Print

ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން -01

ޝާޢިއުކުރީ އާދަމް ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ތާރީޚް


ޘަޤާފަތުގެ ތެރެއިން

އުތީމު އާދަމް ޢަބްދުއްރަހުމާނު (2003)

އާދަކާދައާއި ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެ ކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތަށް ފެނި ތަޢާރަފުވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތުންނެވެ. ކަމާބެހޭ އައު އުފެއްދުންތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުން ވެސް މެއެވެ.

ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ އާމްދަނީ ހޯދުމަށް ކުރަމުން އައި އެންމެ މައިގަނޑު މަސަތްކަތަކީ މަސްވެރިކަމެވެ. މިއަދުވެސް ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ޙިއްސާއެއް ބިނާވެފައި އޮތީ މަސްވެރިކަމުގެ މައްޗަށެވެ. ނަމަވެސް ދިވެހިންގެ މަސްވެރިކަމާބެހޭ ވަރަށްގިނަ ކަންތައްތަކެއް މިހާރު މިވަނީ ބަދަލުވެފައެވެ. މީގެ ސާޅިހަކަށް އަހަރު ކުރިއަށް ބަލައިލާއިރު އެ ދުވަހާ މިއަދާ ދެމެދު މިވަނީ ވަރަށްބޮޑެތި ތަފާތުތަކެއް އައިސްފައެވެ.

1- މަސްވެރިންނަށެވެ.

2- މަސްވެރިކަންކުރާ އުޅަނދުފަހަރަށެވެ.

3- މަސްވެރިކަންކޮށް އުޅުނު ގޮތަށެވެ.

މީގެއިތުރުން ބާނާ މަހުގެ އަދަދާ، މަސްބޭނުންކުރަމުން އައިސްފައިވާ ގޮތާ މަހުން ލިބޭ އާމްދަނީގެ އެކި ދައުރަށް ވަނީ ކިތަންމެ ބަދަލުތަކެއް އައިސްފައެވެ.

މިފަހަރު އަޅުގަނޑު މިގަސްދުކުރަނީ، މަސްވެރިކަމާބެހޭ ހުރިހާ ކަންކަމަށް އައިސްފައިވާ ހުރިހާ ބަދަލުތަކެއްގެ ތަފްޞީލު ދަންނަވައި އެބަދަލުތައް ގެނެސްފައިވާ ތަފާތުތައް ވަޒަންކުރާކަށް ނޫނެވެ. ބޭނުންވަނީ ދިވެހި މަސްވެރިކަމަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން އިސްވެ ފާހަގަކުރި ދެތިން ނުކުތާގެ މައްޗަށް އަވަސް ނަޒަރަކުން ބަލައިލާ އެކަންކަމާމެދު އެއްޗެއް ދަންނަވާލާށެވެ.

1 – މަސްވެރިކަން:

