އަދުގެ ޚާއްސަ

Print

މި ދުނިޔޭގައި ހިތްހަމަ ޖެހުމެއް ވޭހެއްޔެވެ؟

ޝާޢިއުކުރީ އިބްރާހީމް ފައުޒީ . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ފައުޒީ

ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރްޙޫމް މުޙައްމަދު ޖަމީލް ސިފަކުރައްވާ ގޮތުގައި ދުނިޔެއަކީ އެއްވެސް އުފަލެއްނެތް ވަގުތީ ތަނެކެވެ. ފޮޅޭ ކޮންމެ މަލެއްވެސް މޯޅިވެދެއެވެ.


ިތްގައިމު ކޮންމެ މަންޒަރެއްވެސް ނެތިދެއެވެ. ނަލަނަލަ ރިހި ހަނދުވަރުގެ ވެރި ހަނދުވެސް އޮއްސިދެވެ. އެހެންކަމުން ދުނިޔޭގެ އުފަލަކީ ވަގުތީ އުފަލެކެވެ.


ދުނިޔޭގެ ވަގުތީ އުފަލާހެދި މޮޔަވެފައިވާ މީހުންނާ ދުނިޔޭގެ ފަހުން އޮތް ދާއިމީ އުފަލަކަށް އިންތިޒާރުކުރާ ވިސްނުންތެރިން ދުނިޔެއާމެދު ދެކޭގޮތް ހާސްތަފާތެވެ.

