ޢަބްދުލްމުޢީދު ޙަސަން
މައިގަނޑު ގޮތެއްގައި ލެޓިން އަކުރު އުފެދިފައިވަނީ، ޔޫނާނީ އަކުރުންނެވެ. ލެޓިން އަކުރަކީ، މިހާރު ދުނިޔޭގެ ގިނަ ބަސްތަކެއް ލިޔަން ބޭނުންކުރާ އަކުރެކެވެ. ކޮންމެ ބަޔަކު ވެސް އެބަޔެއްގެ ބަސް އެއިން ލިޔެ އުޅެނީ ވަކި ހަމަތަކެއްގެ މަތިންނެވެ. މީލާދީ ސަނަތުން ވިހިވަނަ ޤަރުނުގެ ތެރޭގައި، ގިނަ ޤައުމުތަކެއްގެ ބަޔަކު، އެމީހުންގެ އަމިއްލަ ބަސް، ލެޓިން އަކުރުން ލިޔަން ފެށިއެވެ.
ލެޓިން އަކުރު ފުރަތަމަ ބޭނުންކުރި ބަޔަކީ، ރޫމީންނެވެ. އޭގެ އަލިފުބާގައި، 23 އަކުރު ވިއެވެ. އެއީ، A, B, C, D, E, F, G, H, I, K, L, M, N, O, P, Q, R, S, T, V, X, Y, Z މިއެވެ. މީގެ ތެރޭގައި (J, U, W) ނުހިމެނެއެވެ. މިއީ، ފަހުން އިތުރު ކުރެވުނު ތިން އަކުރެކެވެ. ބައެއް ގައުމުތަކުގެ މީހުން މި ނޫން ކިތަންމެ އަކުރެއް އިތުރުކޮށްފައި ވެއެވެ. ބައެއް އަކުރުތައް އިތުރުކޮށްފައިވަނީ، އަޑަށެވެ. ބައެއް އަކުރުތައް އިތުރުކޮށްފައިވަނީ ފިއްޔަށެވެ.