އަދުގެ ޚާއްސަ

Print

ޖުހާގެ ބޮޑު ވަލީމާ

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު



މުޙައްމަދު ޒަކަރިއްޔާ /މީޒާން ޅ.ނައިފަރު

ޖުހާ ޝައިޚަކީ އުމުރުގެ އެއްދުވަސްކޮޅެއްގައި ދަރުކޮށައި އުޅުނު ފަގީރެކެވެ. އެ ދުވަސްކޮޅު ފިނިމޫސުމުގެ ދުވަހެއްގައި ވަލުތެރޭގައި އުޅެނިކޮށް ވާރޭވެހި ފިނިގަދަވެ އެކަށީގެންވާ ވަރަށް ދަރުކޮޅެއް ކޮށޭ ގޮތެއްނުވިއެވެ. ދެން ކޮށުނު ކުޑަ ދަރުކޮޅު ބޮނޑިޔަކަށް ބަދެލާ ކޮނޑަށް ހިއްލާލަމުން ކިޔާލިއެވެ. މާތްﷲ މިއަދު އަހަރެންނަށް ދެއްވި މިންވަރަށް އަހަރެން ޝުކުރުކުރަމެވެ.

ޖުހާގެ ގެޔަށްގޮސް ގެނައި ދަރުކޮޅު ބުރިކޮށް އެއްޗަކަށް އަޅައި ރޯކޮށްލިއެވެ. އަދި އޭގެ ކައިރީ އިށީނދެ ހީފިލުވަންފެށިއެވެ. އެވަގުތު ޖުހާއަށް އިވެންފެށީ ރަށުގެ ގޮވާމީހަކު ނުކުމެ އަމީރުގެ އިޢުލާނެއް ގޮވާއަޑެވެ. އެއީ ވަރަށްބޮޑު އިނާމެއް ލިބޭ ކަމެކެވެ. ކުރަންޖެހޭ ކަމަކީ، މިރޭ ގަނޑުވަރުގެ ދޮރޯށި ފަތިސްވަންދެން ބެލެހެއްޓުމެވެ. ޖުހާ އިޢުލާންއަހާފައި އެ ކަމާމެދު ފިކުރުކޮށްލިއެވެ. އަދި އަމިއްލައަށް ބުނެލިއެވެ. އަހަރެން މިކަމަށް ކުރިމަތި ނުލާންވީ ކީއްވެހެއްޔެވެ؟... ފަތިސްވަންދެން އަހަންނަށް ހިފަހައްޓާލެވިއްޖެނަމަ ހީވެސް ނުކުރާފަދަ ބޮޑު އިނާމެއް އަމީރުގެ އަތްޕުޅުން ލިބުނީއެވެ. ދެން އަހަރެން އެ ފައިސާއިން މިބުރަ މަސައްކަތް ދޫކޮށްލައި ބާއްޖަވެރި އާ ދިރިއުޅުމެއް ފައްޓާނީއެވެ. އަހަރެން މިރޭ ފިނީގައި ގަނޑުވެ މަރުވެއްޖެނަމަ، ނިމުނީއެވެ. މަރަކީ، ﷲގެ ޔަދުޤުދުރަތުގެ ދަށުން އަންނާނެ ކަމެކެވެ.

ޖުހާ އަމީރުގެ ގަނޑުވަރަށް ހިނގައްޖެއެވެ. އަދި މިރޭ ގަނޑުވަރުގެ ބޭރުދޮރު ބެލެހެއްޓުމަށް އެއްބަސްވާކަމުގައި ދަންނަވައިފިއެވެ. އެއިރު އެތަނުގައި މިފިނީގައި މީހަކު ހުރެއްޖެނަމަ އެ މީހަކު ގަނޑުވެ މަރުވެދާނޭ ވާހަކަ ދައްކާ މީހުނާ، ޖުހާ އެ ކަމަށް ކުރިމަތިލައިގެން އައި ވާހަކަ އިވިގެން ކަންބޮޑުވެގެން އައިމީހުންވެސް ތިއްބެވެ. ޖުހާގެ އެކުވެރިން މިކަމާ ވަރަށް ދެރަވެގެން ބުނަންފެށިއެވެ.