ދުނިޔެއަކީ ތަފާތު ކުލަވަރުތަކެއް ދައްކަމުންދާ ކުޑަ ހިނދުކޮޅެއްގެ މަންޒިލެކެވެ. މިޔަށް ހެއްލިފައި އެތިބެނީ ކިހާބޮޑު މޮޔައިން ތަކެއް ހެއްޔެވެ؟ މިތަނުން ފެންނަހާވެސް އެއްޗަކީ އަވާމެންދުރެވެ. އަވިގަދަ ދުވަހެއްގައި ދުރު ބަލާލުމުން ދުރުން ފެންނަން އެއޮތް ފެންގަނޑު، އެއާ ކައިރިއަށް ޖެހިލުމުން އަނެއްކާވެސް އެފެންނަނީ ހަމައެހާމެ ދުރުންނެވެ. ހިނގި ހިނގިހެން، ދުވިދުވިހެން، އެފެންގަނޑުވެސް އެދަނީ ދުރަށެވެ. ކައިރި ވެވޭތަނެއް ނާދެއެވެ. ދުވެދުވެ ވަރުބަލި ވެއްޖެއެވެ. އަތެއް ނުވިއެވެ. ފެންފޮދެއް ނުމެ ލިބުނުމެވެ. ކަރު ހިއްކައިގެން ދޫވަނީ ބޭރުވެފައެވެ. ހިވަނީ ދެންމެ ދެންމެ ފެނާ ހަމަޔަށް ދެވިދާނެ ހެންނެވެ. މިހެންވެ ދުވެވެނީއެވެ. މިއީ އަވާމެންދުރުކަމެއް ކުޑަކޮށްވެސް އިޙްސާސެއް ނުކުރެވެއެވެ. ދުވަންއޮތް ދިގުމަގުގެ ކޮޅު އަދިވެސް ނުފެނެއެވެ. މިހާރު އިތުރަށް ދުވެވޭނެހާ ހިތްވަރެއް ނެތެވެ. ވަރުބަލި ވެގެންގޮސް މާނޭވާލެވެން ފަށައިފިއެވެ. އެންމެ ފަހުން ބިން މައްޗަށް ވެއްޓިއްޖެއެވެ. ބަލައިލެވުނުއިރު އެހިނދު އޮތީ ކޮށިދަނޑު ގެއްލި ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލި ދުނިޔެއިން މީހާ ނިކުންނަން ޖެހިފައެވެ. އިސްވެ ދެންނެވި ފަދައިން ދުނިޔޭގައި މުދާ ހޯދުމުގައި ވަރުބަލި ވެއެވެ. މުދާ ހޯދައި ފުނި ފުންޏަށް ޖެހުމުގައެވެ. ފޫއްސެއްނެތިއެވެ. ކެއުމެއް ބުއިމެއް ނެތިއެވެ. އަރާމަށް ހިންދެމިލުމެއްވެސް އޭނާގެ ނެތެވެ. ފިހާރަތައް ގިނައެވެ. ނައުޒޯނގު ފަހަރު އެހާބައިވަރެވެ. ނޯކިރީންނާއި މަޖޫރީންގެ ޢަދަދު ހާހުން ދެހާހުން ގުނައިލެވެއެވެ. ފިހާރަތަކާއި ގުދަންތަކުގެ ތަޅުދަނޑި ފަތިތައް ތަންޑިޔާ ލައިގެންނޫނީ ނުއުފުއްލެއެވެ. މިކަންތައް މިހެން ހުރުމުން އޭނާ ހުންނަނީ އުފަލުން ފުރިފައެވެ. ކުޑަ ހިނދުކޮޅަކަށްވެސް ހެޔޮކަމެއް ކޮށްލާނެ ވަގުތެއް އޭނާއަކަށް ނެތެވެ. އެކަމާ ދެރައެއް ނުވެއެވެ. މުދަލާ ދަރިންނަކީ ބައެއް ޙާލަތެއްގައި ފިތުނައެއްކަން އޭނާ ނުދަނެއެވެ. ހަމައެހެންމެ އެންމެބޮޑު މޮޔައަކީ، ތިމާގެ މުދަލަށްޓަކައި ތިމާގެ ޞިއްޙަތު ނަގައިލާ މީހާކަންވެސް އޭނާ ނުދަނެއެވެ. ފަޤީރަކު ފެނިއްޖެނަމަ ފޫހިވެއެވެ. ކަންބޮޑުވެއެވެ. ލާރިއަކަށް އެދިފާނެތީ ސިހުން ވެއެވެ. މިއީ މަގޭ މުދަލެވެ. މީގައި އެހެން މީހެއްގެ ޙައްޤެއް އޮންނާނެހޭ ހިތާހިތުން ސުވާލު ކުރެވެއެވެ. މިގޮތަށްގޮސް ދުވަސްތައް ފާއިތުވަމުން ދަނީއެވެ. ޢުމުރުމުން ދުވަހެއް ޙަޔާތުން ޞަފުޙާއަކަށްފަހު ޞަފުޙާއެއް އުކެމުން ދެއެވެ.
އިއްޔެ މަތިހަށިނެގި ޒުވާނާ މިއަދު އެފެންނަނީ މުޅިން އެހެން ސިފައެއްގައެވެ. އެއީ އޭނާއެއް ނޫނޭ ބުނެވޭހާ ވެއެވެ. ސިފަވަނީ ބަދަލުވެފައެވެ. ޑޮކްޓަރގެ އެހީއަށް އަބަދުވަނީ ބޭނުންވެފައެވެ. ޑޮކްޓަރ ލަފާދެނީ ފޮނި އެއްޗެއް ނުވަތަ ލޮނު އެއްޗެއްވެސް ނުކެއުމަށެވެ. ބަލިބޮޑު ވެދާނެތީއެވެ. ދުވަހެއް ދުވަހަކަށް ހަށިގަނޑު އެދަނީ އަނަރޫފަ ވަމުންނެވެ. ދަރިން ގިނައެވެ. މުދާވެސް ގިނައެވެ. އަދި ނޯކަރުންވެސް ގިނަމެއެވެ. މިއެންމެން މީރުހާ އެއްޗެހި ހަދަހަދައިގެން އެބަކައެވެ. މީރުހާ ބުއިންތައް އެބަބޮއިވެސް މެއެވެ. މުދާ ހޯދުމުގައި ޖާނު ދުއްވާލި މީހާ، މީރުކެއުމާ މީރު ބުއިމުން އަދުވަނީ މަޙްރޫމް ވެފެއެވެ. ކަންމިހެން ހުރިއިރު މިތާނގައި ހިތްހަމަޖެހުމެއް ވޭހެއްޔެވެ؟

