އަދުގެ ޚާއްސަ

Print

މުސްލިމު ސައިންސް ދާން -15

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



أَبُوبَكْرُ مُحَمَّدُ زَكَرِيَّا اَلرَّازِي


308/864-932


ތަޢާރުފު
އަޙްމަދު ފަހުމީ

ޒަކަރިއްޔާ ރާޒީގެ ޙަޔާތް ޕުޅަކީ، ހިތްވަރު ގަދަ ޒުވާނުންނަށް ރަނގަޅު ފިލާވަޅެކެވެ. ރާޒީ އަކީ، ބޭސްވެރި ކަމުގެ އިމާމެވެ.


ޙަޔާތުގެ ކުރީކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު

ރާޒީ އަކީ، އޭނާގެ ޙަޔާތުގެ ކުރީކޮޅުގައި މާ ހަމަޖެހޭ ދިރިއުޅުއްވުމެއް އުޅުއްވި ބޭކަލެއް ނޫނެވެ. އޭނާގެ ހަޔާތް ޕުޅުގެ ކުރިކޮޅަކީ، ވަރަށް މިނިވަންކަން ބޮޑު ދުވަސްވަރެކެވެ. އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެ ވަޑައިގެން ކުރެއްވެވި ކަމަކީ އޮނު ފުންމެވުމެވެ.

ތާރީޚު ޢިލްމުވެރިން ލިޔުއްވާގޮތުގައި، ރާޒީއަކީ، ފަޤީރު ޚާންދާނެއްގެ އަހުލުވެރި އެކެވެ. ކުރީކޮޅުގައި އޭނާ ޙާޞިލު ކުރައްވާފައިވަނީ، ވަރަށް އާދައިގެ ތަޢުލީމެކެވެ. ފަނަރަ ވަރަކަށް އަހަރު ވަންދެން އޭނާގެ ރަށް، رَيُّ ގައި އުޅުއްވީ، އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އެވެ. އޮނު ފުމޭ ރަޙްމަތްތެރިންނާ އެކު، ދުވާލުދާ ހަތަރުދަމު އެތަންމިތާނގައި އުޅުއްވުމަކީ، އޭނާގެ އާދަ އެވެ.


ރާޒީގެ ހަޔާތަށް އިންޤިލާބު އައުން

ކުއްލިއަކަށް، އޭނާގެ ހިތް އޭނާގެ ގައިގައި ހިފައި ތަޅުވައި ގަނެ ޣާފިލުކަމުގެ ނިދިން ހޭލައްވާލި ފަދަ އެވެ. އޭ ރާޒީ އެވެ! ތިޔަ ކުރަނީ ކީއްހެއްޔެވެ! މި ޙަޔާތާމެދު ފިކުރު ކުރާށެވެ! ވަގުތަށް ޙުރުމަތްތެރިކޮށް ހިތާށެވެ! އޭނާގެ ޒަމީރު އޭނާއަށް މަލާމާތް ކުރި ކަހަލަ އެވެ. ކޮންމެއަކަސް އޭނާ އާދަވެ، ކަށީގައި ހިފައިފައިވާ އޮނު ފުންމެވުން ދޫކޮށް ލައްވައިފި އެވެ. " ތުނބުޅިޔާ މަތިމަހާ ދޭތެރޭން ނުކުންނަ ރާގަކީ، މާ ރީތި ރާގެއް ނޫނެވެ. " މިހެން ވިދާޅު ވަމުންނެވެ.