އޭ ރަޙުމަތްތެރިޔާއެވެ! މި ގަދަ ފިނީގެ ތެރޭގައި ކަލޭގެ ޙަޔާތް ދޫކޮށްނުލާށެވެ! މި ވިއްސާރަޔާ ފިނީގައި ހަތަރުދަން މީހަކަށް ކެއްކޮށެއް ނުލެވޭނެއެވެ. މިބާވަތުގެ އެތައްވާހަކަތަކެއް ދައްކައި ވެސް ޖުހާގެ ޚިޔާލު ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ. އެންމެފަހުން ޖުހާ އެމީހުންނަށް ބުންޏެވެ. ކޮންމެ މީހަކަށްވެސް އޮންނާނީ އެންމެ އުމުރެކެވެ. އެއްކަލާނގެ އެކެވެ. މި ހިސާބަށް ވާހަކަދިޔުމުން ޖުހާދެން އެކަން ދޫކޮށްނުލާނެކަން އެނގުމުން ޖުހާޔާއި އެކު ރަށްބޭރު ދޮރައްޓާއި ހަމަޔަށްގޮސް ހިތާމަޔާއެކު އެނބުރި ގޭގެއަށް ހިނގައްޖެއެވެ.

ޖުހާ ދޮރާށި ބެލެހެއްޓުމަށް ކައިރީގައި އޮތް ބޮޑު ހިލަޔެއްގައި މަތީ އިށީނީއެވެ. އަދި ދިގު ފިނިރޭ ހޭދަކުރާނެގޮތަކާއި މެދު ފިކުރުކުރަންފެށިއެވެ. ކެތްތެރިކަމާއި ހިތްވަރަށް ބަރޯސާކުރަމުން ގެންދިޔައެވެ. އަދި މި ކަން ކާމިޔާބުވެއްޖެނަމަ ލިބޭނެ ބޮޑު އިނާމާމެދު ވެސް ޚިޔާލުކުރެވެން ފެށިއެވެ. ކުޑައިރުކޮޅެއް ވޭތުވެދިޔަފަހުން ވާރެވެހެން ފަށައިފިއެވެ. އަދި އެޔާއެކު ފިނިބާރުވަމުން ދާން ފެށިއެވެ. ދެން ޖުހާ އޭނާގެ ނަފްސާ ވާހަކަދައްކަން ފެށިއެވެ. އޭ ޖުހާއެވެ! މިޙާލުގައި ކަލޭ މަރުވެގެން ދާނީ ހެއްޔެވެ؟ އޭ ޖުހާއެވެ! ހިނދު ހިނދަށް މިހިރަ ފިނިގަދަވަމުން ދަނީއެވެ! ކަލޭ ހަދާނީ ކިހިނެއްހެއްޔެވެ؟ އޭ ޖުހާއެވެ! މިކަމާމެދު ކަލޭ ގޮތެއް ކަނޑައަޅައިބަލާށެވެ!

ޖުހާގެ ހިތުގައި ފިނިން ސަލާމަތް ވުމަށް އެކިއެކި ޚިޔާލުތައް އުފެދިގެން ދާންފަށައިފިއެވެ. އެންމެ ފަހުން ރަނގަޅު ފިކުރެއް އަތުވެއްޖެއެވެ. ޖުހާ އިން ހިލަމަތިން ތެދުވެއްޖެއެވެ. ދެން އެބޮޑު ހިލަނަގާ އާނ! ކިޔާ ހިއްލާލިއެވެ. ދެން ތަންކޮޅަކަށް ނަގާ ވައްޓާލިއެވެ. ދެން އަނެއްފަހަރު އެޔަށްވުރެ މައްޗަށް ނަގައިވައްޓާލި އެވެ. މިހެން ދެތިން ފަހަރަކު ހަދާއިރަށް ޖުހާގެ ހަށިގަނޑަށް ހޫނުކަމެއް ލިބޭކަން ޖުހާއަށް އިޙުސާސް ވާންފެށިއެވެ. މިހާރުގެ ޖުހާގެ ގައިން ދާހިއްލާލާ، ލައިގެން ހުރި ހެދުންވެސް ބާލާފިއެވެ. މިހާރު ޖުހާ ފެންނަނީ އައްސޭރިފަށުގައި އުޅޭ ޓުއަރިސްޓެއްހެން ހެދުން ބާލައިގެން އުޅޭތަނެވެ. އިރުކޮޅުކޮޅުން ދުވެލާފައި ހުއްޓި އަރާމުކޮށްލައެވެ. ކޮންމެއަކަސް މިގޮތުގައި ރޭގަނޑުގެ ވަގުތުތައް ޖުހާ ހޭދަކުރީ މާބޮޑު ފިނިކަމެއް އިހުސާސްނުކޮށެވެ.