އެ ދުވަސްވަރު މަސްވެރިކަމާ އަޅާކިޔޭނެ އެހެން އެއްވެސް އިޤްތިޞާދީ ޙަރަކާތެއް ނެތުމާއެކީގައިވެސް މަސްވެރިންނަކީ މުޖުތަމަޢުގައި އަގެއްހުރި ބައެއް ނޫނެވެ. އެމީހުންކުރާ މަސައްކަތުގެ އަގު ވަޒަންކުރެވޭ ބައެއް ނޫނެވެ. ބަދުނާމު ލިބިފައިވާ ބައެކޭ ދެންނެވިއަސް އެންމެ ރަނގަޅުވާނެއެވެ. މިހެނީ، މީހަކު ދެރަކޮށްލުމަށްޓަކައި ތިޔައީ މަސްވެރިއެކޭ ނުވަތަ އެއީ މަސްވެރިއެއްގެ ދަރިއެކޭ ބުނެއުޅެއެވެ. ފިތުރީގޮތުން އިންސާނަކަށް ލިބުން ޙައްޤުވާ ބައެއްކަހަލަ އުފަލާ ހިތްހިމަޖެހުންތަކަށް އެދުމަކީވެސް އެމީހުން ކޮށްގެންވާނޭކަމެއް ނޫންކަމުގައި އެމީހުންނަށް ވެސް ޤަބޫލުކުރވިފައިވާ ކަހަލައެވެ. އަމިއްލަ ސަލާމަތާ ރައްކައުތެރިކަމަށްޓަކައި ބޭނުންވާ ބައެއް ބާވަތުގެ ކަންތައްތަކަކީ މަސްވެރިންގެ ފެންވަރުކަމަށް ނުވާތީ އެފަދަ އެތައްކަމަކުންވެސް ތިބެންޖެހެނީ މަޙުރޫމު ވެފައެވެ. ޢާންމުގޮތެއްގައި ގަމީހެއް ގަންޖުފަރާހެއްފަދަ އެއްޗެއް ގަޔަށްލުމަކީވެސް އެމީހުން ކޮށްގެންވާކަހަލަ ކަމެއް ނޫނެވެ. އިރުވައި މޫސުމުގެ ގަދައަތްވާ ހޫނު، އަދި ހުޅަނގު ނޫސުމުގެ ތެތްފިނި ނުވަތަ ބޯވާރޭ ދިފާޢުކުރަނީ އެމީހުންގެ ގައިގެ ހަމުންނެވެ. އޮރިޔާން ނިވައިވުމުން އެނިމުނީއެވެ. އިތުރު ދާފަރާއެއް އޮންނާކަށް ނުޖެހެއެވެ.

ކެއިން ބުއިމުގައިވެސް މަސްވެރިންގެ މިންވަރަކީ ވަރަށްލުއި މިންވަރެކެވެ. އިރުވައި މޫސުމުގައި ލައިގެން ކާއެއްޗަކީ މަހާ ގަރުދިޔައެވެ. ހުޅަނގުމޫސުމުގައި ޢާންމުކޮށް ރިހާކުރެވެ. މަހަށްގޮސް އުޅޭއިރު މުޅި ދުވަހުގެ ކެއުމަކީ ވަޑިގޮނެއްގައި ގެންދާ ފަތަފޮޅިއެކެވެ. ނުވަތަ ރޮށްޓެކެވެ. ނޫންނަމަ މައްޗަށް ހާރިހާކުރުކޮޅެއް އަޅާލައި ހިކިމިރުހެއް ވައްޓައިލައިގެން ގޮނުތެއްޔެއްގައި ގެންދާ ރޭ ކެއްކި ބަތްކޮޅެކެވެ. މީގެ އިތުރުން މަސްކަނޑުމަތީ އުޅޭއިރު ލިބޭނެ ކާބޯއެއްޗަކީ ހަމައެކަނި ފެން އުނބެކެވެ. މަޅު ފޮއްޗަކުން ނުވަތަ ފިލާކޮޅަކުން މަތި ނިވާކޮށްލާފައި ކަފިބުޑުގައި ހުންނަ ކަފިރުނބާ ހުސްވަންދެނެވެ.