ރާޒީ އަކީ، މިހާރު ޒަވާޖީ ޙަޔާތެއްގެ ދުވަސްތައް ޝުމާރު ކުރައްވަމުން ގެންދަވާ، އަނބި ދަރިން ތިބި، ޢާއިލާއެއްގެ އެންމެ އިސްވެރިޔާ އެވެ. މަޢާޝީ ބޭނުންތައް ފުއްދެވުމުގެ މައްޗަށް ފިކުރު ކުރައްވަން ޖެހި ވަޑައިގަތީ އެވެ. އޭނާ ، ކުރިމަތި ލެއްވީ، ކުރީގެ ބައެއް ކީމިޔާގަރުން ފާޅުކުރައްވާފައިވާ ނަޒަރިއްޔާއަކާ އެއްގޮތްވާ ގޮތުގެ މަތިން، ކެމިސްޓުރީގެ މަސައްކަތުން ރަން ހެއްދެވުމަށެވެ. ރަން ހެއްދެވުމުގެ އަވައިގައި ޖެހިވަޑައިގެން ކަމާބެހޭ ސާމާނު ހޯއްދަވައިގެން ގެންނަވައި ކޮޓަރިއެއް އާރާސްތު ކުރެއްވި އެވެ. ގިރުބަޔާ، ކިރުނާ، މުށްޓާ، ތަފާތު މަޢުދަން ތަކާ، ގަސްގަހުގެ މަލާއި ފަތާއި ތޮއްޓާއި މުލާ އޭތި މީތި ގެންނަވައި ކޮޓަރިކޮޅު ތެރޭގައި ފުނި ޖައްސަވައިފި އެވެ. އަދި ރެއާއި ދުވާލު ތަޖުރިބާ ކުރައްވަން ފަށްޓަވައިފި އެވެ. މިކަމެއް ފެށްޓެވުމުގެ ސަބަބުން ބޭސް ވިއްކާ މީހުންނާ ކެމިސްޓުންނާ ގުޅިވަޑައިގަތެވެ. ރާޒީ އެ މީހުންގެ ކިބައިން  ފަތްޕިލާވެލީގެ ތާސީރާ އެހެނިހެން މަޢުލޫމާތު ޙާޞިލު ކުރެއްވި އެވެ.

މާގިނަ ދުވަސްތަކެއް ނުވަނީސް ރާޒީގެ ލޯފުޅުގައި ރިއްސަން ފަށައިފި އެވެ. އަދި ދުވަސްކޮޅަކުން އޭނާގެ ލޯފުޅު މުޅިން ހަލާކު ވެއްޖެ އެވެ. ދެން ރާޒީ އޭނާގެ އަވަށްޓެރި ބޭސް ވެރިއެއްގެ ގާތަށް ވަޑައިގެންފި އެވެ. ބޭސްވެރިޔާ ރާޒީގެ ލޯފުޅު ބެއްލެވުމަށްފު ބުނުއްވީ، ލޯފުޅަށް ރަނގަޅު ވެދާނެ ކަމަށެވެ. އެކަމުގެ ފީއަކީ، 500 އަޝްރަފީ އެވެ. ގޮތް ހުސްވެ ވަޑައިގެންފައިވާ ރާޒީ އެ ފީއާ އެއްބަސްވެ ވަޑައިގެންފި އެވެ. ކޮންމެ އަކަސް 500 އަޝްރަފީ ދެއްވައިގެން ފަރުވާ ކުރައްވައި ރާޒިގެ ލޯފުޅަށް މުޅިން ފަސޭހަފުޅު ވެއްޖެ އެވެ. އެއަށްފަހު ބޭސްވެރިޔާ ބުނުއްވި އެވެ.

" މާނައެއް ނެތް ކަމެއްގައި، ޖާނު ހަލާކު ނުކުރައްވާށެވެ. ތިޔަ ގޮތަކަށެއް އަދި ރަނެއް ނުހެއްދެވޭނެ އެވެ. ރަން ހެއްދެވޭނީ ހުނަރުވެރި ކަމުންނެވެ. ނިކަން ބައްލަވާށެވެ. މަނިކުފާނުގެ ލޯފުޅަށް ފަސޭހަފުޅު ވީލެއް ކިހާ އަވަސްތޯ އެވެ. އަޞްލު ކީމިޔާއަކީ މިއީ އެވެ. މަނިކުފާނު އެ ކަމެއްގައި މަސައްކަތް ކުރައްވައި ހަށިކޮޅު ތިޔަ ހަލާކު ކުރައްވަނީއަކީ އެއްނޫނެވެ. "

ބޭސްވެރިޔާގެ މި ބަސްތަކުގެ އަޑު ރާޒީއަށް އިވިވަޑައިގަތީ ވަރަށް ގަދަ އަޑެއް ފަދައިންނެވެ. އެހައި ހިސާބުން އަދި އޭނާއަށް އެއްވެސް އެއްޗެއް އެނގިވަޑައި ނުގަންނަވާކަމާއި، އޭނާގެ ޖާހިލުކަން ވިސްނި ވަޑައިގެންފި އެވެ. ޢިލްމު އުނގެނި ވަޑައިގަތުމަށް އޭނާ ޝަޢުޤުވެރިވެ ވަޑައިގެންފި އެވެ. އަނބި ދަރިންނާއި ގާތް ރަޙުމަތްތެރިން ދޫކުރައްވައި ބަޣުދާދަށް ވަޑައިގެންފި އެވެ. އޭރު ރާޒީގެ ޢުމުރު ފުޅަކީ، 38އަހަރު ފުޅެވެ.