ހެނދުނު ހެނދުނާ ރަށުގެ މީހުން ޖުހާގެ ހާލުބަލަން އައިސް ހައިރާންވެއްޖެއެވެ. މިގަދަ ފިނީގެ ތެރޭގައި ޖުހާއަށްވީ އެއްކަމެއްނެތެވެ. އޭނާހުރީ ގަދަވެ ސަލާމަތުންނެވެ. ޖުހާ މަރުން ސަލާމަތްވީތީ އެންމެން ތަހުނިޔާ ކިޔަންފެށިއެވެ. އޭގެ ފަހުން އަމީރު ޖުހާއަށް ދެއްވާ ބޮޑު އިނާމު ލިބިގަތުމަށްޓަކައި ރަށުގެ މީހުނާއިއެކު ގަނޑުވަރަށް ދިޔައެވެ. 

އަމީރު ޖުހާއަށް ބައްލަވާ ލައްވާފައި އެމީހުނަށް ވިދާޅުވިއެވެ. ފިނިން ސަލާމަތްވާނެ ރަޖައެއްފަދަ އެއްވެސް އެއްޗެއްނެތި ރޭގެ ގަދަފިނީގައި ޖުހާއަށް ހިފަހައްޓާލެވޭނެކަމުގައި ކަލޭމެންގެ ބުއްދި ޤަބޫލުކުރޭހެއްޔެވެ؟ މިފަދަ ފިނިރެއެއްގައި އަލިފާނުގެ ހޫނުކަމެއް ނުލިބި ހުންނާނީ ކިހިނެއްހެއްޔެވެ؟

ޖުހާ ދެންނެވިއެވެ. އޭ މާތް އަމީރުއެވެ! ﷲގަންދީ ބުނަމެވެ. ދުރުން ފެންނަގަނޑުވަރުގެ އަލި ބޮކިތަކުން ފޮނުވާ ދޯދީގެ އައްޔެއް ފިޔަވައި އެއްވެސް އަލިކަމެއް އަޅުގަނޑު ނުދެކެމެވެ.... ދެން އިރުކޮޅުކު އިންނެވުމަށްފަހު އަމީރު ވިދާޅުވިއެވެ. އެންމެރަނގަޅެވެ! އެހެންވީމާ، ކަލެޔަށް އެ އިނާމު ޙައްޤެއްނުވިއެވެ. އެ ޖުހާއެވެ! ގަނޑުވަރުގެ އަލި ދޯދިތަކުން ކަލޭ ހީފިލުވީއެވެ. އެއީ އަހަރެންގެ އިނާމުގެ ޝަރުޠުތަކުގެ ތެރޭގައި  އެއްވެސް އެއްޗެއްގެ އެހީ، ހީފިލުވުމަށް ބޭނުން ނުކުރެވޭނެކަމުގައި ވާތީއެވެ.

އަމީރުގެ މިބަސްފުޅުތަކާމެދު ޖުހާ ވަރަށް ހައިރާންވެއްޖެއެވެ. އަދި ޙާޟިރުވެ ތިބި އެހެން މީހުން ވަރަށް ވަރަށް ދެރަވެއްޖެއެވެ. ދެން އިސްޖަހާލައިގެން ގަނޑުވަރުން ނުކުންނަމުން އަމިއްލައަށް ބުނެލިއެވެ. އަމީރު އަހަންނަށް ހިޔާނަތްތެރިވެ ވަޑައިގެންފިއެވެ. ކޮންމެސް ދުވަހަކުން އަހަރެން އޭގެ ބަދަލު ހިފާނަމެވެ.
ޖުހާ ގެޔަށް އައިސް އާ އަޒުމެއްގައި ދިރިއުޅުމުގެ މަސައްކަތް ފަށައިގެންފިއެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ އަހަރުތަކަކަށް ވެގެން ދިޔައިރު ﷲ ގެ ރަޙުމަތްފުޅުން ޖުހާގެ ދިރުއުޅުން ތަނަވަސްވެ ބޮޑުމުދާވެރިއަކަށް ވެއްޖެއެވެ. އަދި ރަށުގައި ނަންހިނގާ ބޮޑު ވިޔަފާރިވެރިޔަކަށް ވިއެވެ. އަމީރުގެ ހިތްޕުޅުންނާއި އެހެންމީހުންގެ ހިތްތަކުން ކުރީގެ ހަނދާންވަނީ ގޮސްފިލާފައެވެ. އެއްދުވަހު ޖުހާ ޝައިޚު ގަނޑުވަރަށް ޒިޔާރަތްކޮށް އަމީރުއާ ބައްދަލުކޮށްފިއެވެ. އަމިރަށާއި އޭނާގެ އަރިހު ބޭކަލުންނަށް ޖުހާގެ ގެއަށް ވަލީމާއަކަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތުއެރުވިއެވެ. އަދި ދެންނެވިއެވެ. ވަރަށްބޮޑު ވަލީމާއެކެވެ. ހުރިހާ ބޭފުޅުންވެސް ފަރިއްނުކުޅުއްވާ ވަޑައިގެންނެވުން އެދެމެވެ. އެތާގައި ވަރަށްގިނަ ތަފާތު ބާވަތްތައް ހުންނާނެއެވެ.