މިދުނިޔޭގައި މަތީ ވަޒީފައެއް ނުވަތަ ވެރިކަމެއް ކުރާމީހާގެ ޙާލުވެސް ހަމަ އެފަދައެވެ. އެ ވަޒީފާއެއްގެ ނިސްބަތުން އުފުލަން ޖެހިފައިވާ ވާޖިބުތައް އެހާގިނައެވެ. އެވާޖިބުތައް އަދާކުރެވެނީ ހަމަ ވަރަށްމަދު މީހަކަށެވެ. ވަޒީފާއަށް ނުވަތަ ވެރިކަމަށް އައުމަށް ކުރެވިފައިވާ ވަޢުދުތަކާއި އަޙްދުތައް އޮންނަނީ ނުފުއްދިއެވެ. ވުމާއެކު ޤައުމީ ސަލާމަތަށްޓަކައި ފޯރިމަރަން އޮންނަނީ ޖެހިފައެވެ. އަތުވެދާނެ ނުރައްކަލަކަށް އަބަދު ހުންނަން ޖެހެނީ ބަލަބަލައެވެ. ވަޒީފާއަށް ނުވަތަ ވެރިކަމަށް އައުމަށް އެހީގެ އަތްތައް ފޯރުވައިދިން ފަރާތްތަކަށް އެހުރިހާ ފަރާތެއްގެ ހިތްތައް ހަމަޖައްސައި ދެވޭވަރަށް ބަދަލު ހެޔޮކަން އޮންނަނީ ނުފޯރުވިއެވެ. އެކަމުގެ ޝަކުވާތައް ގިނައެވެ. އެޝަކުވާތަކުން ސަލާމަތްވުމަށް ބޭނުންނަމަ ހަމަޔާއި ޢަދްލާ އިންޞާފު ފައިދަށަށް ލާފައިވެސް ވެރިމީހާއަށް ޖެހެނީ އެކަންތައް ފުއްދައިދޭށެވެ. މިކަންތައްތަކުން (ނަހަމައިން) ހިތްހަމަ ޖެހުނުމީހާ އުފާކުރާއިރު، ހަމަޔާ ޢަދުލާ އިންޞާފުން މަޙްރޫމުވި މީހާ ހުންނަނީ ވެރިންގެ ޢަދާވާތްތެރިއަކަށް ވެފައެވެ.

ޤައުމީ ވާޖިބު އަދާކުރުމުގެ އަސާސްކަމަށް ބެލެވޭ ތަޢުލީމީ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޢިމްރާނީ ރޮނގުން ޤައުމުކުރިއަށް ގެންދިޔުމުގެ ޚިޔާލާ ޝުޢޫރު، ވެރިއެއްގެ ހިތްޕުޅުގައި ކިތަންމެ ގަދަވިޔަސް އެ ވެރިއެއްގެ ދަށުން ޒިންމާ އުފުލަން ޙަވާލުކުރެވޭ ބައެއްގެ ޙަރަކާތް ކުޑަވެއްޖެނަމަ، އަދި އެބައެއްގެ ދީންވެރިކަމެއް ނެތިއްޖެނަމަ ދީނީ ރޮނގުންނާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންތައްތަކުގެ ހެޔޮ ނަތީޖާ ފެނުމުގެ ބަދަލުގައި އަބަދުވެސް ފެންނާނީ، ނުކުރެވި ހުންނަކަންތަކާ ނޭދެވޭ ކަންތައްތަކެވެ. އަތޮޅުވެރީންނަށް ހިއްޕޭނީ ވަލުގައޭ، ބާރެއް ނުލެއްވޭނެއޭ! ބުނެވޭ އުޞޫލުންނެވެ. [ކަލޭނޭ ތިޔައީ އިސްލާމުނޭ އިސްލާމުން އުޅޭންވާގޮތަށް އުޅޭށޭ] ބުންޏަށް މައިސޯބުތައް އެނބުރޭ ގޮތަކަށް ކުދިސޯބުތައް އެނބުރުމަކީ މުސްތަޙީލު ކަމެކެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ މަތިން ހަނދާން ނައްތާލާފައި އެހެން މީހުންނަށް އަމުރުކުރަނީހޭ؟[ މިހެން އަންގަވާފައިވާ އެންމެ ތެދުބަސްފުޅުގައި ވާފަދައިންނެވެ.