ރާޒީ ބަޣުދާދުގައި

ބަޣުދާދަށް ވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅެއް ވަންދެން ރާޒީއަށް އުޅުއްވަން ޖެހިވަޑައިގަތީ ވަރަށް ދަތި ޙާލު ކޮޅުގަ އެވެ. އެހެން އުޅުއްވަނިކޮށް ޢަލީ ބިން ސަހުލާ ބައްދަލުވެ ވަޑައިގެންފި އެވެ. ޢަލީ ބިން ސަހުލުގެ ދަރުސްގައި ރާޒީ ބައިވެރިވެ ވަޑައިގަންނަވާން ފަށްޓަވައިފި އެވެ. ވަރަށް ބުރަ މަސައްކަތްޕުޅުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު މުޠާލަޢާ ކުރެއްވުމުގައި މަޝްޣޫލުވެ ވަޑައިގެންފި އެވެ.

ޢަލީ ބިން ސަހުލަކީ، ސަރުކާރުގެ ހޮސްޕިޓަލެއްގެ ސުޕްރިންޓެންޑެންޓެކެވެ. ރާޒީ ވެސް ތަޖުރިބާގެ ދަވްރު ފުރިހަމަ ކުރެއްވުމަށްޓަކައި ހޮސްޕިޓަލަށް ވަޑައިގަންނަވާން ފަށްޓަވައިފި އެވެ. ޢަލީ ބިން ސަހުލަކީ، ސަރުކާރުގެ ހުރިހައި ހޮސްޕިޓަލެއްގެ ޗީފް ސުޕަވައިޒަރު ވެސް މެ އެވެ. ޢަލީ ބިން ސަހުލު ސެންޓުރަލް ހޮސްޕިޓަލެއްގައި ޚާއްޞަ ބަލި މީހުން ތަކެއް ބައްލަވަމުން ގެންދެވި އެވެ. ރާޒީ ވެސް އޭނާއާ އެކު ބަލިމީހުން ބައްލަވަމުން ގެންދަވަ އެވެ. މި ގޮތުން އޭނާއަށް ވަރަށް ރަނގަޅަށް ތަޖުރިބާ ލިބިވަޑައިގަތެވެ.

ރާޒީ އާއި ހޮސްޕިޓަލް

ރާޒީއަކީ، މިހާރު ބޭސްވެރިކަމުގެ ފަންނުގައި މާހިރެކެވެ. އިއްތިފާޤުން ރާޒިގެ ރަށް، رَيُّ ގައިވެސް އޭރު ބޮޑެތި ހޮސްޕިޓަލްތައް ހުޅުވިފައި ހުއްޓެވެ. އޭގެ ތެރެއިން ހޮސްޕިޓަލެއްގެ ސުޕްރިންޓެންޑެންޓުގެ މަޤާމް ހުސްވެއްޖެ އެވެ. ބަޣުދާދުން އެ މަޤާމަށް ފޮނުވީ ރާޒީ އެވެ. ރާޒީ ވަރަށް ފުރިހަމައަށް މި ތަނުގައި މަސައްކަތް ކުރެއްވި އެވެ. ހޮސްޕިޓަލުގެ އިންތިޒާމުތައް އިސްލާޙު ކުރެއްވި އެވެ. ފަރުވާ ދިނުމާއި ފަރުވާ ދިނުމުގެ އުޞޫލުތަކަށް ވެސް އޭނާ އިޞްލާޙު ގެންނެވި އެވެ. މިހެންވެގެން މި ހޮސްޕިޓަލް ވަރަށް މަޝްހޫރު ވެއްޖެ އެވެ. އަދި އެތައް ހިސާބެއްގެ ދުރުން ވެސް މި ތަނަށް މީހުން އަންނާން ފަށައިފި އެވެ.