ރެއެއް ދުވާލެއްނެތި ހޫނެއް ފިންޏެއް ނުބަލައި މި ބުރަ މަސައްކަތްކުރާ މަސްވެރިންނަށް ހަފުތާތެރޭގައި ލިބޭ ޗުއްޓީ ދުވަހަކީ ހުކުރުދުވަހެވެ. ހުކުރު ދުވަހަކީ މަހަށްނުދާ ދުވަހެކެވެ. ހަފުތާގެ ޢީދު ދުވަހެވެ.  މި ދުވަސް ފެށެނީ އޮޑި އެހެލުމުގެ މަސައްކަތާއެކުގައެވެ. އެޑި އެހެލުމަށްފަހު އޮޑީގެ ފެހިކަހާ އޮޑިދޮވެ ނިމިގެން ގެއަށް އައިސް ކޮންމެވެސް ނާސްތާއެއް ކޮށްލައިގެން ދެން ފަށާނީ ގޯތިގެދޮރުގައި ހުންނަ އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. ބައެއްފަހަރު ކުދި މަސައްކަތެވެ. އަނެއްބައި ފަހަރު ތަންކޮޅެއް ބޮޑެތި މަސައްކަތެވެ. ގިނަ ދުވަސް ދުވަހަށް މިހެން ހުންނަ މަސައްކަތް ހުކުރު ކުރިން ނިމޭނީ ހަމަކިރިޔާއެވެ. ބައެއްދުވަސްދުވަހު ހުކުރުގެ ފަހުން ކޮށްލާނެ ކަންތައް ހުންނާނެއެވެ. ބައެއް ހަފުތާގައި އަނެއް ހަފުތާއަށް ލަސްކޮށްލައިފައި ބަހައްޓަންޖެހޭ މަސައްކަތްތައް ވެސް ހުރެދާނެއެވެ. މީގެ ފަހުން ހުކުރުގެ ފަހުން ކުރާ ކަންތައްތަކުގެ ތެރޭގައި މަހަށްދާ ދޯންޏާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްވެސް ހުރެއެވެ. ދޯނީގައި ބޭނުންކުރާ ތަކެތީގެ ތެރެއިން މަރާމާތުކުރަންވެފައި ހުންނަ ތަކެތި މަރާމާތުކުރުމާއި ހަލާކުވެފައި ހުންނަ ތަކެތި ހެދުމާ އިތުރަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްފަދަ އެތަކެއް ކަމެއް ނޯންނަ ދުވަހެއް ހަމަ މަދުވާނެއެވެ. މިގޮތުން ވީދިފައި ހުންނަ ރިޔާފަހާލުން، ކުރެވި ކެނޑިފައި އޮވެއްޖެނަމަ ކުރެވި ޖަހާލުން، ދިއްސެއް މަދުވެފައި ހުރެއްޖެނަމަ އެދިއްސެއްލުން، ފަޅައިގެން ގޮސްފައި  އޮންނަ އެންދަމާ ދައު ހެދުން، ދޮއްޓެއް ހާނާލައި ބަދަމަތި ޖަހާލުން، ފަނާގަލެއްގައި ދަނޑިލުން، ފަލީގެ ޅާނބު ބަންނަ މާރު އެޅުންފަދަ މަސައްކަތްތަކަކީ ވަރަށް ޢާންމު ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކެވެ. ދުވަސް ނިމިގެންދާނީ ހެނދުނު އެހެލި ދޯނި ބޭލުމުގެ މަސައްކަތާއެކުގައެވެ. މިއީ " ޗުއްޓީ "  ދުވަސް ހޭދަކޮށްލާ ގޮތެވެ.

