ ތިޔަބާވަތުގެ ގަސްގަހާގެހި އިންދާނީ އަމިއްލަ ގޯތީގައި." އަލިކޮއި، އައްޔޫބަށް ވިސްނައިދިނެވެ.

"އެހެންވިއްޔާ މިގޮތަށް ދޫކުރާ ދަނޑުތަކުގައި ހައްދާނީ ކޮންކޮން އެއްޗެއްސެއް؟" އައްޔޫބު ސުވާލު ކުރިއެވެ.

"ވެޔޮދެމޭ ބާވަތްތައް ހެއްދިދާނެ! ގޮވާމުގެ ބާވަތްތައް ވެސް ހެއްދިދާނެ! އަދި ވިލާތުބަށި، ބާމިޔާ، މުޅާ، ކެރެޓު، ބޮނޑިކޮޕީ، އަލުވި، ފިޔާ، ލޮނުމެދު، އިނގުރު، މިރުހުގެ ބާވަތްތައް ފަދަ ތަރުކާރީ ވެސް ހެއްދިދާނެ! އޭރުން ދެތިން މަސް ދުވަހުގެ ތެރޭގައި އެއިން ކާނާ ލިބެންފަށާނެ." އަލިކޮއި އޮޅުންފިލުވައިދިނެވެ.

"އެހެންތަ؟ ތިޔަ ބާވަތްތައް އިންދީމައި ދެތިންމަހުން ކާނާ ލިބެން ފަށާނެތަ؟ ތިޔަހެންޏާ މަވެސް ހަމަ ހޭވައްލާ ތައްޔާރު! ހިނގާ އަވަހަށް ދެ އެކުވެރިންނަށް ދެ ދަނޑު ނަގަމާ!" އަލިކޮއިގެ އަތުގައި ހިފައިގެން ކައުންސިލްގެ އިދާރާއާ ދިމާއަށް އައްޔޫބު ހިނގައިގަތެވެ.

____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