އެ މީހުން އެނބުރި ދަނީ ޝިފާ ލިބިގެންނެވެ. ބަލި މީހުން ބެލުމަށް ރާޒީ އިންތިޒާމް ކުރައްވާފައިވާ އުޞޫލަކީ، ފުރަތަމަ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހާ ބެލުމެވެ. އެއަށްފަހު މާ، ސީރިއަސް ބަލިމީހެއް ކަމުގައި ބެލެވޭ މީހުން ރާޒީގެ އަރިހަށް ފޮނުވުމެވެ. އެ ފަދަ ބަލިމީހުން ބައްލަވަނީ ޚުދު ރާޒީ އެވެ. އެ ފަދަ މީހުންނާބެހޭ ފަރުވާ ކުރެވެނީ ސީދާ ރާޒީގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ. ރާޒީ ބޭސް ކުރައްވަމުން ގެންދަވާއިރު ދިމާވާ ހުރިހައި ކަމެއް ނޯޓު ކުރައްވަމުން ގެންދަވަ އެވެ.

ޢިލްމީ ޚިދުމަތްތައް

ވިސްނުންތެރި ޑޮކްޓަރ، އިމާމު ރާޒީ ބޭސް ފަރުވާ ކުރުމުގެ ދާއިރާއަށް ވަރަށް ގިނަ ޚިދުމަތް ތަކެއް ކޮށްދެއްވިއެވެ. އޭނާ އާ އެތައް ތަޖުރިބާ ތަކެއް ކުރެއްވިއެވެ. އަދި ބޭސް ވެރިކަމުގެ ފަންނަށް އެތައްކަމެއް އިތުރު ވިއެވެ.

އެންމެ ފުރަތަމަ ދެވޭ އެހީ

އެންމެ ފުރަތަމަ ދެވޭ އެހީ  FIRST AID ގެ އުޞޫލު ތަޢާރަފް ކުރެއްވީ، އިމާމް ރާޒީ އެވެ.

ޝަހަރެއްގައި ސަރުކާރުން ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅަންވެގެން ރާޒީއަށް ދެންނެވުނެވެ. ރާޒީ އެކަން ކުރެއްވީ ވަރަށް މޮޅަށެވެ. އޭނާ އެންގެވީ ޝަހަރުގެ އެކި ހިސާބު ތަކުގައި ބޮޑެތި އެއްގަމު މަސްބުރިބުރި، ހާމައަށް ބެހެއްޓުމަށެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު އެ މަސްބުރިތައް ބަލާ ޗެކް ކުރަމުން ގެންދާށެވެ. އަދި ވާގޮތް ތަފްޞީލުކޮށް ލިޔުމަށެވެ. ކޮންމެއްކަސް ޑޮކްޓަރުންގެ ބޮޑު ޖަމާޢަތަކުން ރާޒީ ވިދާޅުވި ގޮތަށް މިކަން ކޮށް  ނިންމައިފިއެވެ. ޗެކް ކުރެވުނު ކަންތައްތަކތގައި ހިމެނެނީ ވަހަށް އައި ބަދަލު، ކުލައަށް އައި ބަދަލު، ރަހައަށް އައި ބަދަލު އަދިވެސް މަސްގަނޑުތަކަށް އައިސްފައިވާ މަޑުކަމާއި ހިކުމާ މި ކަހަލަ ތަފާތު ބަދަލު ތަކެވެ.

ތިން ވަނަ ދުވަހު ޗެކުކޮށް ބެލުމަށްފަހު އެއްވެސް ބާވަތެއްނުވެ، ހުރިގޮތަށް، ތާޒާކޮށް، މަސް ބުރިބުރި ހުރި ހިސާބަކާ ދިމާވި އެވެ. ރާޒީ އެންގެވީ އެ ތަނުގައި ހޮސްޕިޓަލު ބިނާ ކުރުމަށެވެ.