ރަށުގެ ވިޔަފާރިވެރިއެއްގެ މިހާބޮޑު ވަލީމާއަކަށްވީމާ، އަމީރުވެސް ރުހިވަޑައިގެން ބައެއް ޢިއްޒަތްތެރިން ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވެއްޖެއެވެ. އަނެއްދުވަހު، ޖުހާގެއަށް އަމީރު ވަޑައިގެންނެވީ ބައެއް ޢިއްޒަތްތެރިންވެސް ގޮވައިގެންނެވެ. ޖުހާ އެ ބޭފުޅުންނާ ބައްދަލުކޮށް ވަރަށް އުފަލާއެކު މަރުހާބާ ދެންނެވުމަށްފަހު، ވަރަށްރީތި ސިޓިންގްރޫމެއްގައި މަޑުކޮށްލެއްވުމަށް ދެންނެވިއެވެ. އަދި ޖުހާގެ ދަޢުވަތު ޤަބޫލުކުރައްވާ ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުދެންނެވިއެވެ. އަދި ދެންނެވިއެވެ. ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަލީމާއަށް ދެންނެވޭނެއެވެ. ހުރިހާ އެއްޗެއްވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ބަކަރިމަސް، ގެރިމަސް، ކޮތަރުމަސް، ކުކުޅުމަސް، އަދި އަދި އިތުމަސްވެސް ހުންނާނެއެވެ. އެހުރިހާ އެއްޗެއް މިހާރު ވަނީ އަލިފާންމަތީގައެވެ. އަމީރު ވިދާޅުވީ މައްސަލައެއް ނެތެވެ. އޭ ޖުހާއެވެ! އަހަރެމެން ކަލޭގެ މިބޮޑު ވަލީމާއަށް އިންތިޒާރުކޮށްލަފާނޫއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އެބޭފުޅުން ފަރިއްކުޅުވާ ގަޑިޖެހި، ކެއުމަށް އިންތިޒާރު ބޮޑުވަމުން ދިޔައެވެ. މެންދުރުވަގުތު ކައިރިވުމުން އަމީރުވިދާޅުވިއެވެ. އޭ ޖުހާއެވެ. ކަލޭ ތިޔަ ތައްޔާރުކުރާ ބޮޑު ވަލީމާ ކޮބައި ހެއްޔެވެ؟ ޖުހާ ވަރަށް އަދަބުވެލާފައި ދެންނެވިއެވެ. ޚަބަރުބަލާލަން ބޭރަށް ނުކުތުމުގެ ހުއްދަ ދެއްވާށެވެ. މިހާރު ތައްޔާރުވަނީއެވެ! ހުރިހާ އެއްޗެއް ހުރީ އަލިފާން މަތީގައޭ، ޖުހާ ދަންނަވާލަ ދަންނަވާލަ ހުއްޓާ އަޞުރުވަގުތު ކައިރިވެއްޖެއެވެ. އެއިރު އެބޭފުޅުން ވަނީ ބަނޑުފުޅު ހައިވެ ކޯފާވާން ކައިރިވެފައެވެ. ކޮންމެ ގަޑިޔަކުން އެއްފަހަރު އެ ބޭފުޅުން ޖުހާޔާ ސުވާލުކުރައްވައެވެ. ޖުހާ ދަންނަވަނީ  މިހާރުތައްޔާރުވަނީއެވެ. ހުރިހާއެއްޗެއް ހުރީ އަލިފާންމަތީ ކަމުގައެވެ.