މޫސުން ނުބައިވުން ނުވަތަ އެހެންވެސް ސަބަބެއް މެދުވެރިވެގެން މަހަށް ނުގޮސް ރަށުގައި ތިބެން ޖެހިއްޖެނަމަ، ވަކަ ކަނޑައިގެން ވަކަ ހަދައި، ވައުވެލާވެލި އެޅުންފަދަ ކޮންމެވެސް މަސައްކަތެއްކުރާނެއެވެ. ތިމާ މަހަށްދާ ދޯނީގެ މިބާވަތުގެ މަސައްކަތްކޮށް އުޅެނީ މުސާރައަކަށް ނުވަތަ އުޖޫރައަކަށް ނޫނެވެ.
ކުރިން މިގޮތުގައި ތިބި މަސްވެރިންނަކީ މިއަދު މުޅިން ހާލަތުބަދަލުވެފައިވާ ބައެކެވެ. މުޖުތަމަޢުގައި ޙައްޤު މަޤާމު ޙިއްޞާކުރާ ބަޔެކެވެ. ކުރާ މަސައްކަތުގެ އަގު ކުރިން ވަޒަން ނުކުރިޔަސް މިއަދު އެމަސައްކަތުގެ އަގު ވަޒަންކުރެވޭ މަސައްކަތެއްކުރާ ބައެކެވެ. ޢިއްޒަތްތެރިންގެ ތަޤުރީރުތަކާއި ވާހަކަފުޅުތަކުންނެވެ. ޚަބަރުފަތުރާ ވަސީލަތްތަކުންނެވެ. ޚާއްޞަކޮށް "ދިވެހިރާއްޖޭގެ އަޑާ" "ޓެލެވިޜަން މޯލްޑިވުސް" އިންނެވެ. ކޮންމެ ދުވަހެއްގެ ޕުރޮގުރާމުތަކުގައި އެމީހުންނަށް ޚާއްޞަ ޕުރޮގުރާމެއް ފޮނުވެއެވެ. އަހަރަކު އެއްފަހަރު އެބައިމީހުންގެ ނަމުން ނަންކިޔޭ "މަސްވެރިންގެ ދުވަހެއް" ފާހަގަކުރެވެއެވެ. ޤައުމީ ފެންވަރުގައެވެ. ރާއްޖޭގެ ތަފާތުކަންކޮޅުތަކުގައި ދިރިއުޅޭ ކުދިބޮޑު އެންމެން ތިބެނީ އެދުވަހަށްޓަކައި ބަލަ ބަލައެވެ. އިންތިޒާރުކޮށްކޮށެވެ. ރާއްޖޭގެ އެންމެމަތީ ވަލީއާއި ހަމައިން އެ ދުވަހު މަސްވެރިންގެ ޙައްޤުގައި ވަގުތުތައް ޤުރުބާންކުރައްވަ އެވެ.  ސަރުކާރުން ބޮޑެތި ހޭދަތައްކުރައްވައެވެ. ފާހަގަކުރެވޭ ރޮނގުރޮނގުން އިނާމު ތަޝްރީފުދެއްވަ އެވެ. ހިތްވަރުދިނުމުގެ އިނާމެވެ. ކަމާބެހޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް އެކި ގޮތްގޮތުން ޝަރަފުވެރި މަޤާމުތަކަށް އުފުއްލަވައެވެ. ކަމާބެހޭ މަޢުލޫމާތު އިތުރުކޮށް ފެތުރުގެ މަޤުޞަދުގައި ލިޔުންތައް ލިޔެވެއެވެ. ފޮތްތައް ޝާއިޢުކުރެވެއެވެ. އުފެއްދޭ ލަވަތަކާއި ރާގުތައް ޖައްވު ގުގުމަމުން ދެއެވެ. މަސްވެރިކަމުގެ މައުޟޫޢުގައި ޢިލްމީ ހޯދުންތައް ހޯދައި ޓެކްނޮލޮޖީގެ އައު އުފެއްދުންތައް ތަޢާރަފުކުރެއްވުމަށް މަސައްކަތްކުރެވެއެވެ. އުނގޭނެ ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި ސުކޫލުތަކުގައި މަސްވެރިކަމާބެހޭ ފިލާވަޅުތައް ދެވެއެވެ.

އެހެން މީހުންނެކޭ އެއްފަދައިން މަސްވެރިންނަށްވެސް އެމީހުން ބޭނުން ކޮންމެ އުފަލެއް ލިބިގަނެވިދާނެއެވެ. ހައިބަތުބޮޑުކަމާއި އުސްކަމުން ނުވަދެވޭނެ ގެއެއް ޢިމާރާތެއް ނެތެވެ. އަގުބޮޑުކަމުން ނުލެވޭނެ ހެދުމެއް ނުހުރެއެވެ. މީރުވެގެން ނުކެވޭނެކެއުމެއް ނޯވެއެވެ. މަސްވެރިކަމުގެ މަސައްކަތުގައި ކަނޑުމަތީގައި އުޅޭ ވަގުތު ތަކުގައިވެސް ހޫނު ކޮފީއާއި ފިނިޖޫސްފަދަ ބުއިންތައް ލިބެއެވެ. ގިތެޔޮރޮއްޓާ ހަނާކުރިމަސްފަދަ ކެއުންތައް ކައިއުޅެނީ ތާޒާކަންމަތީގައެވެ. ކޯލާއާ ނޫޑުލުސްއަކީ، މަސްވެރިން ކިޔައިއުޅޭ ކެއުމުގެ ލަވައިގެ އެންމެއިސް އެއްކަޑިއެވެ. ނުވަތަ މައިގަނޑެވެ. މިއަދު މަސްވެރިންގެ ނިސްބަތުގައި އެބައިމީހުންނޭ ކިޔުމަށްވުރެ ހިތްހަމަޖެހެނީ އަހަރެމެންނޭ ކިޔުމުންނެވެ.