ރާޒީއަކީ، ވަރަށް ވަރުގަދަ ސިކުނޑިއެއްގެ ވެރި ޢާލިމެކެވެ. އޭނާއަކީ، ވަރަށް މޮޅު ފިޒިކުސް ގެ ޢިލްމުވެރިއެކެވެ. އޭނާ މާއްދާ ގެ މައްޗަށް ވިސްނައިވަޑައިގަތުމަށްފަހު އެ ބައިބަޔަށް ބެއްސެވި އެވެ. އެއީ ހަރު އެއްޗެއްސާއި ހެދި ބޮޑުވާ އެއްޗެއްސާއި ޙައިވާނުން ނެވެ. އަނެއްބައި ތަކަކީ، ހެދިބޮޑުވާ ކެމިކަލް އާއި ހެދި ބޮޑުނުވާ ކެމިކަލް އެވެ. ދެން އެއަށްފަހު އެ ތަކެތި ފޮތެއްގެ ސިފައިގައި އެކުލަވައިލެއްވި އެވެ.  

އޭނާ، ބޭސްހެދުމަށްޓަކައި ބޭނުން ކުރެވޭ ފަތްޕިލާވެލި  ގެ މައްޗަށް ތަޖުރިބާތަކެއް ކުރެއްވުމަށް ފަހު އޭގެ ތާސީރާ ފައިދާ ފަދަ މަޢުލޫމާތުން ފޮތެއް އެކުލަވައި ލެއްވި އެވެ.

ރާޒީ، ބޭހުގެ ޞައްޙަ މިންގަނޑާއި ބަރުދަން ހޯއްދެވުމަށްޓަކައި، اَلْمِيْزَانُ الطَّبَعِي-hydrostatic balance     އީޖާދު ކުރެއްވި އެވެ. މި ތަރާޒޫއަކީ، ވަރަށް ހަމަ ތަރާޒޫ އެކެވެ. ދުނިޔޭގެ ހުރިހައި ތަނެއްގައި ވެސް ސައިންސު ރޫމްތަކުގައި މި ތަރާޒޫ ބޭނުން ކުރެވެ އެވެ.

ރާޒީގެ އެންމެ ބޮޑު ޚިދުމަތަކީ، ފާނަބަސަންދާ ބެހޭގޮތުން ކުރެއްވި ތަޙްޤީޤެވެ. އެ ބަލީގެ މައްޗަށް ވަރަށް ފުންކޮށް ތަޙްޤީޤު ކުރައްވައި އެ ބަލިޖެހެން މެދުވެރިވާ ސަބަބު ހޯއްދެވި އެވެ. އެ ބަލިން ރައްކާތެރިވާނެ މަގާއި ފަރުވާ ހޯއްދެވި އެވެ. އަދި މި ހުރިހައި މަޢުލޫމާތެއް ފޮތެއްގެ ސިފައިގައި އެކުލަވައި ލެއްވި އެވެ. މިއީ މި ބަލީގެ މައްޗަށް ފޮތެއް ލިޔުނު އެންމެ ފުރަތަމަ ޢިލްމު ވެރިޔާ އެވެ. އަދި އެ މަވްޟޫޢުގައި އެފޮތަކީ، މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް އެންމެ ފުރަތަމަ ފޮތެވެ. މި ފޮތް ވެސް އެތައް ސަތޭކަ އަހަރެއް ވަންދެން ޔޫރަޕުގެ މެޑިކަލް ކޮލެޖް ތަކުގައި ކިޔަވައި ދެވުނެވެ.

އަލްކަހޯލް

اَلْكُحُلْ-Alcohol އީޖާދު ކުރެއްވީ ވެސް ރާޒީ އެވެ.
ސާޖަރީގައި ބޭނުންކުރެވޭ އާލަތެއް (އިންސުޓުރޫމަންޓެއް) އިމާމް ރާޒީ އުފެއްދެވި އެވެ. އެއީ

مِبْضَعُ الْجَرَّاح- dissecting-knife އެވެ.



ރާޒި އަކީ، ޢިލްމުލް އަޚުލާޤުގެ ވެސް ޢާލިމެކެވެ. އޭނާ ދިރިއުޅުމުގެ ޞައްޙަ މަޤްޞަދު ބަޔާންކޮށްދެއްވައިފައިވެ އެވެ. އޭނާ ހިތާމަ އާއި އުފަލާއި މޮޅިވެރިކަން ފަދަ އިޙްސާސްތައް ވަރަށް ރަނގަޅަށް ޢިލްމީ ޝަރަޙައަކުން ބަޔާންކޮށް ދެއްވާފައިވެ އެވެ.

