އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
ޤާޟީ ޝުރައިޙަކީ އިސްލާމީ އުއްމަތުގެ ކުރީކޮޅުގައި އެންމެ މަޝްހޫރު އެއް ޤާޟީއެވެ. ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއި، ޢާލީގެފާނާއި، މުޢާވިޔަތުގެފާނުގެ ޒަމާނުގައި ޤާޟީ ޝުރައިޙު ކޫފާގެ ޤާޟީކަން ކުރެއްވިއެވެ.