2- މަސްވެރިކަން ކުރާ އުޅަނދު ފަހަރު

ފަށާނީ ކޮންހިސާބަކުންތޯއެވެ؟ ފަންރިޔަލުގެ ތާރީޚު ތަންކޮޅެއް ކުރީގެދުރު މާޒީއެއްގެ ގޮތުގައި ނިވާކޮށްލާނީއެވެ. ކަތިރިޔަލުގައި ދަތުރުފެށިޔަ ދެއްވާށެވެ. އަނގަމަތީ މަސްދޯނިފަހަރެވެ. ދިގުމިނުގައި ހުންނާނީ ސޯޅަ ސަތާރަ ރިޔަނެވެ. ފޫޓުން ބަލާނަމަ ގާތްގަނޑަކަށް ތިރީސް ފަސްފޫޓާއި ސާޅީސް ފަސްފޫޓާއި ދެމެދުގެ ދޯނިފަހަރެވެ. އައު ދޯނިފަހަރަށްވުރެ ގިނަވާނީ ބައުދޯނި ފަހަރެވެ. ބައުވަނީ އައުވުމުގެ ފަހުގައިކަމަށްވިޔަސް ބައުކަންމަތީ ހޭދަކުރާ މުއްދަތު ދިގީއެވެ. އައުކުރެވޭލެއް ލަހީއެވެ. ބައުދޯނި ފަހަރު، ދުއްވާ ވަގުތުތަކުގައި ގަޑިޔަކު ދިޔަގަނޑެއްހެން ދިޔަހިއްކަންޖެހޭނެއެވެ. ދިޔަހިއްކާނީ ދިޔަހިއްކާފައިން ނުވަތަ ކުދިވަރުގެ ބާލިދީންނެވެ. ދިޔަގަނޑު ހިއްކާލެވޭއިރު ހުންނާނީ ދެކޮނޑުވެއްޓޭވަރުވެފައެވެ. އޮޑިގަނޑުގެ ހާލު މިފެންވަރުގައި ހުންނައިރު އޮޑީގައި ގެންގުޅޭ ސާމާނުގެ ހާޅުވެސް ވަކި ސަހަލެއްނޫނެވެ. ރިޔަލުގެ ބައުކަމެވެ. ފޮތިލިބުން ދަތިކަމެވެ. ލިބުނަސް ނިސްބަތުން އަގުބޮޑުކަމެވެ. ރިޔާފަހާނޭ ފޮށި (ފަހާފޮށި) މަދުކަމެވެ. ފޮށިން ފަހަންވެސް ދަންނަމީހުން މަދުކަމެވެ. ރޭގަނޑު ފުޅިބައްތިއެއް ނުވަތަ އަތްބައްތިއެއް ދިއްލައިގެން އަތުން ފަހާ ތިނޯހުން ރިޔާފަހާ އުޅުނު މަންޒަރު އަޅުގަނޑުވެސް ދުށީމެވެ. ބަޔެއް ފަހަރު ރިޔާތެމިފައި އޮވެގެން ނުފެހިގެން އުޅެން ޖެހެއެވެ. އެންދަމަން ގެންގުޅެނީ އުއިން ރޮދިއަޅައިގެން އަތުން ބަނދެފައި ހުންނަ އުއިދަލެވެ. މަޝްހޫރު ބުރެކިދަލެވެ. ދަލަކީ އެންމެ އައުދުވަސްވަރުވެސް މަރާމާތުކޮށް ހަދަންޖެހޭ އެއްޗެކެވެ. ދޮށިބޮނޑިއަކީވެސް ސިފަކޮށްލަން ޖެހޭއެއްޗެކެވެ. މުޅީންހެން ހުންނާނީ ރާއްޖޭގައި ހައްދާ އޮނު ދޮށްޓެވެ. ބަންގާޅުކުރެހި ދޮށި ވަރަށް މަދުވާނެއެވެ. ކިރިއްޔަކީ ސަރަކައިން ނުވަތަ އަތުން އުއި އަނބުރައިގެން އަޅާފައި ހުންނަ އެއްޗެކެވެ. މިޔަވާލި ހުންނަނީ ރުވާގަހުން ރުވާނަގައިގެން އަތުން ވަށާފައެވެ. މަސްބާނާ ބުޅިޖަހަނީ އެކިވަރަށް ހުންނަ ދަގަނޑު ތަޅައިގެންނެވެ. ކަނބުރުންނެވެ. ބުޅި ބޭނުންކުރެވެނީ ހުތަށް އަޅައި ސާފުކޮށްގެން ތިމަރަލައިގެންނެވެ.