އިމާމް ރާޒީ އެންމެ އަރައިހުންނެވި ޢިލްމަކީ ބޭސްވެރިކަމުގެ ޢިލްމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބޭސްވެރި ކަމުގައި އިމާމް ރާޒީގެ ބަހަކީ، އިލާހީ ވަޙީފަދަ ތެދު އެއްޗެކެވެ.

ބޭސްވެރިކަމާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވަނީ

 " ބޭސްވެރިކަން އޮތީ މަރުވެފަ އެވެ. އެ ދިރުވީ، ޖާލީނޫސް އެވެ. އެ ފަންނު އޮތީ ވިއްސި ވިހާލިވެފަ އެވެ. އެ އެއްތަންކުރެއްވީ، ރާޒީ  އެވެ. އެ ފަންނު އޮތީ އުނިކޮންނެވެ. ފުރިހަމަ ކުރެއްވީ، އިބުނި ސީނާ  އެވެ. "

ރާޒީގެ އެންމެ މަޝްހޫރު ފޮތަކީ، اَلْحَاوِي އެވެ. ދެވަނަ ފޮތަކީ، اَلْمَنْصُورِي އެވެ. އަދިވެސް ކިތަންމެ ފޮތް ފޮތެއް އޭނާ ލިޔުއްވާފައި ވެއެވެ. އޭގެ ތެރޭގައި بَرْءُ السَّاعَةِ އާއި اَلْجُدْرَي وَ الْحَصَبَةُ އާ ހިމެނެ އެވެ. ހަމަ އެހެންމެ رَسَائِلُ الرَّازِي اَلْفَلْسَفِيَّةِ އާއި اَلطِّبُّ الرُّوحَانِي އާއި مُنَاظَرَاتٌ بَيْنَ أَبِي حَاتِمِ الرَّازِي وَأَبِي بَكْرِ الرَّازِي  ހިމެނެ އެވެ. ރާޒީގެ ފޮތްތައް ޔޫރަޕުގެ ތަފާތު ބަސްބަހަށް ތަރުޖަމާ ކުރެވިފައި ވެ އެވެ. 17 ވަނަ ޤަރުނާހަމައަށް ރިފަރެންސު ފޮތްތަކެއްގެ ގޮތުގައި މި ފޮތްފޮތް ޔޫރަޕުގައި ބޭނުން ކުރެވުނެވެ. ޔޫރަޕުގެ މީހުން اَلرَّازِي އަށް، جَالِيْنُوسُ الْعَرَبُ - ޢަރަބި ޖާލީނޫސް އެވެ ކިޔަ އެވެ.

1913 ގައި، ލަންޑަނުގައި އޮތް ބައިނަލް އަޤްވާމީ ބޭސްވެރިކަމުގެ ކޮންފަރެންސުގައި " ރާޒީ، އަދި ބޭސްވެރިކަމުގެ ފަންނު" ގެ މައްޗަށް، އޭނާ ކުރެއްވި ތަޙްޤީޤުތަކާއި އޭނާގެ ނަޒަރިއްޔާތަކުގެ މައްޗަށް ވާހަކަ ދެކެވުނެވެ. އަދި އޭނާއަކީ، ބޭސްވެރި ކަމުގެ ފަންނުގެ އިމާމު ކަމުގައި ޤަބޫލު ކުރެވުނެވެ.

1930 ގައި ފުރާންސުގެ ޕެރިހުގައި، ރާޒީގެ 1000 ވަނަ އުފަންދުވަސް ފާހަގަ ކުރެވުނެވެ. އެ ޖަލްސާގައި ވެސް ރާޒީގެ ވަރަށް ގިނަ ބޭސްވެރިކަމުގެ ޚިދުމަތާ ބެހޭގޮތުން ވަރަށްގިނަ މީހުން ވާހަކަދެއްކި އެވެ. އޭގެ މައްޗަށް ބަޙުޘް ކުރެވުނެވެ.

ރާޒީގެ ފޮތެއްގެ ޞަފުޙާއެއް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