މުޖްތަމަޢުގެ ގިނަބަޔަކަށް އިޞްލާޙުގެ ރޮނގު އިޚްތިޔާރު ކުރެވޭނަމަ ވެރިންގެ ދޫފުޅުތަކުން ގިނަބަސްފުޅުތަކެއް އިޞްލާޙު ކުރެއްވުމުގެ ބީދައިން ބޭރުކުރެއްވުމުގެ ބނުންފުޅެއް ފަހެ އެބައޮތްތޯއެވެ؟ [ބުއްދިވެރިޔާއަށް އިޝާރަތުން ފުދޭ] އިރު އަޅުގަނޑުމެންގެ މިމަދު ޖަމާޢަތަކީ (އާދެ! ދިވެހީންގެ ބައިމަދު މި ޖާމަޢަތަކީ) ބުއްދިނެތް މޮޔައިންތިބި ޖަމާޢަތެއް ނޫންކަން ޔަޤީނެވެ. އެހެނަސް ފެންނަމުންދާ މަންޒަރުތަކުން، ރެޔާދުވާލު އިވެމުންދާ ނޭދެވޭ އަޑުތަކުން ހިތްހަމަ ޖެހުމެއް ލިބޭނީ ކޮން ޙާކިމަކަށް ނުވަތަ ކޮންވެރިއަކަށް ތޯއެވެ؟
ވޭތުވެދާ ކޮންމެ ހަފްތާއެއްގެ ތަޙްޤީޤު ރިޕޯރުޓްގައިވަނީ އެތައް ވައްކަމެވެ. އެތައް ޒުވާނުންގެ އެތައް ޢަމަލެކެވެ. މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ ބެލުން އަދުވަނީ ޤައުމީ ހަށިގަނޑުގައި ޖެހިފައިވާ ފަރުވާއެއް އަދި ނުހޯދޭ ބައްޔަކަށް ބޭސްފަރުވާ ހޯދުންފަދަ ކަމަކަށްވެފައެވެ. މިފަރުވާއާ ބޭސް ހޯދުން އޮތީ އިސްލާމީ ހަމަތަކާ އުޞޫލުތައް ޅަދަރީންނަށް ދަސްކޮށް ދެވިގެންނެވެ. ދިވެހީންގެ ރީތި ދިރިއުޅުމާ ވައްޓަފާޅިން، ކާބަފައިން ދޫކޮށްދިޔަ ތަރިކައަކީ ކޮބައިތޯވެސް ބަލައި ހޯދިގެންނެވެ.

[ހިތްތަކަށް ހަމަޖެހުން ލިބެނީ ހަމައެކަނި ﷲ ހަނދުމަ ކުރުމުންކަން އަޅުގަނޑުމެންނަށް ޤަބޫލު ކުރެއްވިއްޖެނަމަ ދުނިޔޭގެ ހިތްހަމަޖެހުމާ އާޚިރަތުގެ ހިތްހަމަ ޖެހުންވެސް އެއޮތީ ލިބިފައެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