މިޒަމާނުގައި މަހަށްދާ ދޯނިފަހަރު މިވަނީ މިނުގެ ގޮތުން ވަރަށް ތަފާތުވެފައެވެ. ސޯޅަ ސަތާރަ ރިޔަނުގެ ދިގުމިނުގައި ކުރިން ހުރި ދޯނިފަހަރުގެ ބަދަލުގައި މިހާރު ގެންގުޅެނީ ފަސްދޮޅަސް ފޫޓު ނުވަތަ އައްޑިހަ ފޫޓުގެ ބޮޑެތި ދޯނި ފަހަރެވެ. ވައްތަރާ ސިފަވެސް ބަދަލުވެފައެވެ. ދިގުމޮލަށް ނުވަތަ ކުރުމޮލަށްޖެހި މަސްދޯނި ފަހަރު މަދުވެ ތައްޓުއެޅި ޔާޑުދޯނި ފަހަރަށްވެފައެވެ. ސެކަންޑު ޖެނެރޭޝަންގެ ދޯނި ފަހަރެވެ. މިހާރަކު މަހަށްދާކަށް ބައުދޯނި ފަހަރެއް ނުގެންގުޅެއެވެ. ރިޔަލުގައި ދުއްވި ދުއްވުންތަށް އިންޖީނަށް މުޅިން ބަދަލުވެފައެވެ. ޔަންމާ ޓޫ. ޓީ އިން ފެށުނު ފެށުން ހަތަރު ސިލިންޑަރ ނުވަތަ ހަ ސިލިންޑަރުގެ ބޮޑެތި އިންޖީނަށް ބަދަލުވަނީއެވެ. އަދި މިއަށްވުރެ ވެސް ބޮޑެތި އިންޖީނަށާއި ދޯނި ފަހަރަށް ހިތްއެދެއެވެ. ޔަންމާ ފިޔަވާ ތަފާތު ބުރޭންޑުތަކުގެ އިންޖީނު ތަޢާރަފުވަމުންވެސް އެބަދެއެވެ.

އެންދަމާ ދަލަށް ބަލައިލާއިރު ކުރިން ގެންގުޅުނު ސޯޅަމުށުގެ އުއިދަލުގެ ބަދަލުގައި މިހާރު ގެންގުޅެނީ މީގެ އެތައް ގުނައަކަށް ބޮޑެތި ނައިލޯނު ދަލެވެ. އޮނު ދޮށިން ހެދިފައި އޮތް ދޮށިބޮނޑި ބަންގާޅުކުރެހިދޮށި ފަހަނައަޅައި ފައިބަރު ދޮއްޓަށްވެއްޖެއެވެ. ކުރީގެ އުއިކަންވާރާ ރުވާމިޔަވާލި ދޫކޮށްލައި ބޭނުން ފަލަމިނެއްގެ ނައިލޯނު ކަންވާރު މުޅިން ޢާންމުވެފައެވެ. ތަޅައި މަރައިގެން ހެދި ބުޅީގެ ބަދަލުގައި ފަތްލީ ޖަޕާނު ބުޅިއެވެ.

(ނުނިމޭ)

އާދަމް ޢަބްދުއްރަހުމާނު (2003). ފަތްތޫރަ (288). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ފޮޓޯ؛
 
http://www.flickr.com/photos/mashafeeg/338262955

އިދާރާ

އެނގޭތަ؟

ވާހަކަ