މިހާރު އިރުއޮއްސުމާ ކައިރިވެ، ރަށުގެ އަމީރާ އޭނާގެ އަރިހުބޭކަލުންތައް ބަނޑުފުޅު ހައިވެގެން މަރުވާ ދަރަޖައަށް ހިނގައްޖެއެވެ. އެންމެފަހުން އަމީރު ކޯފާއިސްވެގެން ޖުހާގެ ހެދުމުގައި ހިފައި ދަމައިގެންފައި ގަދައަޑުފުޅުން ވިދާޅުވިއެވެ. އޭ މިހިރި މީހާއެވެ! ކަލޭ އަހަރެމެންނަށް ދަޢުވަތަކަށޭ ކިޔާފައި ގެނެސް ތިޔަދެނީ ކޮންފަދަ ޢަޒާބެއްހެއްޔެވެ؟ އަދި ކޮންމެ ގަޑިޔަކުން އެއްފަހަރު، ކަލޭ އަހަރެމެން ދޫކޮށްލާފައި ބޭރަށް ނުކުމެލާފައި އައިސް ތިޔަބުނަނީ ހުރިހާ އެއްޗެއް އަލިފާން މަތީގައެވެ. މިހާރު ތިޔަ އަލިފާންމަތީގައި ހުރެ ތައްޔާރުވާ އެއްޗެއް ދައްކާށެވެ! ދެން ހުރިހާ ބޭފުޅުން ތެދުވެވަޑައިގެން ބޭރަށް ނުކުމެ ވަޑައިގެންފިއެވެ.

'އެބޭފުޅުންނަށް ފެނިވަޑައިގެންނެވީ ހައިރާންވާފަދަ ކަމެކެވެ. ޖުހާ ކައްކާ އެއްޗެތި ހުރީ ދިގު ރުކެއްގެ ކުރީ އެލުވާފައެވެ. އަލިފާންއަންދަނީ ރުކުގެ ބުޑުގައެވެ. އަމީރު ކޯފާ އިސްވެ ޖުހާގެ ގައިގާ ހިފާ ތަޅުވައިގެންފައި ހަޅޭފުޅުލައްވައިގަތެވެ. އޭ މިހިރަ މޮޔަޔާއެވެ! ދިގު ކަދުރުރުކެއްގެ މަތީ އެލުވާފައިވާ އެއްޗެއް ރުކުގެ ތިރީގައި އަންދާ އަލިފާނަކުން ހޫނުވެ ރޯފިލާނެ ހެއްޔެވެ؟

ޖުހާ މަޑުޖެހިލާފައި ވަރަށް އަދަބުވެފައި އަމީރަށް ދެންނެވިއެވެ. މަނިކުފާނުވަނީ ގަނޑުވަރުގައި ދިއްލާފައި ހުރި ބޮކިތަކުގެ އަލީގެ ދޯދިތަކުން ހޫނު ހޯދައިގެން ފިނި ރޭގަނޑެއް އަޅުގަނޑު ހޭދަކުރިކަމަށް ވިދާޅުވެފައެވެ. އެހެންވިއްޔާ މިރުކުގެ ތިރީގައި މިއަންދާ އަލިފާނުން ހޫނު ލިބިގެން މަތީހުރި އެއްޗެހި ނުކެކެންވީ ކީއްވެގެންތޯއެވެ؟ އޭ މާތް އަމީރުއެވެ!

މިވާހަކަ ދެންނެވުމުން އަރިހުގައި ތިބި ބޭފުޅުން ޖުހާގެ ގަނޑުވަރުގެ ބޭރު ދޮރުބެލެހެއްޓި ރޭ އިނާމުދެއްވަންވުމުން އަމީރުވިދާޅުވި ބަސްފުޅު ހަނދާންވެ ހިނިފުޅު ވަޑުވަން ފެއްޓެވިއެވެ. އަދި އަމީރުވެސް އެދުވަހު ޖުހާއާ މެދު ކަންތައްކުރެވުނު ގޮތާމެދު ރަކިފުޅުވުމާއެކުވެސް ހިނިފުޅު ވެޑުވުނެވެ. އެވަގުތު ޖުހާ އެބޭފުޅުންނަށް ތައްޔާރުކުރެވުނު ބޮޑު ވަލީމާއަށް ގެންދަވާ އިންސާފުކުރައްވަން ފެށްޓެވި އެވެ.

ނިމުނީ


ހަމަމިގަލަމުން

އިދާރާ

ވާހަކަ